ލައިފްސްޓައިލް

ނިދިފައި އިންދާ މަންމައަތުން ދޫވެގެން ވެއްޓި ދަރިފުޅު މަރު!

ސޯފާއެއްގައި ތުއްތު ދަރިފުޅު ގޮވައިގެން އިންދާ މަންމައަށް ނިދި، މަންމަ އަތުން ދަރިފުޅު ދޫޥެގެން ބިންމައްޗަށް ވެއްޓި މަރުވެއްޖެ އެވެ.

ސައުތު އީސްޓް ލަންޑަންގެ ވޫލްވިޗްގައި ދިރިއުޅޭ މި މަންމަ އޭނާގެ ހަ ހަފްތާގެ ދަރިފުޅު ލިލީ-މާރީ ޓީނާ ގޮވައިގެން ސޯފާގައި އިނީ ކުއްޖާގެ ބުއްފުޅި ޖައްސައިގެންނެވެ. އެހެން އިންދާ ދެ މައިންނަށް ވެސް ނިދުނީ އެވެ. މި ދެމައިން ތިބި ކޮޓަރީގައި ކުއްޖާގެ ބައްޕަ ވެސް ނިދާފައި އޮތެވެ.

ފެބްރުއަރީ 1، 2021ގައި ހިނގި މި ހާދިސާގައި އެންމެންނަށް ނިދިފައި ތިއްބާ އެންމެ ކުރިން ހޭލެވުނީ ކުއްޖާގެ ބައްޕަ އަށެވެ. އަދި ހޭލެވުމާއެކު ސޯފާގައި އިން އޭނާގެ އަންހެނުންގެ އަތްދަނޑިމަތީގައި އޮތް ކުއްޖާ ނެތްކަން އެމީހާއަށް ވިސްނުނެވެ. އަދި އޭނާ ތަންތަން ހޯދާ ބަލާލިއިރު ކުއްޖާ އޮތީ އަންހެނުންގެ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓިފަ އެވެ. އޭނާ ދުވެފައި ގޮސް ކުއްޖާ ނެގިއިރު ކުއްޖާގެ ހަރަކާތް ނެތުމުން ކޮންމެވެސް ކަމެއް ދިމާވެފައި އޮތްކަން ޔަގީންވުމުން ވަގުތުން އިމަޖެންސީ ނަމްބަރަށް ގުޅައިގެން ޕެރަމެޑިކްސް ގެނަ އެވެ.

ވޫލްވިޗްގެ ކުއީން އެލިޒަބަތު ހޮސްޕިޓަލަށް މި ކުއްޖާ ގެންދިޔައީ ދަންވަރު 3.00 ޖަހައިފި އެވެ. ވަގުތުން ކުއްޖާގެ ސީޓީ ސްކޭން ހަދައިގެން ބެލިއިރު ވެއްޓުމުގެ ސަބަބުން ކުއްޖާގެ ސިކުނޑިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފަ އެވެ. އަދި ހެނދުނު އިރު އެރިތަނާ ކުއްޖާ މަރުވީ އެވެ.

ލަންޑަންގެ ކޯޓެއްގައި މިހާރު މި މައްސަލައިގެ ޝަރީއަތް ހިނގަމުންދާއިރު އެންމެން ވެސް އެއްބަސްވެފައިވަނީ ކުއްޖާ މަރުވާން ދިމާވީ އެކްސިޑެންޓެއްގެ ސަބަބުން ކަމަށެވެ.

އަންހެންމީހާގެ ގާނޫނީ ވަކީލު ކޯޓުގައި ބުނީ އެ ހާދިސާ ހިނގި ވަގުތު ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އެ ކުއްޖާ ތިބީ އެއް ކޮޓަރިއެއްގައި ކަމަށެވެ.

ލިލީ އަށް ބުއްފުޅި ދިނުމުން އޭނާގެ މަންމަގެ އަތް މަތީގައި އޮވެ ނިދުނީ ކަމަށާއި އަދި އެހެން އިންދާ ކުއްޖާގެ މަންމައަށް ވެސް ނިދުނީ ކަމަށެވެ.

ކުއްޖާ ބެލި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރާއި ފޮރެންސިކް ޕެތޯލޮޖިސްޓް ވެސް ކޯޓުގައި ބުނީ އެ ކުއްޖާ މަރުވެފައިވަނީ ވެއްޓިގެން ސިކުނޑިއަށް ލިބުނު ގެއްލުންތަކުން ކަމަށެވެ. އަދި ކުއްޖާއަށް ރައްކާތެރި ނޫން މާހައުލެއްގައި ކުއްޖާ ގޮވައިގެން ބޮޑެތި މީހުން ތިބިކަން ފާހަގަކޮށްފައި ވެއެވެ. އަދި މިއީ އެއްވެސް މީހަކު ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެކްސިޑެންޓެއް ކަމަށް ކޯޓުގައި ބަޔާން ދިން އެންމެން ވެސް ބުނެފައި ވެއެވެ.

މި މައްސަލައިގެ ޝަރީއަތް އަދި ވަކި ގޮތަކަށް ނުނިމެ އެވެ.