ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑްގައި ހީވެސް ނުކުރާހާ ބޮޑުވަރު ވެދާނެ

ކޮރޯނާވައިރަހަކީ އެއްގޮތަކަށް ވެސް ޖޯކެއް ނޫނެވެ. އަދި ބަލި ޖެހުނަސް އެހާ ބޮޑުވަރު ނުވާނެ ކަމަށް ހިތާ އެ ވައިރަހަށް ޣާފިލުވާ ކަހަލަ ބައްޔެއް ވެސް ނޫނެވެ. މިކަން ތަޖުރިބާކުރި ޑޮކްޓަރަކު ދާދިފަހުން އޭނާގެ ތަޖުރިބާ ގަލްފުގެ ނޫހަކާ ހިއްސާ ކޮށްފައި ވެއެވެ.

ޑރ. އަނަސް ބިން ނާސިރް އަލް ކަމްޔާނީ އަކީ ފެމެލީ އެންޑް ކޮމިއުނިޓީ ފިޒީޝަނެއްގެ ގޮތުގައި ވަރަށް ގިނަ ތަޖުރިބާތައް ހޯއްދަވާފައިވާ މޮޅު ޑޮކްޓަރެކެވެ. އޮމާންގެ މި ޑޮކްޓަރަށް ކޮވިޑް ޖެހި ވަރަށް ހާލުބޮޑުވެ ފުރާނަ ނުގޮސް ސަލާމަތްވެފައިވަނީ ހަމަ ކިރިޔަ ކިރިޔާ އެވެ.

ޑރ. އަނަސް ވިދާޅުވި ގޮތުގައި ކޮވިޑް ޖެހިގެން އޭނާއަށް ފަސް ހަފުތާ ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. މި ދުވަސްތަކުގެ ތެރެއިން ވެސް ގިނަ ދުވަސްތަކެއްގައި އޭނާ ބާއްވާފައި އޮތީ އައިސީޔޫގައި ހޭ ނައްތާފަ އެވެ.
"އަހަރެންނަށް މެކޭނިކަލް ވެންޓިލޭޓަރާއި ފީޑިން ޓިއުބުތައް ގުޅާފައިވެސް އެތައް ދުވަހަކު އޮތް. އަހަރެންނަށް މި ބަލި ޖެހުނީ ވަރަށް ގަދަޔަށް. ނޭވާލާން ދަތިވުމާއި ހުން ގަދަވުން އަދި ނިއުމޯނިއާ ވެސް ޖެހުނު. އެހެންވެ އެ ބަލި އެންމެ ގާތުން ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން އަހަރެން މި ބުނަނީ މި ބައްޔާ މެދު އެއްގޮތަކަށް ވެސް ޣާފިލު ނުވާށޭ. ބަލި ޖެހިދާނެކަމަށް ވަރަށް ވިސްނައިގެން އުޅެން ޖެހޭނީ. އަދި ބަލި ޖެހިފައިވާ މީހުންނަށް ޚިދުމަތްދޭ މީހުން އިތުރަށް ފަރުވާތެރިވާން ޖެހޭނެ،" ޑރ. އަނަސް ވިދާޅުވި އެވެ.

ކޮވިޑްގެ ތަޖުރިބާ ޑރ. އަނަސް ސިފަ ކުރެއްވީ "ޓެރިބަލް" ކަމެއްގެ ގޮތުގަ އެވެ.

"ބަލީގައި ދިމާވި އެންމެ އުނދަގޫ ކަމަކަށްވީ އައިސީޔޫގެ އެނދެއްގައި ގިނަ ދުވަސްތަކަކު އެއްވެސް ހަރަކާތެއް ނުކުރެވި އޮންނަން ޖެހުން. ޖެނެރެލް އެނެސްތީސިއާ ދިނުމުގެ ސަބަބުން ގައިގެ މަސްތަކަށް ވަރަށް ގެއްލުންވި. އެހެންވެ ކުރީކޮޅު އަހަންނަށް އެއްގޮތަކަށް ވެސް ހަށިގަނޑަށް ހަރަކާތެއް ނުގެނެވޭ. ވެންޓިލޭޓަރު ގުޅާފައި ގިނަ ދުވަސް ތަކަކު އޮތުމުން އަޑު ވެސް ބަދަލުވެ ކުރީކޮޅު އަޑު ނުވެސް ނުކުމޭ އެއްގޮތަކަށް ވެސް. އަހަންނަށް މިކަމުން އަރައިގަނެވުނީ ފިޒިކަލް ތެރަޕީ ނަގައިގެން،" ޑރ. އަނަސް ވިދާޅުވި އެވެ.

ކޮވިޑަކީ ދުނިޔެ ދުށް މުޅިން އާ ބައްޔަކަށް ވާތީ ސިއްހީ ޚިދުމަތްތެރިންނަށް ވެސް މި ބައްޔާ ގުޅޭ މާބޮޑު މައުލޫމާތެއް ނެތުމަކީ މި ބަލީގައި ގިނަ ބަޔަކަށް މިހާ ބޮޑުވަރުވާ ސަބަބު ކަމަށް ޑރ. އަނަސް ދެކެވަޑައިގަންނަވަ އެވެ. އަދި ބައްޔަށް އެކަށީގެންވާ ފަރުވާއެއް ހޯދިފައި ނެތުމުން ފަރުވާ ކުރަން ޖެހެނީ ބަލި މީހާގެ ކިބައިން ފެންނަ ބަލީގެ ނިޝާން ތަކަށެވެ.

ޑރ. އަނަސް އިތުރަށް ވިދާޅުވީ އާއިލާގެ މީހަކު ވެންޓިލޭޓަރުގައި އޮންނަތަން ބެލުމަކީ އެއްވެސް މީހަކަށް ކުޅަދާނަވަރުގެ ކަމެއް ނޫން ކަމަށެވެ.

"އަދިވެސް އަހަރެން މުޅިން ރަނގަޅެއް ނުވޭ. ނޭވާލާން އުނދަގޫވުމާއި އަޑު ރަނގަޅަށް ނުނުކުތުން ކަހަލަ މައްސަލަތަކެއް އަދިވެސް އެބަހުރި. ފަހަރެއްގައި މި އުނދަގޫތައް އެތައް މަހަކަށް ވެސް ހުރެދާނެ،" ޑރ. އަނަސް ވިދާޅުވި އެވެ.

ބަލީގެ ވޭން އެންމެ ގަދަޔަށް ތަހައްމަލުކުރި މީހެއްގެ ހައިސިއްޔަތުން ޑޮކްޓަރުގެ އިލްތިމާސް އަކީ އެއްވެސް މީހަކު މިއީ ވަރަށް ކުޑަކުޑަކޮށް ޖެހިލާފައި ހިނގައިދާނެ ބައްޔެއްގެ ގޮތުގައި ނުދުށުމަށެވެ. އެކި މީހުންނަށް ބަލި ޖެހުމުން ވާ ވަރު ތަފާތުވީމަ ކާކަށް ކަން ބޮޑުވަރުވާނީ ބުނަން ނޭނގޭ ކަމަށާއި ބައްޔަށް ފަރުވާ ކުޑަ ނުކުރެވޭނެ އެއް ސަބަބަކީ މިއީ ކަމަށް އޭނާ ވިދާޅުވި އެވެ.