ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ހަށިގަނޑުގައި ކޮރޯނާވައިރަސްގެ ހަނދާންތައް މަދުވެގެން ހަ މަސް ދުވަހު ހުންނަ ކަމަށް ސައިންސްވެރިން ބުނެފި އެވެ. މިއީ ބައެއް ސެލްތަކުގައިވާ ހަނދާން ކުރުމުގެ ބާރުގެ ސަބަބުން ވާ ކަމެކެވެ.
އެމެރިކާ އާއި ސްވިޒަލެންޑްގެ ސައިންސްވެރިން ގުޅިގެން ކުރި މި ދިރާސާތަކުގެ ރިޕޯޓު މިދިޔަ ހޯމަ ދުވަހު ވަނީ ނެރެފަ އެވެ. މި ދިރާސާގައި ސައިންސްވެރިން ބެލީ ކޮވިޑްޖެހި ފަސޭހަވެފައި ތިބި އެތައް ޑަޒަން ބައެއްގެ އެތެރެހަށީގެ ހާލަތެވެ. މި ހޯދުމުން އެނގުނު ގޮތުގައި ބަލީގެ ދިފާއަށް ހަށީގަނޑުގައި އުފެދޭ އެންޓިބޮޑީޒްތައް މަދުވަމުން ހުސްވަމުން ދިޔަ ނަމަވެސް ބީ ސެލްސްގައި އެ ބަލީގެ ވަކި ކަހަލަ ހަނދާންތަކެއް ރައްކާ ކޮށްފައި ހުރެ އެވެ.
މި ސެލްތަކުގައި ޕެތޯޖަން ހަނދާން ކުރުމުގެ ގާބިލްކަން ހުރެ އެވެ. އަލުން ކޮރޯނާވައިރަސް ހަށިގަނޑަށް ވަދެ އިންފެކްޝަނެއް ޖެހެން އުޅޭނަމަ އެކަން ހަށިގަނޑަށް އެނގި އަވަހަށް ބަލީގެ ދިފާއަށް އުފެދޭ އެންޓިބޮޑީޒް އުފައްދަން ފަށާނެ އެވެ.
ބަލީގެ ހަނދާންތައް ހަށިގަނޑުގައި ހުރުމުން ދެ ވަނަ ފަހަރަކަށް އިންފެކްޝަނެއް ކުރިމަތިވިޔަސް އަވަހަށް އެކަމަކުން ދިފާއުވެވެ އެވެ. އަދި މިއީ ވެކްސިންގެ ބަރާބަރުކަމަށް ވެސް މުހިއްމު ކަމެއް ކަމަށް ޖާނަލް ނޭޗާގައި ޝާއިއުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވެއެވެ.
މި ދިރާސާއަށް ސައިންސްވެރިން ހޮވީ ބަލި ޖެހި ރަނގަޅުވެފައި ތިބި 87 މީހެކެވެ. މި މީހުންނަށް ބަލި ޖެހުނުތާ މަހެއްހާ ދުވަސް ފަހުން މި މީހުންގެ ހަށިގަނޑުގެ ހާލަތު ބެލުމަށް ފަހު ދެން ބެލީ އޭގެ ހަ މަސް ފަހުންނެވެ.
މި ހޯދުމުން އެނގުނު ގޮތުގައި އެންޓިބޮޑީގެ ހަރަކާތްތައް ނިއުޓްރަލައިޒް ކުރުން އިންފެކްޝަނުން ފަސޭހަ ވާތާ ދުވަސްކޮޅެއް ފަހުން ދަށަށް ދާން ފެށިޔަސް މެމޮރީ ބީ ސެލްސް ހަމަ ހުންނަ ގޮތަށް މަދުނުވެ ހުރެ އެވެ.
ބަލި ޖެހޭ މީހުންނަށް އަލުން ބަލި ނުޖެހި ތިބެވެނީ ކިހާ ދުވަހަކަށްތޯ މިއީ ބަލި ނައްތާލަން މިހާރު ކުރާ މަސައްކަތުގައި ސައިންސްވެރިން މިހާރު ދެނެގަންނަން މަސައްކަތްކުރާ އެންމެ މުހިއްމު އެއް ކަމެވެ.
މީގެ ކުރީގެ ދިރާސާތަކުން ހާމަވެފައިވަނީ ބަލި ޖެހި ރަނގަޅުވާތާ މާ ގިނަ ދުވަސްތަކެއް ނުވެ އެންޓިބޮޑީޒް މަދުވާން ފަށާ ކަމެވެ. ނަމަވެސް އޭގެ ފަހުން ކުރި ދިރާސާތަކުން ހާމަވެފައި ވަނީ އެންޓިބޮޑީޒް މަދުވިޔަސް ދިފާއީ ނިޒާމުގައި އެހެން ބައިތަކުގެ މަސައްކަތް ވެސް ބަލިން މީހާ ދިފާއުވެ ގިނަދުވަހު ހުރުމުގައި މުހިއްމު ދައުރެއް ކުޅޭ ކަމެވެ.
ޖާނަލް ސައިންސްގައި މިދިޔަ މަހު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ދިފާއީ ނިޒާމުގައި ހިމެނޭ ހުރިހާ ބައިތަކަކަށް ވެސް ޕެތޯޖަން ދެނެގަނެވުމަށް ފަހު މަދުވެގެން އަށެއްކަ މަސް ވަންދެން އެ ޕެތޯޖަނެއްގެ ހަނދާން ހުރެ އެވެ. ވީމާ އަލުން ވައިރަސް އެރިޔަސް އެ ވައިރަހަކުން ދިފާއުވުމަށް ހަށިގަނޑު ހޭލައްވަން ވަރަށް އަވަހަށް މަސައްކަތް ފަށަ އެވެ.
މި ދިރާސާ ބިނާ ކޮށްފައި ވަނީ ކޮވިޑް ޖެހި ފަސޭހަވި 188 މީހެއްގެ ލޭގެ ސާމްޕަލްތައް އެނަލައިޒް ކޮށްގެންނެވެ.