ލައިފްސްޓައިލް

ބޯޓުތެރެއަށް މީހަކު ބޮޑުކަމުދިއުމުން އެންމެން ބޯޓުން ބާލައިފި

ބްރިޓިޝް އެއާވޭޒް އިން ދަތުރުކުރި މީހަކު މަތިންދާބޯޓުގެ ތެރެއަށް ބޮޑުކަމު ދިއުމުގެ ސަބަބުން ބޯޓުގައި ތިބި އެންމެން ބާލަން ޖެހިއްޖެ އެވެ.

މިމަހު ކުރީކޮޅު ހިނގި މި ހާދިސާގައި އެމީހާ ވަނީ ތަޅުންގަނޑަށް ބޮޑުކަމު ދިއުމަށްފަހު ނަޖިސްތައް އޭނާގެ ގައިގަޔާއި ކެބިންގައި ގަސްތުގައި އުނގުޅާފަ އެވެ.

އޭރު މަތިންދާބޯޓު އޮތީ ހީތުރޯ އެއާޕޯޓުން ނައިޖީރިޔާގެ ލާގޯސްއަށް ދާން ފުރަން ތައްޔާރުވެފަ އެވެ.

އެމީހާ ބޯޓު ނަޖިސް ކުރުމުން ވަގުތުން އިމަޖެންސީ ސާވިސަސް އަށް ގުޅައިގެން ގެނެސް އެމީހާ އާއި ބޯޓުގައި ތިބި އެންމެން ވަނީ ބާލާފަ އެވެ.

"ދަ ސަން"ގައިވާ ރިޕޯޓެއް ބުނާ ގޮތުގައި މި މީހާ ބޮޑުކަމުދާން ފެށީ މީހުންތައް ބޯޓަށް އަރުވަމުން ދަނިކޮށެވެ. އެމީހާ ބޯޓު ތެރެއަށް އެރުމާއެކު އޭނާ އިންނަ ގޮނޑިއާ ހަމައަށް ދިޔައީ ވެސް ތަޅުންގަނޑަށް ބޮޑުކަމު ދަމުންނެވެ. ދެން ބޯޓުގެ ތިރީގައި އޮތް ކާޕެޓް މަތީ އިށީނދެ އިނދެފައި ތެދުވެގެން ދުވެފައި ގޮސް ބޯޓުގެ އެތަން މިތަނުގައި ވެސް އެމީހާ ނަޖިސް އުނގުޅި ކަމަށްވެ އެވެ.

އެމީހާގެ އަމަލުތައް ހުރި ގޮތުން ބްރިޓިޝް އެއާވޭޒް އަށް ޖެހުނީ އެހެން މަތިންދާބޯޓެއް ވަގުތުން ތައްޔާރުކޮށް ފަސިންޖަރުން އެ ބޯޓަށް އަރުވާފައި ފޮނުވާލާށެވެ. އަދި އެ ބޯޓުން ދަތުރުކުރި އެހެން މީހުންނަށް ފުރޭގޮތްވީ ފުރަން އޮތް ގަޑިއަށް ވުރެ ތިން ގަޑިއިރު ފަހުންނެވެ.

މި މީހާ ވަގުތުން ހައްޔަރުކޮށްގެން ގެންގޮސްފައިވާއިރު އޭނާއަށް ބްރިޓިޝް އެއާވޭޒް ފްލައިޓްތަކުން ދަތުރުކުރުން މުޅި އުމުރަށް ވަނީ މަނާ ކޮށްފަ އެވެ.