ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"ޑިޒީޒް އެކްސް"ގެ އިންޒާރު ސައިންސްވެރިޔަކު ދީފި

އާ އަހަރަކާ އެކު ދުނިޔެއަށް ހަމަޖެހިލުމުގެ ނޭވާއެއް ލެވިދާނެ ކަމުގެ އުންމީދު ގިނަ ބަޔަކު ކުރެ އެވެ. ފާއިތުވީ 2020 ވެފައި ވަނީ ދުނިޔެ މިހާތަނަށް ދުށް އެންމެ ބިރު އަދި އެންމެ ނާމާން އަހަރަށެވެ. ކޮރޯނާ ވައިރަހުގެ ވަބާ ދުނިޔެއަށް ފެތުރި މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައި ވެއެވެ. އަދި 80 ވަރަކަށް މިލިއަން މީހުން އެބަލީގެ ވޭން ތަހައްމަލު ކުރަންޖެހި އަނެއް ބަޔަކު ގޭގޭގައި ތާށިވެފައި އެތައް މަހަކު ތިބެން ޖެހުނެވެ. ކޮރޯނާވައިރަހުން ދިފާއުވުމަށް ތަފާތު ވެކްސިންތައް އުފައްދައި ބޭނުންކުރެވޭ ވަރު ވުމުން އެ ބަލިން އަރައިގަނެ އަލުން ހިންދެމިލެވިދާނެކަމުގެ އުންމީދު އާވެފައި ވަނިކޮށް ސައިންސްވެރިއަކު އަނެއްކާވެސް މިވަނީ ވަރުގަދަ އިންޒާރެއް ދެއްވާފަ އެވެ.

ކޮރޯނާވައިރަސް ވަރުގެ ނުވަތަ އެއަށް ވުރެ ވެސް ނުރައްކާ ވައިރަހެއްގެ ސަބަބުން "ޑީޒީޒް އެކްސް" ގެ ވަބާއެއް އިންސާނީ ދަރިފަސްކޮޅަކަށް ކުރިމަތިވެދާނެ ކަމުގެ އިންޒާރެވެ.

ޕްރޮފެސަރު ޖީން-ޖެކްސް މުޔެމްބޭ ޓަމްފުމް އަކީ އެބޯލާ ވައިރަސް ވެސް ހޯއްދެވި ސައިންސްވެރިޔާ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ވަރަށް ވަރުގަދަ ވައިރަހަކުން ބޮޑު ބަލިމަޑުކަމެއް ފެތުރުމުގެ ފުރުސަތު މިހާރު ވަނީ ވަރަށް ބޮޑުވެފަ އެވެ.

ސީއެންއެންގައިވާ ރިޕޯޓަކަށް ޕްރޮފެސަރު ޓަމްފެން ވިދާޅުވީ ފުރާނައަށް އިންތިހާއަށް ނުރައްކާ ކުރާނެ މި ވައިރަސް ވުޖުދަށް އަންނާނީ އެފްރިކާގެ ޓްރޮޕިކަލް ރެއިންފޮރެސްޓް ތަކުން ކަމަށެވެ. މިތަނުން އުފެދޭ ބައެއް ވައިރަސް ޖަނަވާރުންގެ ގައިން އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ބަލިބަލި އަރާގޮތުގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވީ ރީނދޫ ހުން، އިންފްލުއެންޒާ، ރޭބީޒް ފަދަ ބަލިތަކެވެ. މި ހުރިހާ ބަލިތަކެއްގެ ވައިރަސް ވެސް އިންސާނުންގެ ގަޔަށް އެރީ މީދާ ނުވަތަ ދިރޭ ސޫފާސޫފިންނެވެ. އަދި އިންސާނުންގެ ގަޔަށް މި ވައިރަސް ވާސިލްވުމަށް ފަހު ބޮޑު ނުވަތަ ކުދި ބަލިމަޑުކަން ދުނިޔެއަށް ފެތުރިފައި ވެއެވެ.

"އަހަރެމެން މިހާރު މި އުޅެނީ އާ ޕެތޯޖަންސް އަށް ބޭރަށް ނުކުމެވޭ ފަދަ ދުނިޔެއެއްގައި. އަދި މިއީ އިންސާނީ ދަރިފަސްކޮޅަށް އޮތް އެންމެ ބޮޑު ބިރަކީ،" އޭނާ ވިދާޅުވި އެވެ.

"ޑިޒީޒް އެކްސް" އަކީ އަދި އުފެދިދާނެ ކަމަށް ހީވާ ބައްޔެއް ނަމަވެސް އެފަދަ ބައްޔެއް ދުނިޔެއަށް ފެތުރިއްޖެނަމަ ވަރަށް ގިނަ ބަޔަކަށް އޭގެ ގެއްލުމާއި ހަލާކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ސައިންސްވެރިންނަށް ވަރަށް ބޮޑެވެ.

ޕްރޮފެސަރު ޓަމްފުމް ވިދާޅުވީ އޭނާއަށް ހީފުޅުވަނީ ކުރިޔަށް ހުރި ޕެންޑެމިކްތައް ކޮވިޑް-19 އަށް ވުރެ މާ ގޯސްވާނެ ކަމަށާއި ދުނިޔެއަށް ބޮޑު މުސީބާތަކަށް މިފަދަ ބައްޔެއް ވެގެން ދާނެ ކަމަށެވެ.

"ޑިޒީޒް އެކްސް"އަކީ ގޮތްނޭނގޭ ވައިރަސްއަކުން އިންސާނުންގެ ސިއްހަތަށް ސީރިއަސް ނުރައްކާތަކެއް ކުރިމަތިވާނެކަމަށް ބެލެވޭތީ ދީފައިވާ ރަމްޒީ ނަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ވަރަށް ޚާއްސަ އިސްކަމެއްދީގެން ރިސާޗްކުރުމަށް ޝޯޓްލިސްޓް ކޮށްފައިވާ ޕެތޯޖަންސްގެ ތެރޭގައި ޑިޒީޒް އެކްސް ހިމެނެ އެވެ. މިގޮތުން ޝޯޓްލިސްޓްކޮށްފައިވާ އިތުރު ބަލިތަކުގެ ތެރޭގައި އެބޯލާ އާއި ސާސް ފަދަ ފުރާނައަށް ނުރައްކާ ބަލިތައް ހިމެނެ އެވެ.

ސައިންސްވެރިން ތައްޔާރު ކޮށްފައިވާ ތަފާތު ރިޕޯޓުތައް ބުނާ ގޮތުން ޑިޒީޒް އެކްސް ކޮވިޑް-19 އަށް ވުރެ ބާރަށް ފެތުރޭ އަދި ބަލިޖެހިގެން މަރުވާ ރޭޓް އެބޯލާ ވައިރަސް ޖެހިގެން މަރުވާ ރޭޓާ ދާދި އެއްވަރެއްގެ ބައްޔަކަށް ވާނެ އެވެ. އެބޯލާ ވައިރަސް ޖެހޭ މީހުންގެ މަރުގެ ރޭޓްއުޅެނީ 50 އާއި 90 އާ ދެމެދުގެ ޕަސެންޓޭޖެއްގަ އެވެ.

އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލްއިން ބުނެފައިވާ ގޮތުގައި ހެމޮރެޖިކް ފީވާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހަކު އެބޯލާ ވައިރަހަށް ޓެސްޓް ކޮށްފައި ވެއެވެ. ނަމަވެސް މިއީ ޑިޒީޒް އެކްސްގެ ފެށުމަށް ވެދާނެތީ ޑޮކްޓަރުން ތިބީ ބިރުންނެވެ. އަދި ކޮވިޑުން އަރައިގަނެވޭއިރު އަނެއްކާ ޑިޒީޒް އެކްސް އާ ދުނިޔެއަށް ހަނގުރާމަ ކުރަން ޖެހިދާނެތީ މިހާރުއްސުރެ ސައިންސްވެރިން ދަނީ ބަލަމުންނެވެ.