ލައިފްސްޓައިލް

ގޯސްޓަކާ ކައިވެނިކޮށްގެން އުޅޭ ޔޫކޭ އަންހެނަކު ވަރިވާން ބޭނުންވެއްޖެ

ބުއްދިއަށް ގަބޫލުކުރަން ދަތި ކައިވެނިތައް ވެސް ދުނިޔޭގެ ބައެއް މީހުން ކުރާ ތަން ފެނެ އެވެ. މިސާލަކަށް އަމިއްލަ ނަފްސާ ކައިވެނި ކުރުން ނުވަތަ ބުދަކާ ކައިވެނި ކުރުން ފަދަ ކައިވެނިތަކެވެ.

އިނގިރޭސި ވިލާތުގެ އަންހެނަކު ކޮށްގެން މިއުޅެނީ މި ދެންނެވި ވައްތަރުގެ ކައިވެނިތަކަށް ވުރެ ވެސް މާ އަޖައިބުކަން ބޮޑު ކައިވެންޏެކެވެ. އޭނާ ބުނާ ގޮތުގައި އޭނާ ކައިވެނިކޮށްގެން އުޅެނީ މަރުވެފައިވާ އިންސާނެއްގެ ރޫހަކާ ނުވަތަ ގޯސްޓަކާ އެވެ.

ރޮކާ ބްރޮކާޑޭ ނަމަކަށް ކިޔާ މި އަންހެންމީހާ އަކީ ލަވަކިޔުންތެރިއެކެވެ. އަދި ލަވަތައް ލިޔާ ޝާއިރެއް ވެސް މެއެވެ. ބްރޮކާޑޭ ބުނާ ގޮތުގައި އޭނާ ކައިވެނިކޮށްގެން އުޅެނީ އޭނާ އެންމެ ލޯބިވާ މީހާ އެޑްވާޑޯ އާއެވެ. ނަމަވެސް އެޑްވާޑޯ އަކީ ވިކްޓޯރިއަން ޒަމާނުގައި ދިރިއުޅުނު ސިފައިންގެ މީހެކެވެ. އޭނާ މަރުވިތާ މިހާރު އެތައް ސަތޭކަ އަހަރެއް ވެއްޖެ އެވެ.

މި ދެ މީހުން ކައިވެނިކުރީ 2022 ވަނަ އަހަރު ކަމަށް ބްރޮކާޑޭ ބުންޏެވެ. ބްރޮކާޑޭ ބުނާ ގޮތުން އޭނާގެ ކައިވެންޏަށް އަދި ވީ ފަސް ވަރަކަށް މަހެވެ. މިހާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފިރިމީހާ ކައިރިން ވަރިވާން ބްރޮކާޑޭ ބޭނުންވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންވެ ކިޔެވެލި ކިޔަވާ މީހެއްގެ އެހީގައި މި ގޯސްޓް އޭނާގެ ހަޔާތާ މުޅިން ދުރަށް ފޮނުވާލަން ބްރޮކާޑޭ މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.

ބްރޮކާޑޭ ބުނި ގޮތުގައި އޭނާގެ "ފިރިމީހާ"އާ ހެދި މިހާރު އޭނާ އަށް ދިރިއުޅެން ދަތިވެއްޖެ އެވެ. އަބަދާ އަބަދު އޭނާއަށް ފާރަލައި ބިރުގަންނަވާ ހަދަ އެވެ. ތުއްތު ކުއްޖެއް ރޯ އަޑު ނެރެގެން އޭނާއަށް އަބަދާ އަބަދު ގޮވައި އުނދަގޫ ކުރެ އެވެ. އެހެންވެ ދެން އިތުރަށް އޭނާއާއެކު ނޫޅެވޭނެ ކަމަށް ބްރޮކާޑޭ ބުންޏެވެ.