ލައިފްސްޓައިލް

ސިޒޭރިއަން ހެދި ދެ މީހެއްގެ މަރާ މެދު ޝައްކުތަކެއް!

ޔޫކޭގެ ހޮސްޕިޓަލެއްގައި ސިޒޭރިއަން ހެދި ދެ މީހަކު މަރުވީ އެމީހުންގެ ސާޖަރީ ހެދި ޑޮކްޓަރެއްގެ އިނގިލީގައި ހުރި ހާޕްސް އިންފެކްޝަނެއް އެ މީހުންގެ ގަޔަށް އަރައިގެން ކަމަށް ޝައްކު ވެއްޖެ އެވެ.

ކިމްބަލީ ސެމްޕްސަން، 29، އާއި ސަމަންތާ މުލްކަހީ، 32، މަރުވެފައި ވަނީ ހާޕްސް އިންފެކްޝަނެއްގެ ސަބަބުންނެވެ. މި ދެ މީހުންގެ ސިޒޭރިއަން ވެސް 2018 ގައި ހަދައި ދިނީ އެއް ޑޮކްޓަރެކެވެ. މި ދެ އަންހެނުންގެ މަރުގެ ތަހުގީގު ކުރުމަށް ފަހު ތަހުގީގީ އިދާރާއިން އެމީހުންގެ އާއިލާގެ ކައިރީގައި ބުނެފައި ވަނީ ދެ މީހުން ވެސް މަރުވެފައި ވަނީ ހާޕްސް އިންފެކްޝަންގެ ސަބަބުން ކަމަށާއި އެއީ ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ ކުރިން އެމީހުންގެ ގަޔަށް އަރާފައިވާ ބައްޔެއް ކަމަށެވެ. އަދި އެ ދެ މަރުގައި އެއްވެސް ކަހަލަ ޝައްކު ކުރެވޭ ކަހަލަ ކަމެއް ނެތް ކަމަށެވެ.

ނަމަވެސް ބީބީސީން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ މި ދެ މީހުން މަރުވި ގޮތް އެ ނިއުސް އެޖެންސީ އިން ތަހުގީގުކޮށްފައިވާ ކަމަށާއި އެ ތަހުގީގުގެ ނަތީޖާ ދެއްކީ ތަފާތުކޮށް ކަމަށެވެ.

ސެމްޕްސަން އަކީ ބޯކޮށާ މީހެއްގެ ވަޒީފާ އަދާކުރި މީހެކެވެ. ސަމަންތާ އަކީ ނިއޯނެޓަލް ނަރުހެކެވެ. ކުޑައިރުއްސުރެ ލޯބިވެގެން އުޅުނު މީހާއާ ކައިވެނިކޮށް ސަމަންތާ މަރުވީ އަލަތު ދަރިފުޅު އޮޕަރޭޝަން ކޮށްގެން ނެގުމާ ގުޅިގެން ދިމާވި މައްސަލަ ތަކެއްގަ އެވެ.

ސެމްޕްސަން ވިހަން ވެގެން ބަނޑުގައި ރިހިރިހި ނުވިހައިގެން އޭނާގެ ސިޒޭރިއަން ހެދީ 2018 މޭ 3 ވަނަ ދުވަހު އެވެ. ދެ ދުވަސް ފަހުން އޭނާ ގެޔަށް ދޫކޮށްލި އެވެ. ނަމަވެސް ގެއަށް ދޫކޮށްލިފަހުން ކުއްލިއަކަށް ސެމްޕްސަންގެ ހާލު ގޯސް ވާން ފެށި އެވެ. އެންމެ ކުރިން އޭނާއަށް ވެގެން އުޅޭ ގޮތެއް ޑޮކްޓަރުންނަކަށް ވެސް ނޭނގުނެވެ. އޭނާއަށް ޖެހިގެން އުޅެނީ ހާޕްސް އިންފެކްޝަނެއްކަން އެނގުނީ މާ ފަހުންނެވެ. ފަރުވާ ދެމުން ދަނިކޮށް މޭ 22 ވަނަ ދުވަހު ސެމްޕްސަން މަރުވީ އެވެ.

ސަމަންތާ ވިހަން ބަނޑުގަ ރިހެން ފެށީ ދުވަސް ފުރެން ހަތަރު ހަފުތާ އޮއްވަ އެވެ. އޭނާގެ ސިޒޭރިއަން 2018ގެ ޖުލައިގައި ހެދީ ސެމްޕްސަންގެ ސިޒޭރިއަން ވެސް ހެދި ހޮސްޕިޓަލުން ހަމަ އެ ޑޮކްޓަރެވެ. އޭނާއަށް ވެސް ދިމާވީ ސެމްޕްސަން އަށް ދިމާވި ކަހަލަ ގޮތެކެވެ. ގެއަށް ދޫކޮށްލުމާއެކު ކުއްލިއަކަށް ބަލި ހާލު ގޯސްވާން ފެށީ އެވެ. އޭނާގެ ބައްޔަކީ ވެސް ހާޕްސް އިންފެކްޝަނެއް ކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ. ފަރުވާ ދެމުން ދަނިކޮށް ސަމަންތާ ވެސް ވަނީ މަރުވެފަ އެވެ.

އެ ދެ މީހުން ވިހާ ދަރިންގެ ސިއްހަތު މުޅިން ބަރާބަރެވެ. ބީބީސީން މި ދެ މީހުން މަރުވި ގޮތުގެ އިންވެސްޓިގޭޝަނެއް ހެދުމުން އެނގުނު ގޮތުގައި ދެ މީހުން ވެސް މަރުވާން މެދުވެރިވީ އޮޕަރޭޝަން ކުރުމުގެ ތެރޭގައި އެމީހުންގެ ގަޔަށް އެރި ބައްޔެއްގެ ޖަރާސީމުންނެވެ. އެއީ ސިޒޭރިއަން ހެދި ޑޮކްޓަރު ނުވަތަ އެތަނުގައި ޑޮކްޓަރަށް އެހީވާން ހުރި ނަރުހެއްގެ ފަރާތުން ދިމާވި ކަމެއް ކަމަށް ބެލެވެ އެވެ.

ދެ މީހުންގެ ގައިން ވެސް ފެނުނު ވައިރަސްގެ ބައިތައް މުޅިން އެއްގޮތެވެ. އެހެންކަމުން އެމީހުންގެ ސިޒޭރިއަން ހަދައިދިން ސާޖަންގެ ގައިގައި ނުވަތަ އޭނާގެ އިނގިލީގައި ހާޕްސް އިންފެކްޝަން ހުރީ ކަމަށް ބެލެވެނީ އެވެ. އަދި މި ސާޖަރީ ހެދުމުގެ ތެރޭގައި މި އިންފެކްޝަން އެ ދެ އަންހެނުންގެ ބަނޑަށް ވާސިލުވީ ކަމަށް ވެއެވެ.

ޔޫކޭގެ ސެކްޝުއަލް ހެލްތު ކޮންސަލްޓަންޓް ޕީޓާ ގްރީންހައުސް ބީބީސީއަށް ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައިވާ ގޮތުގައި މިކަހަލަ ކޭސްތަކުގައި ކިހިނެއްކަންވީ 100 ޕަސެންޓް ޔަގީންކޮށް ބުނާކަށް އެކަކަށް ވެސް ނޭނގޭނެ އެވެ. ނަމަވެސް އެމީހުންގެ އަތުގައި ހުރި ހެކިތަކަށް ބަލާއިރު މަރުވި ދެ މީހުން ސިޒޭރިއަން ހަދަން ހޮސްޕިޓަލުގައި އެޑްމިޓްކުރުމުގެ ކުރިން އެމީހުންގެ ގަޔަށް އިންފެކްޝަން އަރާފައި ހުރެދާނެކަމާ މެދު ޝައްކެވެ.

މި ދެ ސިޒޭރިއަން ހެދި ޔޫކޭގެ އީސްޓް ކެންޓް ހޮސްޕިޓަލުގެ ބަޔާނެއްގައި ބުނެފައިވަނީ އެ ދެ އަންހެނުންގެ ސިޒޭރިއަން ހަދައިދިން ޑޮކްޓަރުގެ ގައިގައި ހާޕްސް އިންފެކްޝަނެއް ނެތްކަމަށް އެމީހުންގެ ސާޖަރީ ހެދި ޑޮކްޓަރު އަނގަބަހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބުނި ވާހަކަތަކަކީ ތެދެއްކަން ޔަގީންކުރަން އެއްވެސް ކަހަލަ ތަހުގީގެއް ކޮށްފައި ނުވާ ކަމަށެވެ.