ލައިފްސްޓައިލް

ކައިވެނިކުރިތާ ހަފުތާއެއް ތެރޭ އަނބިމީހާ މަރުވުމުން މީހެއްގެ ހިތް ހަލާކުވެފައި

ޑޭވިޑް މެކްލާފްލިން އަކީ 35 އަހަރުގެ ޒުވާނެކެވެ. އުމުރުން 33 އަހަރުގެ މިޝޭލް ކްރޯވް އާއި ޑޭވިޑް އަކީ ވަރަށް ކުޑައިރުއްސުރެ ދެ ލޯބިވެރިންނެވެ. ނަމަވެސް ދެ ލޯބިވެރިންގެ ކައިވެންޏަށް އެންމެ ހަފުތާއެއް ތެރޭ މިޝޭލް ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.

ލޯބިވާ އަނބިމީހާ މަރުވުމުގެ ހިތާމައިގައި ޑޭވިޑް ވަނީ ސޯޝަލް މީޑީއާގައި ވަރަށް އަސަރުގަދަ ޕޯސްޓެއްވެސް ޝެއާ ކޮށްފަ އެވެ.

"އަހަރެމެން ދެ މީހުންނަށް އެކުގައި ހޭދަކުރަން ލިބުނީ ކިތަންމެ ކުޑަ ވަގުތުކޮޅެއް ނަމަވެސް މިޝޭލް އަކީ ކިހާ އޯގާތެރި ކިހާ ރަނގަޅު އަންބެއް ވީހާވެސް ގިނަ ބަޔަކަށް އެނގެން ބޭނުން. ކިތަންމެ ކުރު މުއްދަތަކަށް ނަމަވެސް އޭނާ ދެކެ ލޯބިވާނެ ފުރުސަތު ލިބުނީ އަހަރެންގެ ނަސީބުން ކަމުގައި ދެކެން،" ޑޭވިޑްގެ ޕޯސްޓްގައި ވެއެވެ.

ޑޭވިޑް އާއި މިޝޭލްގެ ކައިވެންޏަށް ހަފުތާއެއް ވިޔަސް އެމީހުން އެކުގައި ދިރިއުޅޭތާ 19 އަހަރު ވެއްޖެ އެވެ. އަދި 13 އަހަރުގެ ކުއްޖަކާއި 14 މަހުގެ ކުއްޖެއް އެމީހުންގެ އެބަތިއްބެވެ.

މިޝޭލް މަރުވީ އުރަމަތީގެ ކެންސަރުގެ ވޭނުގައި ގިނަ ދުވަސް ތަކަކު އުޅުމަށް ފަހު އެވެ. މިޝޭލް އާ ކައިވެނިކުރަން ޑޭވިޑް ނިންމީ އޭނާ ދެން މާގިނަ ދުވަހު ދުނިޔޭގައި ނޯންނާނެ ކަމަށް ޑޮކްޓަރުން ބުނުމުންނެވެ. އެމީހުން ކައިވެނިކޮށްފައިވަނީ ހޮސްޕިޓަލުގަ އެވެ.

މިއަހަރުގެ މާޗް 25 ވަނަ ދުވަހު މިޝޭލް މަރުވިއިރު އެމީހުންގެ ކައިވެންޏަށް ވީ އެންމެ ފަސް ދުވަހެވެ.