ހޮސްޕިޓަލުގައި އޮތް އަނބިމީހާ ދެކިލަން ހޮސްޕިޓަލަށް ވަދެވޭނެ ގޮތެއް ނުވެފައި ހުރި 81 އަހަރުގެ ފިރިހެނަކު މަގުމަތީގައި ހުރެ އެކޯޑިއަން ކުޅެގެން އަނބިމީހާގެ މުނިފޫހި ފިލުވައިދޭ މަންޒަރަކީ ވެސް މިހާރު ސޯޝަލް މީޑިއާގައި ވަރަށް ވައިގައި ހިފައިގެން އުޅޭ ވީޑިއޯ އެކެވެ.
ކޮވިޑްގެ ސަބަބުން އެ ހޮސްޕިޓަލުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެއްވެސް މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުން ކައިރިއަކަށް ނުވަދެވެ އެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުން ހޮސްޕިޓަލަށް ވަނުން ވަނީ މުޅިން މަނާ ކޮށްފަ އެވެ. ނަމަވެސް އަންހެނުން ހޮސްޕިޓަލުގައި ބާއްވާފައި އޭނާ ގޭގައި މަޑުކުރަން މި ފިރިހެންމީހާ ހިތްހަމައެއް ނުޖެހުނެވެ. އެހެންވެ އަންހެނުން އޮތް އެނދާ ދިމާލުން މަގުމަތީގައި ގޮނޑިއެއް ބައިންދައިން އޭގައި އިށީނދެ އިނދެ ފިރިމީހާ ވަނީ އަންހެނުންނަށް އެކޯޑިއަން ކުޅެދީފަ އެވެ.
ސްޓެފާނޯ ބޮޒީނީ ނަމަކަށް ކިޔާ މި ފިރހެން މީހާ އޭނާގެ އަންހެނުން ކާލާ ސާޗީ އަށް އެކޯޑިއަމް ކުޅެދިން އިރު އޭނާގެ އަންހެނުންނާއި އިތުރު ދެ މީހަކު ހޮސްޕިޓަލުގެ ދެ ވަނަ ފްލޯގެ ކުޑަދޮރަކުން އެ މަންޒަރު ބަލަން ތިއްބެވެ.
ސްޓެފާނޯ އޭނާގެ އަންހެނުންނަށް ކުޅެދިނީ އިނގިރޭސި ޕޮޕް ލަވަކިޔުންތެރިޔާ އެންގެލްބާޓް ހަމްޕާޑިންކްގެ "ސްޕެނިޝް އައިޒް" އެވެ.
ސްޓެފާނޯ ބުނީ އެ ލަވައަކީ އޭނާގެ އަންހެނުންގެ އެންމެ ފޭވަރިޓް ލަވަ ކަމަށާއި އަބަދުވެސް އޭނާ އެ ލަވަ އަންހެނުންނަށް ކުޅެދޭ ކަމަށެވެ. އަދި މި ލަވަ ނޫނަސް ވަރަށް ގިނަ ލަވަތައް އޭނާ މަގުމަތީގައި އިނދެގެން އެކޯޑިއަނުން ކުޅެފައި ވެއެވެ.
އިނގިރޭސި ވިލާތުގެ އިންޑިޕެންޑެންޓް ނޫހުން ބުނި ގޮތުގައި ބޮޒިނީ އަކީ އިޓަލީގެ އާމީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް ރިޓަޔާ ކޮށްފައިވާ މީހެކެވެ. އޭނާގެ އަންހެނުން ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ކެންސަރަށް ޝައްކު ކުރެވޭތޯ ޓެސްޓްތައް ކޮށް ފަރުވާ ހޯދުމަށެވެ.
ދެ މީހުން ކައިވެނިކުރީ މީގެ 47 އަހަރު ކުރިންނެވެ. އޭރު ދެ މީހުންނަކީ ވެސް 20 ގެ އަހަރުތައް ގުނަމުން ދިޔަ ބައެކެވެ.