ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް ބަލިމީހަކު ގޭގައި ހުރިނަމަ ބަލަން ޖެހޭ ކަންކަން

ކޮރޯނާވައިރަހުގެ މުޅިން އާ ރާޅެއް ގައުމަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ގޮތުން ކުރެވޭނީ ކޮން ކަހަލަ ކަންތައްތަކެއްތޯ ބައެއް މީހުން ސުވާލު ކުރި އެވެ. ހާއްސަކޮށް މިހާރު މި އުޅޭ ކޮވިޑްގެ ވައްތަރަކީ ކުރީގައި އުޅުނު ވޭރިއަންޓް އާ ބަލާއިރު މާ ފަސޭހައިން ގައިން ގަޔަށް އަރާ އެއްޗަކަށް ވާތީ މި ބަލިން ސަލާމަތްވުން މިހާރު ވަނީ ކުރިޔަށް ވުރެ މާ އުނދަގޫ ކަމަކަށް ވެފަ އެވެ. ޚާއްސަކޮށް ގޭގައި އުޅޭ މީހަކަށް ބަލި ޖެހިއްޖެނަމަ ދެން އެ ގެއެއްގެ އެންމެން ތިބެން ޖެހެނީ ބިރުން ގޮސް ހަދާނެ ގޮތް ހުސްވެފަ އެވެ.

ހޮސްޕިޓަލުތައް ފުރިފައިވާތީ ކޮވިޑަށް ޕޮޒިޓިވްވާ އެންމެން ގެންދެވޭކަށް ނޯވެ އެވެ. އެހެންވެ އަމިއްލަ ގޭގައި ކޮޓަރީގައި ކަރަންޓީނުވާން ގިނަ ބަޔަކަށް އިރުޝާދު ދީފައި ވެއެވެ. އަދި މިހާރު ކޮވިޑް ޖެހިފައި ތިބި ގިނަ މީހުން ތިބީ ވެސް ކޮޓަރި ކޮޓަރީގައި ބަންދު ވެގެންނެވެ.

މިފަދަ މީހުންނަށް އަޅާލާނީ އެހީތެރިކަން ފޯރުކޮށް ދޭނެ އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން އެނގިފައި އޮތުން ވަރަށް މުހިއްމެވެ. އެމީހުންނަށް އެހީތެރިވާން އުޅެނިކޮށް އެހެން މީހުންނަށް ބަލި އަރާފާނެތީ އެވެ. އެގޮތުން ފަސް ކަމަކަށް ވަރަށް ސަމާލުވާން ޖެހެ އެވެ.

ފުރަތަމަ ކަމަކީ ގޭގައި އުޅޭ ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން އުޅުމެވެ. އަދި ގިނަ ގިނައިން އަތް ދޮވުމެވެ. ކޮވިޑް ޖެހިފައިވާ މީހަކަށް އެހީތެރި ވެދޭ ކޮންމެ ފަހަރަކު ރަނގަޅަށް އަތްދޮވެ އަތް ސެނިޓައިޒް ކުރުމަކީ މުހިއްމު ކަމެކެވެ. އަދި ވީވަރަކުން އަނގަޔާއި ނޭފަތާއި ލޮލުގައި އަތް ނުލުމަކީ ވެސް ބަލިން ސަލާމަތްވާން އެޅޭ ބާރަކަށް ވާނެ އެވެ.

ދެ ވަނަ ކަމަކީ ކޮވިޑް ބަލި މީހާއަށް ކާން ބޯން ދޭން ބޭނުންކުރާ ތަށި، ސަމުސާ ފަދަ އެއްޗެތި މުޅިން ވަކި ކުރުމެވެ. އެންމެ ރަނގަޅު ގޮތަކީ ކައްކަން ބޭނުންކުރާ ތެލި ފަދަ ތަކެތި ވެސް ވަކި ކުރުމެވެ.

އަދި އެމީހުންނަށް ކައްކާ ކާންދޭން ބޭނުންކުރާ ތަށި ފަދަ ތަކެތި ދޮންނަ އިރުވެސް މާސްކް އަޅައިގެން ހުރުމާއި އަންގި ލައްވައިގެން ހޫނު ފެނުން ތަށި ފަދަ ތަކެތި ދޮވުމެވެ. އަދި ދޮވެ ނިންމާފައި ސިންކާއި އަތް ރަނގަޅަށް ދޮވެ ޑިސްއިންފެކްޓް ކުރުމެވެ.

އާދަކޮށް އަތްލާން ޖެހޭ ހުރިހާ އެއްޗެއް ސްވިޗްބޯޑު، މޭޒުމަތި، ރިމޯޓް، ދޮރުގެ ގޮބު، އިސްކުރު ފަދަ އެއްޗެތި ސާފުކޮށް ސެނިޓައިޒް ކުރުމަކީ ވެސް މުހިއްމު ކަމެކެވެ.

ބަލި ޖެހިފައިވާ މީހާ ވަކިން ތަނެއްގައި އައިސޮލޭޓް ވެގެން ހުއްޓަސް ބަލި ނުޖެހޭ މީހުންގެ ސިއްހަތު ވެސް ގަވާއިދުން މޮނިޓާ ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ބަލީގެ އެއްވެސް އަލާމާތެއް ފެނޭތޯ އަބަދުވެސް ޗެކް ކުރަން ވާނެ އެވެ. މިސާލަކަށް ހުން އައުން، ކެއްސުން، އަރިދަފުސްރޯގާގެ އަލާމާތްތައް، ނޭވާ ކުރުވުން ފަދަ ކަމެއް ދިމާވެއްޖެނަމަ އަވަހަށް ޓެސްޓް ކުރުން މުހިއްމެވެ.

ބަލި ޖެހިފައިވާ މީހާ އާއި އެންމެ ގާތްކޮށް އުޅުނު މީހުން 14 ދުވަހު ކަރަންޓީނުގައި ތިބުމަކީ ވެސް ބަލި ފެތުރުން ހުއްޓުވުމަށް ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.