ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ވެކްސިންގެ މޭސްތިރި ދެމަފިރިން

މަޝްހޫރު ފާމަސޫޓިކަލް ކުންފުނި ފައިޒާއިން ދާދި ފަހުން އިއުލާން ކޮށްފައިވާ ގޮތުގައި އެ ކުންފުނިން އުފެއްދި ކޮރޯނާވައިރަސް ވެކްސިން 90 ޕަސެންޓް ކާމިޔާބުކަން މިހާރު ވަނީ ޔަގީން ކުރެވިފަ އެވެ. މިއީ ވެކްސިންގެ ތިން ވަނަ މަރުހަލާ ފުރިހަމަ ކުރުމަށް ފަހު އެ ކުންފުނިން ނެރެފައިވާ ބަޔާނެކެވެ. އެހެންކަމުން މި ވެކްސިނާ މެދު މިހާރު ދުނިޔޭގެ އެންމެން ވެސް ދެކެނީ "މުއުޒިޒާތެއް" ފަދަ އެއްޗެއްގެ ގޮތުގަ އެވެ.

މި ކޮވިޑް ވެކްސިންގެ ސައިންސްގެ މޭސްތިރިންނަކީ ތުރުކީ އަށް ނިސްބަތްވާ މުސްލިމް ދެމަފިރިއެކެވެ. ބައިއެންޓެކް އިން މިހާރު އުފެއްދުމަށް މަސައްކަތްކުރާ އަދި މިހާތަނަށް ފެނިފައިވާ އެންމެ ކާމިޔާބު ވެކްސިންގެ ތިން ވަނަ ޓްރަޔަލް ނިމުނުއިރު ވެކްސިންގެ ރައްކާތެރިކަމާއި ބަރާބަރަށް މަސައްކަތް ކުރާކަމުގެ 90 ޕަސެންޓް ޔަގީން ވަނީ ލިބިފަ އެވެ.
މި ކާމިޔާބު މަސައްކަތަކީ ޖަރުމަނުގެ މައިންޒްގައި ދިރިއުޅޭ ދެ ސައިންސްވެރިން ކަމަށްވާ ޑރ. އުގޫރް ސާހިން، 55، އާއި އޮޒްލެމް ޓުރޭޖީ، 53،ގެ ކުޅަދާނަ ވިސްނުމުގެ ނަތީޖާ އެވެ.

މި ވެކްސިން އާއެކު ދުނިޔެއަށް އަނެއްކާވެސް މި ބަލިމަޑުކަމުން އަރައިގަނެވި ހަމަޖެހުމުގެ ނޭވާއެއް ލެވިދާނެ ކަމުގެ އުންމީދު ވަނީ އާވެފަ އެވެ. ވެކްސިން ކާމިޔާބުކަމަށް ހޯމަ ދުވަހު އިއުލާން ކުރުމާއެކު ކުންފުނީގެ ސްޓޮކްގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ އެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވި އެވެ. އެއާލައިންތަކުގެ ސްޓޮކްތައް ވެސް ކުއްލިއަކަށް މަތިވި އެވެ. ދުނިޔެއަށް އަނެއްކާވެސް އުދުހެން ފެށިދާނެކަމުގެ އާ އުންމީދުތަކެއް ލިބުނެވެ.

ބައޮއެންޓެކް ގައި ޑރ. އުގޫރް އާއި ޑރ. އޮޒްލެމް އާދަޔާޚިލާފު ބޮޑު މަސައްކަތް ކޮށްފައިވަނީ ވަރަށް ސިއްރިޔާތުގަ އެވެ. މިހާ ސިއްރުން އެމީހުން ތައްޔާރުކުރި ވެކްސިން ކާމިޔާބުކަމަށް އިއުލާންކުރުމާއެކު މި ދެމަފިރިންނަށް ކުއްލިއަކަށް ވަރަށް ބޮޑު މަޝްހުރުކަމެއް ވަނީ ލިބިފަ އެވެ.

ފާއިތުވީ ތަނުގައި މި ދެމަފިރިން ފޯކަސް ކޮށްފައިވަނީ ކެންސަރަށް ޚާއްސަ ފަރުވާތަކެއް ހޯދުމުގެ މަސައްކަތަށެވެ. ޚާއްސަކޮށް ތެރަޕިއުޓިކް ޕްރޮޓީންސް އުފެއްދުމަށް ސެލްތައް ޕްރޮގްރާމްކުރުމުގެ މަސައްކަތެވެ.

ފާއިތުވީ 10 އަހަރު ތެރޭ ވެސް އެމީހުންގެ ކުންފުނިން އެންމެ ޕްރޮޑަކްޓެއް ވެސް ބާޒާރަށް ނެރެފައެއް ނެތެވެ.
ބާލިންގައި 2018ގައި އޮތް އިންފެކްޝަސް ޑިޒިޒް ކޮންފަރެންސެއްގައި ޕްރޮފެސާ ސާހިން ވަރަށް ވަރުގަދަ އެއްޗެކޭ ބުނެފައި ވެއެވެ. ދުނިޔެއަށް ޕެންޑެމިކް އެއް ކުރިމަތިވެއްޖެ ހާލަތެއްގައި "މެސެންޖާ އާރްއެންއޭ ޓެކްނޮލޮޖީ"
ބޭނުންކޮށްގެން އޭނާގެ ކުންފުންޏަށް ވެކްސިން އެއް ތައްޔާރު ކުރެވިދާނެކަމުގެ ވާހަކަ އެވެ. މިއީ އެ ދުވަހު ޕްރޮފެސަރު ބުނި ވާހަކަ ހަގީގަތަކަށް ވުމޭ ވެސް ބުނެވިދާނެ އެވެ.

މި ދެމަފިރިން އެމީހުންގެ ހަޔާތުގެ ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވަނީ ކެންސަރަށް ވެކްސިންއެއް ހޯދުމުގަ އެވެ. ކެންސަރު ވެކްސިންގެ ރޮނގުން އެ މީހުންނަށް އަދި އެކަށީގެންވާ ކާމިޔާބެއް ނުހޯދުނަސް ކޮރޯނާވައިރަސް އަށް ވެކްސިން އެއް ހޯދުމުގައި އެމީހުން ވަނީ ކާމިޔާބު ހޯދާފަ އެވެ. މި ބަލިމަޑުކަން މިހާތަނަށް ދުނިޔޭގެ 50 މިލިއަނަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 1.27 މިލިއަން މީހުންގެ ފުރާނަ ގެއްލިފައި ވެއެވެ.

ބައޮއެންޓެކް އިން ވެކްސިން ތައްޔާރުކުރުމަށްފަހު ފައިޒާ އާ ގުޅުނީ ކްލިނިކަލް ޓްރަޔަލް، މާކެޓިން، މެނުފެކްޗަރިންގެ ގާބިލްކަމަށް އެ ކުންފުނި ވަރުގެ ބަޔަކުނެތީމަ އެވެ. އަދި އެމީހުން ވަނީ ޗައިނާގެ ފޯސުން ފާމާ އާ ގުޅިގެން އެ ގައުމުގައި ވެސް މި ވެކްސިން މާކެޓް ކުރަން ނިންމާފަ އެވެ.

ނޮވެމްބަރު 9 ގައި މި ވެކްސިންގެ ކްލިނިކަލް ޓްރަޔަލްސްގެ ރިޕޯޓު ނެރެފައިވާއިރު ވެކްސިން ދިން ފުރަތަމަ 94 މީހުންގެ ފަރާތުން ވަރަށް ރަނގަޅު ނަތީޖާތަކެއް ފެނި ވެކްސިންގެ ރޮނގުން އާ ހަރުފަތަކަށް ދެވިފައިވާކަން ވަނީ ޔަގީން ކުރެވިފަ އެވެ.
ތުރުކީގެ އިސްކަންދަރިން އަށް އުފަން ޑރ. ސާހިން އަކީ ފިޒީޝަނެއް އަދި އިމިއުނޮލޮޖިސްޓެކެވެ. އޭނާއަށް އެންމެ ހަތަރު އަހަރުގައި މައިންބަފައިން އޭނާ އާއި އާއިލާ ގޮވައިގެން ޖަރުމަނަށް ގޮސް އެ ގައުމުގައި ވަޒަންވެރިވި އެވެ.
އޭނާގެ އަންހެނުން ޑރ. ޓުރޭޖީ އަކި ވެސް ތުރުކީން ޖަރުމަނަށް ހިޖުރަކުރި ޑޮކްޓަރެއްގެ ދަރިއެކެވެ.
ދެ މީހުން ކައިވެނި ކުރި ދުވަހުވެސް ކައިވެނީގެ ރަސްމިއްޔާތު ނިންމާފައި ދެ މީހުން ދިޔައީ އެމީހުން މަސައްކަތްކުރާ ލެބޯޓްރީ އަށް ކަމަށް ނިއު ޔޯކް ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައި ވެއެވެ. އެހާވެސް މި މަސައްކަތަށް އެ ދެމަފިރިންގެ ހިތުގައި އޮތް ލޯތްބާއި ގަދަރު ބޮޑެވެ.

ބައޮއެންޓެކްގެ ބާނީ އަކީ ވެސް ޑރ. ސާހިން އެވެ. އެ ކުންފުނިން ފައިޒާ އާ ޕާޓްނަޝިޕް ހެދީ 2018 ގައެވެ. މިދިޔަ އަހަރު ބިލް ގޭޓްސްގެ ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަނުން 55 މިލިއަން ޑޮލަރު ބައޮއެންޓެކްގައި އިންވެސްޓްކޮށްފައި ވެއެވެ. އެޗްއައިވީ އާއި ޓީބީ އަށް އެކަށީގެންވާ ރަނގަޅު ފަރުވާއެއް ހޯދުމަށެވެ. އަދި ސިންގަޕޫރުގެ ކުންފުންޏަކުން ވެސް ބައޮއެންޓޭކް ގައި 250 މިލިއަން ޑޮލަރު އިންވެސްޓް ކޮށްފައި ވެއެވެ.
މި ވެކްސިންއަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް އޮތް އިތުބާރުގެ ބޮޑުކަމުން އެމެރިކާއިން އެކަނިވެސް މިދިޔަ ޖުލައި މަހު ވަނީ މި ވެކްސިންގެ 100 މިލިއަން ޑޯޒަށް އޯޑަރު ދީފަ އެވެ. އެއީ 1.95 ބިލިއަން ޑޮލަރުގެ ވެކްސިނެވެ. އަދި ޔޫރަޕުން އިތުރު 500 މިލިއަން ޑޮލަރުގެ ވެކްސިން އޯޑަރު ލިބޭނެކަން މިހާރު ވެސް ބައޮއެންޓެކް އަށް ވަނީ ޔަގީން ކުރެވިފަ އެވެ. އެގޮތުން ޔޫރަޕިއަން ޔުނިއަނުން މިހާރު ވެސް 200 މިލިއަން ޑޯޒް ވެކްސިން އަށް އޯޑަރު ދީފައި ވެއެވެ. އިނގިރޭސި ވިލާތުން 30 މިލިއަން ޑޯޒްގެ އޯޑަރު ލިބިފައި ވެއެވެ. އަދި ޖަޕާނުން 120 މިލިއަން ޑޯޒް އޯޑަރުކުރަން ވަނީ ނިންމާފަ އެވެ.

ބައޮއެންޓެކްގެ ކޮރޯނާވައިރަސް ވެކްސިންއަކީ މިހާރު އުފައްދާ ހުރިހާ ވެކްސިން އަކަށް ވުރެ މާ ކުރީގައި އުޅޭ އަދި އެންމެ ކާމިޔާބު ވެކްސިންކަން މިދިޔަ އަންގާރަ ދުވަހު އިއުލާން ކުރުމާއެކު ބައޮއެންޓެކް ކުންފުނީގެ އަގު 21 ބިލިއަން ޑޮލަރަށް މަތިވެގެން ދިޔަ އެވެ. އަދި ޕްރޮފެސާ ސާހިން އާއި އަންހެނުން ޑރ. ޓުރޭޖީ އަކީ ޖަރުމަނުގައި މިހާރު ތިބި އެންމެ މުއްސަނދި 100 މީހުންގެ ތެރޭގައި ކުއްލިއަކަށް ވަނީ ހިމެނިފަ އެވެ.

ދެމަފިރިންނާއި އެމީހުންގެ ޓީންއޭޖް އަންހެންދަރިފުޅު ދިރިއުޅެނީ ވަރަށް ޒަމާނީ އެޕާޓްމަންޓެއްގައި ނަމަވެސް އެމީހުންގެ ދިރިއުޅުން ވަރަށް ސާދާ އެވެ. އެމީހުން ކާރެއް ނުދުއްވަ އެވެ. ކޮންމެ ދުވަހަކު ހެނދުނު އެމީހުން މަސައްކަތު ދަނީ މެއިންސްގެ މަގުތަކުގައި ބައިސްކަލް ދުއްވާފަ އެވެ.