ކޮވިޑް-19 ޖެހިގެން މިދިޔަ ހޯމަ ދުވަހު މިސުރުގެ 11 ޑޮކްޓަރަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެފި އެވެ. އިޖިޕްޝަން މެޑިކަލް އެސޯސިއޭޝަންގެ މެމްބަރަކު ބުނެފައިވާ ގޮތުގައި މިއީ އެ ގައުމުގައި އެންމެ ގިނައިން ޑޮކްޓަރުން މަރުވި ދުވަހެވެ.
މިސްރުގައި ސިއްހީ އެހީތެރިންގެ ގޮތުގައި މަސައްކަތް ކުރާ 319 މީހެއްގެ ފުރާނަ މިހާތަނަށް ގެއްލިފައިވާ ކަމަށް "އަލް ވަތަން" ނޫހަށް ދިން އިންޓަވިއު އެއްގައި މެޑިކަލް އެސޯސިއޭޝަންގެ މެމްބަރު ޑރ. ކަރީމް މިސްބާހް ވިދާޅުވި އެވެ.
ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި އުޅޭ ފްރޮންލައިން ވޯކާޒްއަށް މިސުރުން އަބަދު ވެސް ވަރަށް ތައުރީފުކުރެ އެވެ. އެމީހުންނަކީ ހުދު ކޯޓް ލައިގެން އުޅޭ "ވައިޓް އާމީ" ގެ ގޮތުގައި ސިފަ ކުރެ އެވެ.
މިހާރު 100 މިލިއަން އާބާދީއެއް އޮތް މިސުރުގައި ކޮވިޑް-19 ހަލުވިކަމާއެކު މިހާރު ދަނީ ފެތުރެމުންނެވެ. މިހާތަނަށް ދޮޅު ލައްކަ އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި 8،249 މީހުން ވަނީ މަރުވެފަ އެވެ.
ބަލި ބާރަށް ފެތުރެން ފެށުމުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް މިހާރު މިސުރުން ވެސް ވަނީ އަޅާފަ އެވެ. އަދި އާންމު ތަންތާނގައި އުޅޭއިރު ފޭސްމާސްކް އަޅައިގެން ނޫޅޭ މީހުން 50 އިޖިޕްޝަން ޕައުންޑުން ޖޫރިމަނާ ވެސް ކުރެ އެވެ.
މިސުރުގައި ކޮވިޑް-19 ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަރަށް އަވަހަށް ފަށަން ހަމަޖެހިފައިވާއިރު އެ ގައުމަށް ގެނެސްފައިވަނީ ޗައިނާގެ ސިނޮފޯމް ވެކްސިނެވެ. މިއީ ޔޫއޭއީ އިން ފޮނުވި ވެކްސިނެވެ.
ވެކްސިން ދިނުމުގައި އިސްކަން ދެނީ ސިއްހީތެރިންނަށާއި ދުވަސްވީ މީހުންނަށް ކަމަށް އެ ގައުމުގެ މީޑިއާއިން ވަނީ ބުނެފަ އެވެ.