ލައިފްސްޓައިލް

މީހަކު މަރުނުވާކަމަށް ޑޮކްޓަރުގެ ލިޔުމެއް ހޯދަން ޖެހިއްޖެ

ތިމާގެ އަމިއްލަ މަރުގެ ވާހަކަ އަޑުއަހާކަށް އެކަކަށް ވެސް ކުޅަދާނައެއް ނުވާނެ އެވެ. ނަމަވެސް ޔޫކޭގެ ހަންގަފޯޑް، ބާކްޝަޔާގައި މިހާރު ހިނގައިގެން އުޅެނީ މިފަދަ އަޖައިބުން އަންތަރީސްވާ ފަދަ ކަމެކެވެ.

މާކް ކުސަކް ކިޔާ 48 އަހަރުގެ މީހަކަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ވާކް އެންޑް ޕެންޝަންސް އިން ފޮނުވި ސިޓީއެއްގައި އޭނާ މަރުވެފައިވާ ކަމަށް ބުނެފައި އޮތުމުންނެވެ. އެހެންވެ އޭނާ "މަރުވުމުން" އޭނާގެ މިހާރު ނެޝަނަލް އިންޝުއަރެންސް ނަންބަރެއް ނެތެވެ. މާނައަކީ އޭނާގެ ބޭސް ފަރުވާ ސަރުކާރުން ދޭ އިންޝުއަރެންސް ކަވަރެއް ނުވާނެ އެވެ.

ކުރިން ޓައުން ކައުންސެލާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މާކް ދިރިއުޅެނީ އޭނާގެ ކުއްތާއާއެކު ވަރަށް އެކަހެރި ދިރިއުޅުމެކެވެ. މާކް ބުނި ގޮތުގައި އޭޏާ "މަރުވި" ވާހަކަ މިހާރު އޮތީ ލޯކަލް ކައުންސިލް އަށް ވެސް އަންގާފަ އެވެ.

މިކަމުގެ ސަބަބުން މާކް އަށް ވަރަށް ގިނަ ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އޭނާއަށް ކައުންސިލް ޓެކްސް ދެއްކޭނެ ގޮތެއް ނެތެވެ.

މިއީ ވަރަށް މަޖާ ކަމަކަށް މާކް އަށް ވެސް ވަނީ ވެފަ އެވެ. ނަމަވެސް މިކަމާ ގުޅިފައިވާ އުނދަގޫތައް މާ ގިނަ އެވެ. އެހެންވެ އޭނާ ޑޮކްޓަރެއް ކައިރިއަށް ގޮސް އެ ޑޮކްޓަރުގެ ސިޓީއެއް ހޯދި އެވެ. އޭނާ "މަރުނުވާ ކަމަށާއި ނޭވާލާ ކަމަށް" ޑޮކްޓަރު ލައްވާ މި ސިޓީގައި އޭނާ ލިޔުއްވިއެވެ.

"މި މީހާގެ ޖެނެރަލް ޕްރެކްޓިޝަނާގެ ހައިސިއްޔަތުން އަހަރެން ލިޔަމެވެ. މި ސިޓީގައި ބަޔާންކޮށްފައިވާ މީހާ މިއަދު އަހަރެން ކައިރިއަށް އައެވެ. އަދި ދިރިހުރިކަމުގެ ޔަގީންކަން އަހަރެން ދެމެވެ." ޑޮކްޓަރުގެ ސިޓީގައި ވެއެވެ.

މިގޮތަށް ބައެއް ފަހަރަށް ދިމާވަނީ އެއް ނަމެއް ކިޔާ އެހެން މީހަކު މަރުވުމުން އަރާ އޮޅުންތަކުންނެވެ. ނަމަވެސް މާކް މަރުވިކަމަށް ކަމާ ބެހޭ އިދާރާތަކުން ނިންމި ސަބަބެއް އަދި އޭނާއަކަށް ވެސް ނޭނގެ އެވެ.

މީގެ ކުރިން އެމެރިކާގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. ވޮޝިންތަން ޑީސީގައި ދިރިއުޅޭ ސޫޒަން އާއި ޑާބީ ނައިގެ ކައިވެންޏަށް 30 އަހަރު ފުރުނުފަހުން އެއް ދުވަހު ސޫޒަން އަށް ތައުޒިޔާގެ މެސެޖުތަކެއް ލިބެން ފެށި އެވެ. އޭނާގެ ފިރިމީހާ ޑާބީ މަރުވެއްޖެކަމަށް ބުނެ އެކި އިދާރާތަކުން ފޮނުވަމުންދިޔަ މެސެޖު ތަކެކެވެ. އަދި ފާމަސީއިން ޑާބީ ބޭހެއް ގަންނަން ދިއުމުން އިންޝުއަރެންސް ނެތި އެ ބޭސް ގަނެވޭ ގޮތް ނުވުމުން މި މީހުން ބެންކަށް ގުޅައިގެން ބެލިއިރު އޭނާ މަރުވެފައިވާކަމަށް ކަމާ ބެހޭ އިދާރާތަކުން ބެންކަށް ވެސް ވަނީ އަންގާފަ އެވެ.

އެމެރިކާ މީހަކު މަރުވެއްޖެނަމަ އެމީހެއްގެ ނަން "ޑެތު މާސްޓާ ފައިލް" އަށް އަރުވާނެ އެވެ. މި މައުލޫމާތަށް ބަލައި ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން އޭނާގެ ހުރިހާ ފައިސާގެ މުއާމަލާތެއް ބަންދުކުރާނެ އެވެ. އެހެންކަމުން "ޑެތު މާސްޓާ ފައިލް"ގައި ކުޑަކުޑަ ޓައިޕިން ކުށެއް ޖެހުނަސް މަރުނުވާ މީހަކު މަރުވިކަމަށް ސަރުކާރުގެ އިދާރާތަކަށް މައުލޫމާތު ލިބެ އެވެ.