ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް-19 ޖެހުމުން ވަސް ނުދުވުމާއި ރަހަ ނުލާ ސަބަބު

ކޮރޯނާވައިރަސްގެ އާލާމާތްތައް ވަރަށް ގިނަ ބަޔަކު އަބަދާ އަބަދު ގޫގުލް އިން ވެސް ބަލަމުން ދެއެވެ. ނަމަވެސް އިންޓަނެޓުން ލިބެން ހުންނަ މައުލޫމާތަކީ ހުރިހާ ފަހަރަކު ތެދަކަށް ނުވެ އެވެ. އެހެންވެ ދޮގު ޚަބަރު ގަބޫލުނުކޮށް ކަމާ ބެހޭ ތަޖުރިބާކާރުން މިކަމާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް އަޑުއެހުން މާ ރަނގަޅެވެ. ސައިންސްވެރިން މިކަމާ މެދު ދައްކާ ވާހަކަ ތަކަށް ސަމާލުކަން ދިނުމުން ހަގީގަތުގައި ކަންކަން އޮޅުން ފިލުވަން މާ ފަސޭހަ ވެއެވެ.

ހާވާޑް މެޑިކަލް ސްކޫލްގެ ސައިންސްވެރިން ބުނާ ގޮތުގައި ކޮރޯނާވައިރަސް ހަމަލާދެނީ ނޭފަތުގެ ތެރޭގައިވާ އެންމެ މުހިއްމު ސެލްތަކަށެވެ. ކޮވިޑް-19 ޖެހޭ ގިނަ މީހުންނަށް ބަލީގެ ފުރަތަމަ އަލާމާތެއްގެ ގޮތުގައި ވަސް ނުދުވުމާއި ރަހަ ނުލުން ހިމެނެނީ މިސަބަބާ ހެދި އެވެ.

ސައިންސްވެރިން ކޮށްފައިވާ ބައެއް ދިރާސާތަކުގެ މައްޗަށް ބިނާކޮށް އެމީހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް-19 ޖެހުމުން ވަސް ނުދުވުމާއި ރަހަ ނުލުމަށް ދިމާވާ ސަބަބު ޑޮކްޓަރުންނަށް ވެސް ދެނެގަންނަން ވަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. އެހެންކަމުން ހާވާޑް މެޑިކަލް ސްކޫލްގެ ސައިންސްވެރިންގެ މި ހޯދުމުގެ ސަބަބުން މިކަން ދިމާވާ ހަގީގީ ސަބަބު ޑޮކްޓަރުންނަށް ވެސް އޮޅުން ފިލުވާނެ ކަމަށް ބެލެވެ އެވެ.

ވަރަށް ގިނަ ސައިންސްވެރިން އެއްބަސްވާ ގޮތުގައި ކޮވިޑް-19 ޖެހިފައިވާ ކަމުގެ އެންމެ ފާހަގަކޮށްލެވޭ އަލާމާތަކީ ވަސް ނުދުވުމާއި ރަހަ ނުލުމެވެ. ބަލި ހުރިތޯ ސްކްރީން ކުރާއިރު މި އަލާމާތްތައް ޗެކްކުރަން ގައިޑްލައިންގައި ހިމަނަން ޖެހޭނެކަމަށް ސައިންސްވެރިން ދެކެ އެވެ. އަދި އެހެން އެއްވެސް އަލާމާތެއް ނުފެނި ހަމައެކަނި ވަސް ނުދުވުމާއި ރަހަ ނުލުމުގެ މައްސަލަ މީހަކާ ކުރިމަތިވެއްޖެނަމަ އެ މީހަކު އެހެން މީހުންނާ މުޅިން ވަކިވެ، ކޮރޯނާވައިރަހަށް ޓެސްޓްކުރަން އިސްކަން ދޭން ޖެހޭނެ ކަމަށް ވެސް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

"ވަސް ދުވުމާއި ރަހަލުމުގެ ހިއްސު ރަނގަޅަށް މަސައްކަތްނުކޮށް ގިނަ ދުވަސްތަކަކު ހުންނަ ނަމަ އެމީހެއްގެ ހަށިގަނޑުން ނިއުޓްރިޝަން މަދުވުމުގެ ނުރައްކާ އޮވޭ. ނުވަތަ އޭގެ ސަބަބުން ހަށިގަނޑަށް ލިބިދާނެ ގެއްލުންތައް ވެސް ގިނަވާނެ. މިސާލަކަށް ހަށިގަނޑަށް އެތެރެ ނުވާންވާ ކަހަލަ ވަސް ވަސް އެތެރެ ވިޔަސް އޭނާއަކަށް ނޭނގޭނެ. އެއީ މިސާލަކަށް ދުމުގެ ވަސް، ގޭހުގެ ވަސް އަދި ކުނިވެފައިވާ ކާ އެއްޗެތީގެ ވަސް. އެފަދަ ވަހެއް ނުދުވައިގެން ހަށީގަނޑަށް އެ އެއްޗެއް އެތެރެ ކުރެވިއްޖެނަމަ ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ. އަދި ޑިޕްރެޝަން ކަހަލަ ނަފްސާނީ މައްސަލައެއް މިފަދަ މީހުންނަށް ދިމާވުން އޮންނާނީ ވަރަށް ކައިރީގައި،" ދިރާސާގައި މަސައްކަތް ކުރެއްވި ސައިންސްވެރިއަކު ވިދާޅުވި އެވެ.

މިހާތަނަށް ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ހަތް ލައްކަ އަށް ވުރެ މައްޗަށް ގޮސްފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވެސް ވަނީ 30،000 އަށް ވުރެ މަތިވެފަ އެވެ.