ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޕެރިހުގެ އަވައްޓެރިންގެ ބެލްކަނީ ކުއިޒް

"ނޫ ބެކްގްރައުންޑެއްގައި ރީނދޫކުލައިގެ ކްރޮސްއެއް ހުންނަނީ ކޮން ގައުމެއްގެ ދިދައގައި ހެއްޔެވެ؟" ފްރާންސްގެ މަޝްހޫރު އެކްޓަރު/ކޮމޭޑިއަން ނައޯމް ކާޓޯޒޯ ވަރަށް ބާރަށް ގޮވާލި އެވެ. އޭރު އޭނާ ހުރީ ޕެރިސްގައި ހުންނަ އޭނާގެ އެޕާޓްމަންޓްގަ އެވެ. މިއީ ވަރަށް ގިނަ އެޕާޓްމަންޓްތައް އެކުލެވޭ ބޮޑު ކޮންޑޮމީނިއަމްއެއްގެ ފަސް ވަނަ ބުރީގައި ހުރި އެޕާޓްމަންޓެކެވެ.

"ސްވިޑްން،" އެހެން އެޕާޓްމަންޓެއްގެ މީހަކު އެހާމެ ބާރަށް ޖަވާބު ދިނެވެ. އެއާއެކު އެހެން އެޕާޓްމަންޓްތަކުގެ މީހުންގެ ތަރުހީބުގެ އަޑުން މުޅި ހިސާބުގަނޑު ގުގުމާލި އެވެ.

މުޅި ފްރާންސް ލޮކްޑައުންއަކަށް ގޮސް އެންމެން ގޭގައި ތިބެން މަޖްބޫރުވެފައިވާތާ މަހެއްހާ ދުވަސް ވެފައިވާއިރު ކޮންމެ ރެއަކު ބާއްވާ އާއްމު މައުލޫމާތުގެ މި ކުއިޒްއަކީ ފްރާންސްގެ ޕެރިސްގެ ރޫ ސެއިންޓް ބާނާޑްގެ 11 ވަނަ ޑިސްޓްރިކްޓްގައި ހުންނަ މި އެޕާޓްމަންޓްތަކުގައި އުޅޭ އެންމެން މުނިފޫހިފިލުވުމަށް މިހާރު ވަރަށް ޝައުގުވެރިކަމާއެކު ކުރާ ކަމެކެވެ.

ކާޓޯޒޯގެ މި ކުއިޒްގައި މިހާރު ބައިވެރިވަނީ ހަމައެކަނި އޭނާ ދިރިއުޅޭ އެޕާޓްމަންޓާ ކައިރީ ހިސާބުތަކުގައި ދިރިއުޅޭ އަވަށްޓެރިން އެކަންޏެއް ނޫނެވެ. އޭނާ އެ ކުއިޒް އިންސްޓަގްރާމްގައި ބްރޯޑްކާސްޓް ކުރާތީ ގިނަ ބަޔަކަށް މިހާރު ކުއިޒްގައި ބައިވެރިވެވެ އެވެ. އަދި މި ވީޑިއޯއަށް މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބެ އެވެ.

ކާޓޯޒޯ ބުނީ ގޭގައި އަބަދު ތިބެން ޖެހުމުން ދެރަވެ މާޔޫސްވެފައި އަވަށްޓެރިން ތިބޭތަން އަބަދު ފެނެ އެވެ. އެހެންވެ އެމީހުން ހިތްހަމަޖައްސައިދެވޭ ކަހަލަ މާހައުލެއް ގާއިމު ކޮށްދިނުމުގެ ގޮތުން މި ކުއިޒް ބާއްވަން ފެށީ އެވެ. އޭނާ ކުއިޒްގެ ސުވާލުތައް ހުށަހަޅަން ބެލްކަނީގައި ހުންނައިރު ކަރުގައި އަމުނާފައި އޮންނަ ޓޮއިލެޓް ޕޭޕަރު ރޯލުތައް އަޅާފައި އޮވެ އެވެ. ކާޓޯޒޯ ބުނީ މިއީ ކޮވިޑް-19 ފެތުރެން ފެށުމުން އެންމެ ގިނަ ބަޔަކު ގަންނަން ބޭނުންވީ އެއްޗަށް ވާތީ އެކަން ރަމްޒުކޮށްދިނުމުގެ ގޮތުން އަޅާ ފަށެއް ކަމަށެވެ.

ކޮޓޯޒޯގެ ކުއިޒް ހިޔާލު އޭނާގެ އަވަށްޓެރިންނަށް ވަރަށް ކަމުދިޔަ އެވެ. އެހެންވެ ހުރިހާ އެންމެން ވެސް ރޭގަނޑު 8.00 ގައި އެ މީހެއްގެ އެޕާޓްމަންޓުގެ ބެލްކަންޏަށް ނުކުމެ މި ކުއިޒްގެ ސުވާލުތަކަށް ޖަވާބު ދޭން މަސައްކަތް ކުރެ އެވެ. އަދި ކޮރޯނާވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ އެކި މަސައްކަތުގައި އުޅޭ މީހުންނަށް ތަރުހީބު ދިނުމުގެ ގޮތުން ވެސް އަތްތިލަބަޑި ޖެހުން މި ޕްރޮގްރާމްގެ ތެރޭގައި ހިމެނެ އެވެ.

އަވަށްޓެރިން މުނިފޫހި ފިލުވާ ދިނުމުގެގޮތުން އެންމެ ފުރަތަމަ ކާޓޯޒޯ ފެށީ މިއުޒިކް ކުޅެ ލަވަ ކިޔައިދިނުމުގެ މަސައްކަތެވެ. ނަމަވެސް އޭނާ ކިޔާ ލަވަޔަށް ނަށަނީ އޭނާ އެކަނިކަން ވިސްނުމުން އެހެން ގޮތަކަށް އެންމެން ޝާމިލުކުރެވޭ ކަހަލަ ކަމެއް ކުރަން ނިންމީ އެވެ.

މި ކުއިޒް އޮންނަނީ ދެ ގްރޫޕަށް ބަހާފަ އެވެ. އެއް ގްރޫޕްގައި ތިބެނީ އެ ގެއެއްގައި އޮނަހިރި އަދަދަކަށް މީހުން ތިބޭ ގޭގޭގެ މީހުންނެވެ. އަނެއް ގްރޫޕްގައި ތިބެނީ ހިރި އަދަދަކަށް މީހުން ތިބޭ ގޭގޭގެ މީހުންނެވެ. މި ކުއިޒުން މޮޅުވާ މީހުންނަށް ޓޮއިލެޓް ޕޭޕަރާއި ޕާސްތާ އިނާމުގެ ގޮތުގައި ލިބެ އެވެ.

ކޮޓޯޒޯގެ މި ކުއިޒް ޕްރޮގްރާމާ އޭނާގެ ހުރިހާ އަވަށްޓެރިން ވެސް ވަރަށް ގަޔާވެ އެވެ. އަދި އެންމެން ވެސް މި ކުއިޒްގައި ބައިވެރިވެ އެވެ.

ކޮޓޯޒޯގެ އަވަށްޓެރިއެއް ކަމަށްވާ ލޯރާ ކޯލްސް ބުނީ އެހެން މީހުންނާ ވާހަކަ ދައްކާ، ހީނ، މަޖާކޮށްލަން ލިބޭ މި ފުރުސަތުގެ ސަބަބުން ހިތްހަމަޖެހުން ލިބޭ ކަމަށާއި ދުވަސް ތަންކޮޅެއް ކުރުވާ ކަމަށެވެ.

މި ރޭގަނޑު ކުއިޒް އަށް ކޮޓޯޒޯ ދީފައިވާ ނަމަކީ "ކުއެޝަންސް ފޯ އަ ބެލްކަނީ" އެވެ. މިއީ ފްރާންސް ޓީވީން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދެއްކި ކުއިޒް ޝޯއެއް ކަމަށްވާ "ކުއެޝަންސް ފޯ އަ ޗެމްޕިއަން" ބަދަލުކޮށްލައިގެން އޭނާ ކިޔާފައިވާ ނަމެކެވެ.

މި ޝޯ ކިތަންމެ ހިޓް ވެފައި ވިޔަސް ލޮކްޑައުން އަވަހަށް ނިމުމަކީ ކޮޓޯޒޯގެ އުންމީދެވެ.

"އަހަރެމެން އެންމެންވެސް ބޭނުންވޭ ގެއިން ބޭރަށް ނުކުމެ އެކުވެރިންނާ ބައްދަލުކޮށްލާ އާއިލާގެ މީހުން ކައިރިއަށް ގޮސްލާ ހަދަން. އެހެންވެ މިކަން ވީހާވެސް ކުރުމުއްދަތެއްގައި ނިމެން ބޭނުންވަނީ،" ކޮޓޯސޯ ބުންޏެވެ.