ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ޑަބްލިޔުއެޗްއޯ ވެސް މިހާރު ބުނަނީ މާސްކް އަޅަން ޖެހޭނޭ!

އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ސިއްހީ މައްސަލަތައް ހުންނަ މީހުން މާސްކް އަޅަން ޖެހޭނީ ބޭރަށް ނުކުންނަން ޖެހޭ ވަގުތު ތަކުގައި ގައިދުރު ކުރެވޭނެ ގޮތެއް ނެތް ނަމަ އެވެ. މިފަދަ މީހުން އާދައިގެ މާސްކް އަޅައިގެން ކަމަކު ނުދާނެ އެވެ. މި މީހުން އަޅަން ޖެހޭނީ މެޑިކަލް-ގްރޭޑް މާސްކެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަލަށް ނެރުނު ގައިޑްލައިންގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވާ ކަންތަކެވެ. މި ގައިޑްލައިން ބުނާ ގޮތުން އެހެން އެންމެން ވެސް އަޅަން ޖެހޭނީ ތިން ފޮތި ފަށަލަ އިންނަ މާސްކެކެވެ.

ހުކުރު ދުވަހު ޑަބްލިޔުއެޗްއޯ އިން އިއުލާންކުރި އާ ގައިޑްލައިންއަކީ ކުރިން އެ ޖަމިއްޔާއިން އަންގާފައިވާ އެންގުންތަކާ ވަރަށް ތަފާތު އެންގުމެކެވެ. އާންމުން މާސްކް އެޅުމާބެހޭ ގޮތުން މީގެ ކުރިން ޑަބްލިޔުއެޗްއޯ އިން އެހާ ބޮޑަކަށް ވަކާލާތެއް ނުކުރެ އެވެ. އެންމެން މާސްކް އަޅަން ޖެހޭނެ ކަމަށް ގަބޫލު ކުރަން އެ ޖަމިއްޔާ ކުރިން ބޭނުމެއް ނުވި އެވެ. ސަބަބެއް ކަމަށް އޭރު ބުނެފައި ވަނީ މާސްކް އަޅައިގެން އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭތީ އެވެ.

ޑަބްލިޔުއެޗްއޯގެ އާ ގައިޑްލައިން ބުނާ ގޮތުން 60 އަހަރުން މަތީގެ މީހުން ބޭރަށް ނުކުންނަ ނަމަ މާސްކް އަޅަން ޖެހޭނެ އެވެ. ނަމަވެސް އެއީ އެހެން މީހުންނާ ދުރުގައި ނޫޅެވޭނެ ފަދަ ހާލަތު ތަކުގަ އެވެ. ސަބަބަކީ މިފަދަ މީހުންނަށް އިންފެކްޝަނެއް ޖެހޭލެއް އިތުރުވެފައި ބަލި ޖެހުމުން ނުކުންނަ ނަތީޖާ ވެސް ގޯސްވީމަ އެވެ.

އެހެން އެންމެން އަޅަން ޖެހޭނީ ތިން ފަށަލައިގެ ފޮތި މާސްކެވެ. މީގެ ތެރެއިން މޫނާ އެންމެ ކައިރީގައިވާ ފަށަލައިގައި ހުންނަން ޖެހޭނީ ދާ އެބްސޯބް ކުރެވޭ ކަހަލަ ކޮޓްން ފޮއްޗެވެ. މެދު ފަށަލައިގައި ޕޮލީޕްރޮޕްލީން ލޭޔާ އެވެ. އެންމެ ބޭރަށް ފެން ނުވަތަ ތެތްކަން އެތެރެއަށް ނުވަންނާނެ ކަހަލަ ސިންތެޓިކް ލޭޔާ އެވެ. ގޭގައި ވެސް މާސްކް ތައްޔާރު ކުރެވިދާނެ ކަމަށާއި ކުދި ކުންފުނިތައް ހަދައިގެން މިފަދަ މާސްކް އުފައްދާނަމަ ކޮންމެވެސް ވަރަކަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ދާނެކަމަށް ވެސް މި ގައިޑްލައިންގައި ބުނެފައި ވެއެވެ.

އާ ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ބޭރަށް ނުކުމެ އުޅޭއިރު އެހެން މީހުންނާ ދުރުގައި ހުރެވެން ނެތް ކޮންމެ ހާލަތެއްގައި މާސްކް އަޅައިގެން ހުރުން މުހިއްމެވެ. ބަސް ނުވަތަ އެނޫންވެސް ޕަބްލިކް ޓްރާންސްޕޯޓެއްގައި ދަތުރު ކުރާއިރު އާއި ފިހާރަތަކަށް ކާން ބޯން ބޭނުންވާ ސާމާނު ގަންނަން ދާއިރު އަދި އޮފީހުގަޔާއި އާއްމު އެއްވުން ތަކުގައި ބައިވެރިވާއިރު ވެސް މާސްކް އެޅުން ވަރަށް މުހިއްމެވެ.

ސްކޫލްތަކާއި މިސްކިތްތައް އަދި އެނޫންވެސް ގިނަ ބަޔަކު އެއްވެ އުޅެން ޖެހޭ ބަންދުވެފައި ހުންނަ ތަންތަނުގައި ތިބޭއިރު ވެސް މާސްކް އެޅުން ވަރަށް މުހިއްމު ކަމަށް އާ ގައިޑްލައިން ބުނެ އެވެ.

މީގެ ކުރިން ޑަބްލިޔުއެޗްއޯ އިން މާސްކް އެޅުމަށް އެހާ ބޮޑަށް ތާއީދު ކޮށްފައި ނުވަނީ މާސްކުން ލިބޭ ރައްކާތެރިކަން ކުޑަކަމަށް ބުނެފަ އެވެ. އަދި މެޑިކަލް-ގްރޭޑް މާސްކް އަކީ ކޮރޯނާވައިރަސް ޖެހޭ މީހުންގެ ފުރާނަ ސަލާމަތްކުރަން މަސައްކަތްކުރާ މީހުންނަށް މުހިއްމު އެއްޗަކަށް ވެފައި އެ ފަދަ މާސްކް މަދުވެގެން މައްސަލަތައް ކުރިމަތިވެދާނެތީ އެވެ.

އާ ގައިޑްލައިން ބިނާ ކުރީ މިކަމާ ގުޅޭ ގޮތުން ހަދާފައިވާ ބައެއް ދިރާސާތަކަށް ރިއާޔަތްކޮށް ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފައި ވެއެވެ. މި ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި މާސްކް އެޅުމުގެ ސަބަބުން އެ މުޖުތަމައެއްގައި އުޅޭ މީހުން ބަލިން ދިފާއު ކޮށްދެ އެވެ. މާސްކް ފަރުމާ ކުރަން ޑަބްލިޔުއެޗްއޯ އިން މިހާރު އިރުޝާދު ދީފައިވާ ގޮތަށް ތައްޔާރުކޮށް އަދި އެކަށީގެންވާ ގޮތަކަށް މާސްކް ބޭނުން ކުރާނަމަ އެކަށީގެންވާ ރައްކާތެރިކަން އެއިން ލިބޭނެކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މާސްކް އަކީ އަތުގެ ސާފުތާހިރުކަމާއި ގައިދުރުކުރުމުގައި ފަރުވާ ކުޑަ ކުރަން ކުރާ ކަމަކަށް ވެގެން ނުވާނެ އެވެ. އެންމެ މުހިއްމީ އަތުގެ ސާފުތާހިރު ކަމާއި އެހެން މީހުންނާ ވީވަރަކުން ދުރުގައި އުޅުމެވެ. މާސްކް އެޅުމަކީ މިކަންތައްތައް ކުރުމަށްފަހު ކުރަން ޖެހޭ ކަމެކެވެ.

ޑަބްލިޔުއެޗްއޯގެ އެކްސްޕާޓު ޑރ.މާރިއާ ވެން ކެރިކޯވް ވިދާޅުވީ މާސްކް އަޅައިގެން އުޅޭ މީހުން މުޒާހަރާކޮށް އެކި ކަހަލަ ޖަރީމާތައް ހިންގުން އާއްމުވުމަކީ އެ ޖަމިއްޔާގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެވެ. މާސްކަކީ ނުރަނގަޅު އަމަލުކުރަން ކުރަން މީހުންނަށް ލިބޭ ހިމާޔާތަކަށް ހަދާނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް އޭނާ ނެންގެވީ ޖޯޖް ފްލޮއިޑް މަރާލުމާ ގުޅިގެން އެމެރިކާގައި ކުރަމުންދާ މުޒާހަރާތަކުގައި މީހުން މާސްކްގެ ފަހަތުގައި ފިލާތިބެ ހިންގަމުންދާ ހަމަނުޖެހުން ތަކެވެ.

"މާސްކަކީ ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ބައެއް. ނަމަވެސް މާސްކް އެކަނި އަޅައިގެނެއް އޭގެން އެއްވެސް ރައްކާތެރިކަމެއް ނުލިބޭނެ. ބަލިން ރައްކާތެރިވުމަށް އަޅަން އަންގާފައިވާ އެހެން ފިޔަވަޅުތައް ވެސް އަޅައިގެން ނަތީޖާ ނެރެވޭނީ. އަހަރެން އެދެނީ ކިރިޔާ ވެސް ބައްޔެއްގެ އަލާމާތެއް ހުރި މީހެއް ވިއްޔާ ގޭގައި ތިބެން. އަދި ވީހާ އަވަހަކަށް ކޮވިޑް-19 އަށް ޓެސްޓްކޮށް އެމީހުންނާ ގުޅުން ހުރި އެންމެން ވެސް ޓެސްޓް ކުރަން އަދި ކަރަންޓީނު ކުރަން،" ޑރ. މާރިއާ ވިދާޅުވި އެވެ.

ބޭރަށް ނުކުމެ އުޅޭއިރު އެކަކު އަނެކަކާ ދޭތެރޭ އެންމެ މަދުވެގެން މީޓަރެއް ބަހައްޓަން ޖެހޭނެ ކަމަށާއި މިއަށް ވުރެ ވެސް ދުރުގައި ހުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑަބްލިޔުއެޗްއޯގެ ޑައިރެކްޓަރު-ޖެނެރަލް ވިދާޅުވީ އެ ޖަމިއްޔާގެ ގައިޑްލައިން ބަދަލުކުރި ނަމަވެސް އަދިވެސް ގަބޫލުކުރަނީ ހަމައެކަނި މާސްކުން ރައްކާތެރިކަން ނުލިބޭނެ ކަމަށެވެ. ސަރުކާރުތަކަށް އެ ޖަމިއްޔާއިން އިލްތިމާސް ކުރަނީ ބަލި ފެތުރެމުންދާ މުޖުތަމައުތަކުގެ މީހުންގެ ތެރެއިން ދުރުދުރުގައި އުޅެވޭނެ ގޮތެއް ނެތް މީހުންނަށް ނުވަތަ އެފަދަ ހާލަތުތަކުގައި އެންމެން ވެސް މާސްކްގެ ހިމާޔަތް ހޯދުމަށް ބާރު އެޅުމަށެވެ.

މި ގައިޑްލައިންގައި މާސްކް ތައްޔާރު ކުރާނެ ގޮތުގެ އިތުރުން މާސްކް ދޮވެ ސާފު ކުރާނެ ގޮތުގެ އިރުޝާދު ވެސް ހިމެނެ އެވެ.

"އަތް ރަނގަޅަށް ސާފު ނުކޮށް މާސްކް ހެޔޮވަރުކުރަން އޭގައި އަތްލާ ހަދާނަމަ އެ މީހަކު އަމިއްލައަށް އެމީހަކަށް އިންފެކްޝަން ޖެއްސުމުގެ ފުރުސަތު އޮންނާނެ. އެހެންވީމާ މާސްކް ސާފުތާހިރުކޮށް ބަހައްޓަން ވެސް ސަމާލުކަން ދޭން ޖެހޭނެ،" ގައިޑްލައިންގައި ވެއެވެ.