ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގްރާމް ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ކުރިޔަށް ދާއިރު ގިނަ ބަޔަކު މިހާރު ގެންދަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަމުންނެވެ. ގާތްގަނޑަކަށް 100 މިލިއަން މީހުނަށް ބަލި ޖެހި ދެ ލައްކައަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާ މި ނުރައްކާތެރި ވަބާއިން ދުނިޔެއަށް ސަލާމަތް ވެވެން އަންނަނީ ގިނަ ބަޔެއްގެ ގަޔަށް ވެކްސިން ޖަހައިގެން ކަމަށް ގަބޫލު ކުރެވޭތީ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ވެކްސިންގެ އަސަރު އެކަށީގެންވާ ގޮތެއްގައި މީހުންގެ ހަށިގަނޑަށް ކުރާނީ ވެކްސިން ޖެހުމުގެ ކުރިން ދެ ކަމަކަށް ވަރަށް ބޮޑަށް ސަމާލުކަން ދީ އެ ދެ ކަންތައް ކޮށްގެންނެވެ.
ވަރަށް ފަހުން ސައިންސްވެރިން ކުރި ދެ ދިރާސައެއްގެ އަލީގައި މި ދެ ކަންތައް ފާހަގަ ކޮށްފައި ވެއެވެ. އެއީ ނިދުމާއި ކަސްރަތެވެ. ވެކްސިން ޖެހުމުގެ ކުރިން މި ދެ ކަންތަކަށް ފުރިހަމައަށް ސަމާލުކަން ދީގެން ކުރާނަމަ ވެކްސިންގެ އަސަރު ކުރާލެއް މާ ބަރާބަރުވާނެ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.
ސަބަބަކީ ވެކްސިނުން އެކަނި އިންސާނާ ވައިރަހުން ސަލާމަތް ކޮށް ނުދެވޭނެތީ އެވެ. އެކަމަށްޓަކައި އެމީހެއްގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ވާން ޖެހެ އެވެ. ވެކްސިނުން ކުރާ މަސައްކަތް އެންމެ އެދެވޭ ގޮތުގައި ކުރާނީ އޭރުންނެވެ.
ހަށިގަނޑުގެ ދިފާއީ ބާރު އެންމެ ބޮޑަށް ދެރަކޮށްލާ ކަންތައްތަކުގެ ތެރޭގައި ސްޓްރެސް އާއި ޑިޕްރެޝަން ހިމެނެ އެވެ. ވީމާ މި ދެ ކަންތަކާ ވީވަރަކުން ދުރުވުން މުހިއްމެވެ.
މާ ބޮޑަށް ސްޓްރެސް ވާނަމަ ނުވަތަ މާޔޫސްކަން އިހްސާސްވުމަކީ ވައިރަސްގެ ދިފާއު ހަށިގަނޑުގައި ހުންނަ ވަގުތު ކުރުވެގެން ދާނެ ކަމެކެވެ.
ޖާނަލް ޕާސްޕެކްޓިވް އޮން ސައިކޮލޮޖިކަލް ސައިންސްގައި ސައިންސްވެރިން ލިޔުނު މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ރަނގަޅަށް ނިދުމާއި ކަސްރަތުކުރުމަކީ ވެކްސިން ޖެހުމުން ވައިރަސް އާ ދެކޮޅަށް ހަށިގަނޑުގައި އުފެދޭ ދިފާއީ ބާރު ގިނަ ދުވަހު ހުންނާނެ މުހިއްމު ދެ ކަމެވެ.
ތަޖުރިބާކާރުން ބުނެފައިވަނީ އެންމެ މަދުވެގެން ވެކްސިން ޖެހުމުގެ 24 ގަޑިއިރު ކުރިން ރަނގަޅަށް ނިދާ ކަސްރަތުކޮށް ހަދަން ވާނެ ކަމަށެވެ.
މިއީ ހަމައެކަނި މި ވެކްސިން އާ ގުޅޭ ގޮތުން ސައިންސްވެރިން ނެރެފައިވާ ރައުޔެއް ނޫނެވެ. މީގެ ކުރިން ސައިންސްވެރިން ނެރެފައިވާ ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ ފްލޫ ވެކްސިންގެ އަސަރު ވެސް އެންމެ ރަނގަޅަށް ހަށިގަނޑަށް ކުރަނީ އަދި ދިގު މުއްދަތަކަށް އެ ބަލިން ހަށިގަނޑަށް ދިފާއު ވެވެނީ ވެކްސިން ޖެހުމުގެ ދެ ދުވަސް ކުރިންސުރެ ރަނގަޅަށް ނިދީމަ އެވެ. ހެޕަޓައިޓިސް އޭ އަދި ހެޕަޓައިޓީސް ބީ ވެކްސިން ޖެހުމުގެ ކުރިން ވެސް މިގޮތަށް ނިދުމުގެ ފައިދާ ބޮޑު ކަމަކަށް ވެސް ސައިންސްވެރިން ތަންކޮޅެއް ކުރިން ބުނެފައި ވެއެވެ.
ވެކްސިން ޖެހުމުގެ ކުރިން ނިދަން ޖެހެނީ ކީއްވެ؟
ސައިންސްވެރިން ފާހަގަ ކޮށްފައިވާ ގޮތުގައި ހަމަ ނިދި ނުލިބި ހުރި ނަމަ ހަށިގަނޑުގެ ދިފާއީ ބާރު އެކަށީގެންވާ ގޮތަކަށް ނުހުންނާނެ އެވެ. ވެކްސިން ޖެހުމުން އުފެދޭ އެންޓިބޮޑީޒް އެކަށީގެންވާ ގޮތަކަށް އުފެދޭނީ ދިފާއީ ނިޒާމުގެ މަސައްކަތް ބަރާބަރުވީ ވަރަކަށެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ހަށިގަނޑު ކުރުމަކީ ވެސް ދިފާއީ ނިޒާމުގެ މަސައްކަތް ހަލުވިވާނެ އަދި ވެކްސިންގެ އަސަރު މާ ރަނގަޅަށް ކުރާނެ ކަމެކެވެ.
ހަމަ ނިދި ނިދަން އެހީތެރިވާނެ ގޮތްތަކެއް ވެސް ސައިންސްވެރިން ކިޔައިދިނެވެ. އެގޮތުން ނިދާ ގަޑިއާއި ހޭލާ ގަޑި ކަނޑައަޅައި ކޮންމެ ރެއަކުވެސް އެއް ގަޑިއަކަށް ނިދާ ހޭލަން އާދަކުރުން ހިމެނެ އެވެ. އަދި ނިދުމުގެ ބައިގަޑިއިރު ކުރިން ނިދާ ކޮޓަރީގައި ނޫކުލައިގެ ބޮތްކެއް ދިއްލައި އެ އަލީގައި ކުޑަކޮށް އުޅެލުމުން ވެސް ރަނގަޅަށް ނިދޭ ގޮތް ވާނެކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އަދި ނިދަން އޮށޯތުމުގެ ކުރިން ޓީވީ އާއި ފޯނު ފަދަ ތަކެތި ނިއްވާލުމާއި ނިދާ ގަޑި ކައިރިވުމުން ކޮފީ އާއި އެނޫންވެސް ކެފެއިން އެކުލެވޭ އެއްޗެތި ނުބުއިމާއި ނިދާ ގަޑި ކައިރިކޮށްފައި ބަނޑުފުރެންދެން ނުކެއުމަށް ވެސް އިރުޝާދު ދިނެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކުވެސް މަދުވެގެން 30 ވަރަކަށް މިނިޓް ކޮންމެވެސް ކަހަލަ ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ކަމެއް ކުރުމަށް ވެސް ލަފާ ދިނެވެ. މިއީ ވެކްސިން ޖެހުމުގެ ކުރިންނާއި ފަހުންވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ވެސް ފާޙަގަ ކޮށްފައި ވެއެވެ.
ކޮވިޑް-19 އަށް ތައްޔާރުކޮށްފައިވާ ވެކްސިންގެ އަސަރު އެންމެ ފުރިހަމަ ގޮތުގައި ކުރަނީ ދެ ޑޯޒް ޖަހައިގެން ކަމަށް ވާތީ ދެ ޑޯޒްގެ ދެމެދުގައި ހޭދަވާ ދުވަސްތަކުގައި ވެސް ނިދުމާއި ކަސްރަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.