ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޖަނާޒާ ބޭއްވިތާ ހަފުތާއެއް ފަހުން "މަރުވިމީހާ" ގެޔަށް

އިންޑިޔާގެ ވެސްޓް ބެންގާލްގެ އުތުރުގައި އޮންނަ ބަރުސަތު ކިޔާ ރަށެއްގައި ދިރިއުޅޭ 75 އަހަރުވީ ޝިބްދާސް ޕަންދްޔޯޕާދްޔޭ އަށް ކޮވިޑް ޖެހިގެން މި ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. އަދި އޭގެ ދެ ދުވަސް ފަހުން ހޮސްޕިޓަލުން ގުޅާފައި އާއިލާގެ މީހުން ކައިރީގައި އޭނާ މަރުވެއްޖެ ކަމަށް ބުންޏެވެ. އަދި ހޮސްޕިޓަލުގެ ކަމާ ބެހޭ ފަރާތް ތަކުން އޭނާގެ ޖަނާޒާގެ ކަންތައް ކުރުމަށްޓަކައި ހަށިގަނޑު އާއިލާ އާ ހަވާލުކުރި އެވެ.

ކޮވިޑް ޕްރޮޓޮކޯލް އޮންނަ ގޮތުން އާއިލާ އާ ހަށިގަނޑު ހަވާލުކުރާއިރު އޮންނަނީ ޕްލާސްޓިކް ބޮޑީ ބޭގަކަށް ލާފަ އެވެ. މަރުވެފައިވާ މީހާގެ މޫނު ވެސް އާއިލާގެ މީހުންނަށް ދައްކަނީ ވަރަށް ދުރުގައި ބައިތިއްބައިގެންނެވެ. ޝިބޯދާސްގެ ހަށިގަނޑު އާއިލާ އާ ހަވާލު ކުރުމުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އާއިލާ އިން ވަނީ އޭނާގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކޮށް ހަށިގަނޑު އަންދާލާފަ އެވެ.

ހަށިގަނޑު އަންދާލާފައި ހަތް ދުވަސް ފަހުން ކުރަން ޖެހޭ ކަންތައްތަކަށް އާއިލާއިން ތައްޔާރުވަނިކޮށް ޝިބޯދާސްގެ ފިރިހެން ދަރިފުޅަށް މީހަކު ގުޅި އެވެ. ވާހަކަ ދެއްކި މީހާ ބުނީ ޝިބޯދާސް ބަލި ފަސޭހަ ވެގެން ގެޔަށް ދާން ބޭނުންވާތީ އެމްބިއުލެންސެއް ހަމަޖައްސައި ދިނުމަށެވެ.

"އަހަރެމެންނަށް ލިބުނީ ޝޮކެއް. އަދި ހައިރާންވެގެން ބުނާނެ އެއްޗެއް ވެސް ނޭނގުނު. އެކަމަކު އަހަރެމެން އަވަހަށް ބައްޕަ ގެޔަށް ގެނެއްސިން. އަހަރެމެންނަކަށް ނޭނގެ ބައްޕަ ކަމަށް ހިތާ އަންދާލެވުނީ ކާކުގެ ހަށިގަނޑެއް ކަމެއް ވެސް،" ޝިބޯދާސްގެ ދަރިފުޅު ބުންޏެވެ.

ޝިބޯދާސްގެ އާއިލާގެ މީހުން ހޮސްޕިޓަލުން މައުލޫމާތު ސާފުކުރިއިރު ޝިބޯދާސް ކަމަށް ބުނެ އާއިލާއާ ހަވާލުކުރީ ނޮވެމްބަރު 13 ވަނަ ދުވަހު މަރުވި އެހެން މީހެއްގެ ހަށިގަނޑެވެ.

މި މައްސަލަ ބެލުމަށް ސްޓޭޓް ހެލްތު ޑިޕާޓްމަންޓުން މިހާރު ވަނީ ހަތަރު މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފަ އެވެ. އަދި މިކަމުގައި ހޮސްޕިޓަލުގެ އެއްވެސް އިހުމާލެއް އޮތްނަމަ ފިޔަވަޅު އަޅާނެކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.