ލައިފްސްޓައިލް

ފާހާނާގައި ފޯނު ގެންގުޅުނު ކުއްޖެއް ކަރަންޓުގައި ޖެހި މަރުވެއްޖެ

ފޯނު ހިފައިގެން ފާހާނާ އަށް ވަދެ ރައްޓެއްސަކާ ވާހަކަ ދައްކަން އިން އިޓަލީގެ 16 އަހަރުގެ އަންހެން ކުއްޖަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.

މި ކުއްޖާ އެކުވެރިޔާ އާ ވާހަކަ ދައްކަން އިނީ ބާތު ޓަބް ތެރޭގަ އެވެ. އެ ވަގުތު ފޯނު އޮތީ ޗާޖަށް ވެސް ޖަހާފަ އެވެ. ވާހަކަ ދައްކަން އިންދާ ކުއްލިއަކަށް ފޯނު އޭނާ އަތުން ދޫވެގެން ބާތު ޓަބްގައިވާ ފެންތަކުގެ ތެރެއަށް ވެއްޓި ފެންގަނޑަށް ކަރަންޓު އައިސް މި ކުއްޖާ ވަގުތުން މަރުވީ އެވެ.

މި ހާދިސާ ހިނގިއިރު މާރިއޯ އެންޓޮއިނެޓް ކުޓިއްލޯ ނަމަކަށް ކިޔާ މި ކުއްޖާ ހުރީ އޭނާގެ މައިންބަފައިންގެ ގޭގަ އެވެ. އޭނާގެ މައިންބަފައިން ވެސް އަދި އިތުރު މީހަކު ވެސް އެ ވަގުތު ގެއަކު ނޫޅެ އެވެ.

ކުއްޖާ ފޯނުން ވާހަކަ ދައްކަ ދައްކާ ހުރެފައި ކުއްލިއަކަށް އޭނާގެ އަޑު ކެނޑުނު ގޮތުން ޝައްކުވެގެން އެކުވެރިޔާ ކަންބޮޑުވެގެން އިމަޖެންސީ ސާވިސް އަށް ގުޅުމުން އެ މީހުން ގޮސް ބެލިއިރު ކުއްޖާ އޮތީ ކަރަންޓުގައި ޖެހިގެން މަރުވެފަ އެވެ.

ފްރާންސްގައި 2020 ވަނަ އަހަރު ވެސް ހަމަ މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ. އެ ފަހަރު 15 އަހަރުގެ އަންހެންކުއްޖަކު މަރުވީ ބާތު ޓަބްގައި ފޯނު ޗާޖަށް ޖަހައިގެން ފޯނާ ކުޅެން އިންދާ ފޯނު މޭ މައްޗަށް ވެއްޓި ކަރަންޓުގައި ޖެހިގެންނެވެ.

އަދި 2019ގައި އެމްސްޓެޑަމްގައި ވެސް ހަމަ މިފަދަ ހާދިސާއެއް ހިނގައި 13 އަހަރުގެ ކުއްޖަކު ކަރަންޓުގައި ޖެހުނެވެ. ނަސީބަކުން އެ ވަގުތު އޭނާގެ މަންމައަށް އޭނާ ހަޅޭއްލަވައިގަތް އަޑު އިވިގެން އައިސް ކަރަންޓު ކަނޑާލައި އެ ކުއްޖާ ނަގައި ސަލާމަތް ކުރެވޭތޯ މަސައްކަތް ފެށި އެވެ. އަދި އިމަޖެންސީ ސާވިސް މީހުން އައިސް ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމުން ކޮންމެވެސް ވަރަކަށް ރަނގަޅުވި އެވެ. ނަމަވެސް އޭގެ ފަހުން ކުއްޖާ އެއްވެސް ކަމެއް ހަނދާން ނުހުންނަ ކަމަށް ޚަބަރުތައް ބުނެ އެވެ.

ފާޚާނާގައި ފޯނު ޗާޖަށް ނުޖެހުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ. ސަބަބަކީ ފެނުގެ އަސަރު ހުންނަ ތަންތަނުގައި ޑިވައިސް އެއް ކަރަންޓަށް ޖަހައިފިނަމަ އެ އެއްޗަކަށް ފަސޭހައިން ކަރަންޓު އަންނާތީ އެވެ.