ޝެއިޚާގެ "މޯލްޑިވްސް ޓޭސްޓްސް"އިން ދިވެހި ރަހަތައް ޔޫކޭއަށް

މިހާރު އުމުރުން 24 އަހަރުގެ، އައިމިނަތު ޝެއިޚާ އިނގިރޭސިވިލާތަށް ގޮސް ދިރިއުޅެން ފެށީ އޭނާގެ އުމުރުން އެންމެ 14 އަހަރުގަ އެވެ. މަންމަ އާއި ބައްޕަ އަދި މުޅި އާއިލާއާ އެކީ އިނގިރޭސިވިލާތުގެ، ވޭލްސްގެ އުތުރުގައި ވަޒަންވެރިވެ، ދިރިއުޅުމެއް ފެށިތާ ބަރާބަރު 10 އަހަރުވީ އެވެ. ސަމާ ބްރޭކްގައި މާލެ އައިސް އާއިލާއާ ބައްދަލުކޮށްލައި މަޖާކޮށްލުމުގެ ފުރުސަތު ލިބުނަސް، ކިޔެވުމުގައި ބިޒީވެ މިދިޔަ ފަސް އަހަރުވެސް ޝެއިޚާއަށް ރާއްޖެއަށް އާދެވޭ ގޮތެއް ނުވި އެވެ. އޭނާ އެންމެ ދެރަވެފައި ހުރީ އުފަން ގައުމާ ދުރުގައި އުޅެން ޖެހުނީމަ އެވެ. އޭނާ ބުނާ ގޮތުގައި އެއަށް ވުރެވެސް މާޔޫސްވަނީ، މާމަގެ ދިވެހި ކެއުންތަކުގެ ރަހަ އޭނާއަށް ނުލިބޭތީ އެވެ. ކިރު ގަރުދިޔަ އާއި ރޮށި މޮޑެގެން ނޫނީ ބަތާއި ގަރުދިޔަ ކާލަން ޝެއިޚާ ކިތަންމެ ބޭނުން ވިޔަސް އެ ނަސީބެއް އޭނާއަށް އޮތީ ނުލިބި އެވެ. އެފަދަ އެއްޗެއް ކާލަން ލިބޭނީވެސް ޗުއްޓީއެއް ލިބޭ ދުވަހަކުން އަމިއްލައަށް ބަދިގެއަށް ވަދެ ކައްކައިގެން އެވެ. އެކަމާ ހުރެ ޝެއިޚާ ހުރީ ދިވެހި ކެއުންތައް ތައްޔާރު ކުރަން ދެވި ހިފައިފަ އެވެ. އޭނާ ބޭނުންވީ މި ހަގީގަތް އެކީ ބަދަލުކޮށްލާށެވެ.

މީގެ މަހެއްހާ ދުވަސްކުރިން، ބަޔޯ މެޑިކަލް ސައިންސްއިން މާސްޓާޒްއަށް ކިޔަވާ ނިމި އޭނާ ވެސް، ހިންދެމި ލައިފި އެވެ. ވޭލްސްއިން ދިވެހި ރަހަތައް ނުލިބުމުގެ މާޔޫސްކަމުން ޝެއިޚާ ދެކެމުން އައި ހުވަފެނަކީ، އެ ސަރަހައްދުގައި ދިވެހި ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓެއް ހުޅުވައި ހިދުމަތް ފެށުމެވެ. ވޭލްސްއަށް ދިވެހި ރަހަތައް ގެނެސްދިނުމަށް ޝެއިޚާ ދެކެމުން އައި ޒަމާންވީ މި ހުވަފެން މިއަދު ވަނީ ހަގީގަތަކަށް ބަދަލުކޮށްފަ އެވެ. ވޭލްސްގެ، ބެންގޯ ހައި ސްޓްރީޓްގައި ބްރިޓިޝް ހާޓް ފައުންޑޭޝަނާ އިންވެގެން ހުންނަ އިމާރާތުގައި ޝެއިޚާ މިހާރު ވަނީ "މޯލްޑިވްސް ޓޭސްޓްސް" ގެ ނަމުގައި، ރެސްޓޯރަންޓެއް ހުޅުވައި ދިވެހި ކެއުންތައް ސާވްކުރަން ފަށައިފަ އެވެ. މެޑިސިންގެ ދާއިރާއިން މައްޗަށް ކިޔަވާފައި ހުއްޓަސް އޭނާ އަތުކުރި އޮޅާލައި ކައްކަން ބަދިގެއަށް ވަދެ އެ ހުރީ ވަރުގަދަ އަމުޒެއްގަ އެވެ. އޭނާ ބޭނުން ވަނީ ދިވެހި ކެއުންތައް ޔޫކޭ އަދި މުޅި ޔޫރަޕަށް ވެސް އާންމުކުރާށެވެ.

"އަބަދުވެސް ހިތައް އަރާ ދިވެހި ކެއުންތައް ކީއްވެބާއޭ ބޭރުގެ ގައުމުތަކުގައި ލިބެން ނުހުންނަނީ. ހާއްސަކޮށް އިނގިރޭސިވިލާތް ޔޫރަޕްގެ މި ގައުމުތަކުގައި. އެކަމަކު ރާއްޖޭގެ ކާ އެއްޗިއްސަކީ ވަރަށް ޔުނީކް އެއްޗެއް. އިންޑިއާ ސްރީލަންކާ މި ހުރިހާ ކެއުންތަކެއް މިކްސްވެގެން ނިކުންނަ ތަފާތު ރަހަތަކެއް ދިވެހި މި ކެއުންތަކުގައި ހުންނަނީ. ދެން ހިތައް އެރީ ރާއްޖެ ޕްރޮމޯޓް ކުރަން މިކަހަލަ ކަމެއް ބަޔަކު ނުވެސް ކުރެޔޭ! ކީއްވެ ބާއޭ ކުރަން ނޫޅެނީ؟ އެހެން ވީމާ މިގޮތަށް ދިވެހި ކާ އެއްޗިހި މިތަނުގެ މީހުންނަށް ގެނެސްދީގެން ރާއްޖެވެސް ޕްރޮމޯޓް ކުރެވޭނޭ،" މޯލްޑިވްސް ޓޭސްޓްސް ހުޅުވުމުގެ ހިޔާލު އުފެދުނު ގޮތް، ފޯނުން ވާހަކަ ދައްކަމުން ޝެއިޚާ ކިޔައިދިނެވެ.

މޯލްޑިވްސް ޓޭސްޓްސް ރެސްޓޯރަންޓްގެ ދޮރު ވޭލްސްގައި ހުޅުވާލި ފަހުން މަހެއްހާ ދުވަސްވީއިރު އެ ރެސްޓޯރަންޓަށް މަޑުމަޑުން މީހުންގެ ހިތް ޖެހި އަންނަނީ މަޝްހޫރު ވަމުން އެވެ. ޝެއިޚާ އާއި އޭނާގެ މަންމަ އަދި ކޮއްކޮގެ ކެއްކުމުގެ ރަހަ ބަލައިލަން ދުވާލެއްގެ މައްޗަށް 25-30 ދެމެދުގެ އަދަދަކަށް ކަސްޓަމަރުން އާދެ އެވެ. ވާހަކަ ކުރިއަށް ގެންދަމުން ޝެއިޚާ ބުނީ، އެތަނަށް އަންނަ ކޮންމެ މީހަކު ވެސް ދިވެހި ރަހަތަކަށް ތައުރީފް ކުރެ އެވެ. އެންމެން ވެސް ދަނީ ދިވެހި ކާތަކެތި މީރުވެ، ހިތްފުރިގެން ކަމަށް ޝެއިޚާ ބުންޏެވެ. އަގުބޮޑު ޓޫރިޒަމްގެ ބްރޭންޑަކަށް ރާއްޖެ ވެފައި އޮތް އިރު، "މޯލްޑިވްސް ޓޭސްޓްސް"އާ އެކު ދިވެހި ރަހަތަކުން އިނގިރޭސިންގެ ކެއުންތައް ވެސް މި ވަނީ މުއްސަދިވާން ފަށައިފަ އެވެ.

"ގިނަ މީހުން ހައިރާންވެގެން އައިސްފައި އަހާނެ އަސްލު ރާއްޖެ ބައެއްހޭތީ. ދެން އާއެކޭ ބުނީމަ ރާއްޖޭގެ ރީތި މޫދާއި ގޮނޑިދޮށްތަކުގެ ވާހަކަ އާއި ރާއްޖެއަށް ކޮންމެވެސް ދުވަހަކުން ދާން ބޭނުންވާ ވާހަކަ ދައްކާ. އެންމެންނަށް ވެސް ރާއްޖެ އެނގޭ. އެކަމަކު ރާއްޖޭގެ ކާނާއަކީ މީރު އެއްޗެއް ކަމެއް އެ މީހުންނަކަށް ނޭނގޭ. ރަހަ ބަލާފައި އެންމެން ވެސް ބުނޭ ހާދަމީރޭ،" ޝެއިޚާ ބުންޏެވެ.

"މޯލްޑިވްސް ޓޭސްޓްސް"ގެ މެނޫގެ އެންމެ ކުރީގައި އޮތީ ގިރުގަރުދިޔަ އާއި އަލުވި ރިހަ އާއި މުގުރިހަ އަދި ކުކުޅު ރިހަ އެވެ. އަދި ރޮއްޓާއި މަސްހުންޏާއި ކުޅިމަސް އަދި މިހެން ގޮސް ނަން ހުސްކޮށް ދިވެހި ކާނާތަކުން އެ ރެސްޓޯރަންޓްގެ މެނޫ ވަނީ މުއްސަދިވެފަ އެވެ. ދިވެހި ނަންތަކާ އެކު، ދިވެހި ކެއުންތައް ހިމެނޭ މެނޫ ޕެކްތައް ވެސް ވަނީ މިހާރު ނެރެފަ އެވެ. "މޯލްޑިވްސް ޓޭސްޓުން ފަހެ، ނުލިބޭނީ ކޯޗެއް ހެއްޔެވެ؟ދިވެހި ސަޓަނިވެސް، މި ރެސްޓޯރަންޓުން ތަޖުރިބާކޮށްލެވޭނެ އެވެ. މިތަނުގެ ކާތަކެއްޗަށް ދީފައި ވަނީ ވެސް މުޅިން ވެސް ދިވެހި ނަންތަކެވެ. ޝެއިޚާ ބުނި ގޮތުގައި ދިވެހި ކާނާގެ އިތުރު ބާވަތްތައް އެ މެނޫއަށް އިތުރު ކުރުމަކީ މިހާރު އޮތް ބޮޑު އަމާޒެވެ. ހާއްސަގޮތެއްގައި ރިހާ ކުރާއި ކުދިގުޅަ އަދި ތެލުލި ކެޔޮ ފަދަ ދިވެހި ތައްޔާރީ ކާނާ ވެސް އެ ރެސްޓޯރަންޓްގެ ތެރެއަށް އޭނާ ގެންނާނެ އެވެ.

ރާއްޖޭގެ ކާ އެއްޗިހިގެ ވާހަކަ ވަރަށް ނުދެކެވޭ ރާއްޖޭގެ ނަމާ އެކު. އެހެންވެ، މިއީ ހަނދާން ނެތިފައި އޮންނަ ކަމެއް ވީމާ ރާއްޖޭގެ ކާއެއްޗިހިގެ ތެރެއިން ރާއްޖެ މި ދަނީ ޕްރޮމޯޓް ވެގެން. މިއީ އަސްލު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ
އައިމިނަތު ޝެއިޚާ - މޯލްޑިވްސް ޓޭސްޓްސްގެ ބާނީ

"ރިހާކުރި ހުނިރޮށި ކުދިގުޅަ ކަހަލަ އެއްޗިހި ވެސް މިތަނުން ލިބޭނެ ގޮތް ހެދުން އަމާޒަކީ. އެކަމަކު އީޔޫގެ ފުޑް ސްޓޭންޑަޑް މި ކޮޅުގައި [ޔޫކޭގައި] ފޮލޯ ކުރާތީ ރިހާކުރު ކަހަލަ އެއްޗިހި މާލެއިން ގެންނަން ފަސޭހައެއް ނޫން. އެކަމަކު އެބަ މަސައްކަތް ކުރަން އެ އެއްޗިހި ގެންނަން ހުއްދަ ހޯދަން. އެކަން ކާމިޔާބު ވެއްޖިއްޔާ ރިހާކުރު ވެސް ސާވް ކުރެވޭނެ. އެކި ކަހަލަ ދިވެހި ސްނެކްސް ވެސް
އޭރުން މިކޮޅުން ހަމަ ވިއްކޭނެ،" ޝެއިޚާ ބުންޏެވެ.

ރާއްޖެއަށް އޮންނަ ލޯތްބެއްގައި ދިވެހި ކެއުންތަކަށް ހާއްސަ ރެސްޓޯރަންޓެއް ހުޅުވައިގެން ޝެއިޚާ ގަދައަޅައި މަސައްކަތް ފަށައިގަތް ނަމަވެސް ކިޔެވި ދާއިރާ ކަމަށްވާ، މެޑިސިންގެ ދާއިރާއިން އޭނާ ހުރީ މުޅިން ނިކުމެ އަތް ފޮޅާލާ ގޮތަކަށް ނޫނެވެ. ޕްރޮފެޝަންއެއްގެ ގޮތުގައި އޭނާ ހުރީ ބަދިގެ ހިޔާރު ކުރަން ނިންމައިގެނެއް ވެސް ނޫނެވެ. ހެލްތް ކެއާގެ ދާއިރާއިން ކުރިއަށް ދިޔުމުގައި ވެސް ޝެއިޚާގެ އޮތީ ބޮޑު އަމާޒެކެވެ. ޝެއިޚާ މާސްޓާސް ގެ ރިސާޗް ބިނާކުރި، ކެންސާ ރިސާޗްގެ ދާއިރާއަށް އިތުރަށް ފީނައި ދިރާސާކޮށް
މިބައްޔަށް ކީމޯ ތެރަޕީ އެކު ދެވޭނެ އިތުރު ފަރުވާއެއް ހޯދުމަކީ އޭނާގެ ހުވަފެނެކެވެ. ވަޒީފާއަށް ދާން ފެށިޔަސް ޝެއިޚާ ހުރީ މޯލްޑިވްސް ޓޭސްޓްގެ ބަދިގެ ދޫކޮށްލާ ގޮތަކަށް ނޫނެވެ.

"ދިވެހި ކާއެއްޗިހި ތައްޔާރު ކުރުމަކީ ހޮބީއެއް. ޕްރޮފެޝަންގެ ގޮތުގައި ވަޒީފާ އަދާކުރިޔަސް ޝެއިހާ ދެކެނީ ހަމަ ވަޒީފާއަށް ދަމުން ވެސް މިކަން ކުރެވޭނޭ. ފެމިލީގެ ހެލްޕާ އެއްކޮށް މިކަން ވާނެ. ވަޒީފާއަށް ނިކުތަސް މިކަމެއް ދޫކޮށެއް ނުލާނަން. މިކަމަށް ވަގުތު ދީގެން ބެލެންސް ކޮށްގެން ޕްރޮފެޝަން އާއި ހޮބީ އެއްވަރަކަށް ގެންދާނީ،" މޯލްޑިވްސް ޓޭސްޓްސްއާ އެކު އޭނާގެ މުސްތަގުބަލު ބައްޓަން ކުރަން ރާވާ ގޮތް ކިޔައިދިނެވެ.

ރެސްޓޯރަންޓް ހުންނަތަނުގެ ލޮކޭޝަން.

ރާއްޖެއާ އެތައް މޭލެއް ދުރުން، ވޭލްސްގެ ފިނިކަމުގައި ޝެއިޚާގެ ދިރިއުޅުން ބިނާވެފައި އޮތަސް އޭނާގެ ހިތް އަދިވެސް އޮތީ ރާއްޖޭގަ އެވެ. ދިވެހި ކާނާގެ މީރު ރަހަތަކުން އޭނާއަކަށް ހަނދާން ނައްތާލެވޭކަށް ނެތެވެ. ޔޫރަޕްގައި ރާއްޖެއަށް މަޝްހޫރުކަން ލިބިފައި އޮތީ،
އަގުބޮޑު ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ނަމަވެސް، ޝެއިޚާގެ މިކުޑަކުޑަ ރެސްޓޯރަންޓް، "މޯލްޑިވްސް ޓޭސްޓްސް"އިން ބުނެދެނީ ރާއްޖޭގެ ނުދައްކާ ބޮޑު ވާހަކަ އެކެވެ. މި ރެސްޓޯރަންޓްގެ ފަހަތުގައި ފޮރުވިފައި އޮތް ރެސިޕީއިން ބުނެދެނީ، ރާއްޖޭގެ ރީތިކަމާ އެއްވަރަށް ދިވެހި ކާތަކެތީގެ މީރު ކަމެވެ. ހަޔާތުގެ ކޮންމެވެސް އެއްފަހަރަކު ރާއްޖެ ޒިޔާރަތްކޮށްލަން ޖެހޭ ސަބަބުތަކުގެ ތެރެއަށް ދިވެހި ކާތަކެތީގެ މީރު ރަހަ ބަލައިލުން މި އޮތީ އިތުރު ކުރަން ޖެހިފަ އެވެ. ޝެއިޚާގެ މަސައްކަތުން ބުނެދޭ އެންމެ ބޮޑު ވާހަކައަކީ ވެސް މި އެވެ.

"ދިވެހި ކާނާގެ ވާހަކައަކީ ރާއްޖެ ޕްރޮމޯޓް ކުރާއިރު ނާންނަ ވާހަކައެއް. އެހެން ސައުތު އޭޝިޔާގެ ގައުމުތަކުގެ ކާ އެއްޗިއްސަކީ ވަރަށް މަގުބޫލު އެއްޗެއް. އެކަމަކު ރާއްޖޭގެ ކާ އެއްޗިހިގެ ވާހަކަ ވަރަށް ނުދެކެވޭ ރާއްޖޭގެ ނަމާ އެކު. އެހެންވެ، މިއީ ހަނދާން
ނެތިފައި އޮންނަ ކަމެއް ވީމާ ރާއްޖޭގެ ކާއެއްޗިހިގެ ތެރެއިން ރާއްޖެ މި ދަނީ ޕްރޮމޯޓް ވެގެން. މިއީ އަސްލު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ،" ޝެއިޚާ ވާހަކަ ނިންމާލަމުން ބުންޏެވެ. "މި މަސައްކަތް އިތުރަށް ތަރައްގީކޮށް ދިވެހި ރަހަތައް ޔޫރަޕަށް ގެނެސްދިނުމުގައި އަބަދުވެސް ހުންނާން،"

ޝެއިޚާ ދައުވަތު ދެނީ، "މޯލްޑިވްސް ޓޭސްޓްގެ" ދިވެހި ކާނާގެ ރަހަތައް ބަލައިލަން އެންމެން ވެސް އަންނާށެވެ. އެ ރެސްޓޯރަންޓް ކޮންމެ ހޯމަޔަކުން ހޮނިހިރަށް ހެނދުނު 10 އިން ރޭގަނޑު 10 ޖަހަންދެން ހުޅުވާފައި ހުންނާނެ އެވެ.