ކޮރޯނާވައިރަސް އިންފެކްޝަން ޖެހުމުގެ ނުރައްކާ ކުޑަ ކުރުމުގެ ގޮތުން މަތިންދާބޯޓަށް އަރާއިރު ޑައިޕާ ޖަހައިގެން އަރަން ޗައިނާ އިން އެ ގައުމުތަކުގެ އެއާލާއިންތަކުގައި މަސައްކަތްކުރާ ކެބިން ކުރޫ މެމްބަރުންނަށް އަންގައިފި އެވެ.
މިއީ އެމީހުން ފާޚާނާއަށް ވަންނަން ޖެހޭ އަދަދު މަދުކުރަން ކުރާ ކަމެކެވެ.
ޗައިނާގެ އޭވިއޭޝަން ރެގިއުލޭޓަރުން ރަސްމީކޮށް ބުނެފައި ވަނީ ފާޚާނާއަށް ވަނުން މަދުވުމަކީ ކޮވިޑް އިންފެކްޝަނެއް ޖެހުމުގެ ފުރުސަތު ވެސް ދަށް ކުރެވޭނެ ކަމެއް ކަމަށެވެ. ޑައިޕާ ޖަހަން އިރުޝާދު ދީފައިވަނީ ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ބޭނުންކުރުމާ ގުޅޭ ބައިގަ އެވެ.
ޗައިނާގެ ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ބުނެފައިވާ ގޮތުގައި ކޮވިޑް ގިނައިން އުޅޭ ގައުމުތަކަށް ނުވަތަ ރީޖަންތަކަށް ދަތުރުކުރާ ޗާޓަރު ފްލައިޓްތަކުގައި މަސައްކަތްކުރާ ކުރޫން ވެސް މި ގަވާއިދަށް އަމަލުކުރަން ޖެހޭނެ އެވެ. ކޮވިޑް އުޅޭ ގައުމުތައް ކަމަށް މި ގަވާއިދުގައި ބަލާފައިވަނީ ކޮންމެ އެއް މިލިއަން އާބާދީއަކަށް 500 މީހުންގެ ނިސްބަތުން ކޮވިޑް ޖެހިފައިވާ މީހުން ތިބި ގައުމުތަކެވެ.
ޗައިނާ ސިވިލ އޭވިއޭޝަނުން މި ގައިޑްލައިން ނެރެފައި މިވަނީ އެ ގައުމުގެ ވޫހާނުން ފެށުނު ކޮވިޑް-19 ބަލިމަޑުކަން އެ ގައުމުގެ ހުރިހާ ކަންކޮޅުތަކަށް ފެތުރި އެއާލައިން އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ.