އިނގިރޭސި ވިލާތުގެ 44 އަހަރުގެ އަންހެނަކު މިހާރު އެއްގޮތަކަށް ވެސް ފެންވަރާއިރު ގައި އުނގުޅަން ބޭނުންކުރާ އިސްޕަންޖު ނުގަނެ އެވެ. ސަބަބު ވަރަށް ވެސް މަޖަލެވެ. އޭނާ އިސްޕަންޖު ކާހިތްވާލެއް ބޮޑުކަމުން އެ ގަނެފިނަމަ ކާލެވޭތީ އެވެ.
ޔޫކޭގެ ނޯތު ވޭލްސްގެ ކްރިކިއެތުގައި ދިރިއުޅޭ ކްލެއާ ލުއިސް އޮވެން އިސްޕަންޖު ކާން ފެށީ އުމުރުން 14 އަހަރުގަ އެވެ.
ޓީންއޭޖް ދުވަސްވަރު އޭނާ ފުރަތަމަ އިސްޕަންޖު ކެއީ ފުރަތަމަ ފަހަރަށް ޕީރިއަޑްވެގެން އުޅުނު އިރު އެވެ. އޭރު އޭނާ ވަރަށް ހިތްވަރުކޮށްގެން ހަފުތާއަކު އެންމެ އިސްޕަންޖު ގަނޑެއް ކާލައިގެން ފުއްދާލަ އެވެ. ނަމަވެސް އިސްޕަންޖު ކާހިތް އޮންނަލެއް ބޮޑުކަމުން ކޮޓަރީގެ ކަބަޑެއްގައި އަބަދުވެސް އޭނާ އިސްޕަންޖުގަނޑެއް ބާއްވަ އެވެ. އަދި ދުވާލުގެ އެކި ވަގުތުތަކުގައި އޭގެ އެތިއެތިކޮޅު ނައްޓައިގެން ކައެވެ.
ކްލެއާ ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ޕައިކާ ކިޔާ ބައްޔެއް ޖެހިފައިވާ މީހެކެވެ. މިއީ އީޓިން ޑިސްއޯޑާ އެކެވެ. މި ބަލި ޖެހުމުން އާދަވެ މީހުން ކައި ނޫޅޭ ކޮންމެވެސް އެއްޗެއް ކާހިތް ވެއެވެ. ނަމަވެސް މިކަމާ ގަންނަ ލަދެއްގެ ބޮޑުކަމުން މިހާތަނަށް ވެސް ކްލެއާ މިކަމަށް ފަރުވާއެއް ކުރެވޭތޯ ޑޮކްޓަރަކާ ބައްދަލުކޮށްފައެއް ނެތެވެ.
މިހާރު ކްލެއާ އާއި އޭނާގެ ފިރިމީހާ ވަނީ އެއްގޮތަކަށް ވެސް ގެޔަށް އިސްޕަންޖު ނުގަންނަން ނިންމާފަ އެވެ. އިސްޕަންޖު ކެއުމަށް ކްލެއާ ހިފާފައިވާ ދެވި މަޑުމަޑުން ފިލައިގެން ދޭތޯ އެވެ.
ކްލެއާ ބުނި ގޮތުގައި އިސްޕަންޖުކޮޅު އަނގައިން ނައްޓާލާއިރު އޭނާއަށް ތަފާތު އިހްސާސެއް ކުރެވެ އެވެ. އަދި އެ ހަފައިގެން ދިރުވާލާއިރުވެސް ބުނަން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް އޭނާއަށް ލިބެ އެވެ. އޭނާއަށް އިސްޕަންޖުގެ ޓެކްސްޗާ ކަމުދަނީ ކަމަށާއި ކާލުމުން ލަނީ ވަރަށް ނުބައި ރަހައެއް ކަމަށް ކްލެއާ ބުންޏެވެ.
އިސްޕަންޖު ކާހިތް ކެނޑޭތޯ ޗޮކްލެޓެއް ކާލިޔަސް އިރުކޮޅަކުން ހަމަ އިސްޕަންޖު ކާހިތްވާކަމަށާއި ނިދާ ކޮޓަރީގެ އަލަމާރީގެ ވަތްގަނޑެއްގައި އިސްޕަންޖުކޮޅެއް ބާއްވައިގެން ދުވާލަކު މަދުވެގެން ދެ ތިން ފަހަރު ނަމަވެސް އޭގެ އެތިކޮޅެއް ކައިނުލާ ނުހުރެވޭ ކަމަށް ކްލެއާ ބުންޏެވެ.
ދެ ދަރިންގެ މަންމަ ބުނި ގޮތުގައި އެންމެ ބޮޑަށް އިސްޕަންޖުކާހިތް ވަނީ ޕީރިއަޑް ވެގެން އުޅޭ ދުވަސްވަރު އެވެ. ނަމަވެސް މިކަމުގެ ސަބަބުން ދިމާވެދާނެ ސިއްހީ ނުރައްކާތައް ކްލެއާ އަށް ވެސް އެނގެ އެވެ. ގެއަށް އެއްގޮތަކަށް ވެސް އިސްޕަންޖު ނުގަންނަން ކްލެއާ އާއި އާއިލާގެ މީހުން މިހާރު ނިންމައިގެން އުޅެނީ ދިމާވެދާނެ ސިއްހީ ނުރައްކަލެއްގެ ބޮޑުކަމުންނެވެ.
ކްލެއާ ގަބޫލުކުރާ ގޮތުގައި އޭނާއަށް މި މައްސަލަ ދިމާވަނީ ހަށިގަނޑުގައި ދަގަނޑުގެ ބައި މަދުވީމަ ކަމަށް އޭނާ ކުރިން ހީކުރި ކަމަށެވެ. ނަމަވެސް މިއީ ޕައިކާ ކިޔާ އީޓިން ޑިސްއޯޑާއެއްކަން މިހާރު އެނގިއްޖެ ކަމަށް ކްލެއާ ބުންޏެވެ.