އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ މުޒައްފަރްނަގަރްގައި އޮންނަ އަވަށެއްގެ ވާހަކަ އަބަދުވެސް އިންޑިޔާގެ މީޑިއާތަކުގެ ފަލަ ސުރުޚީން ފެނެ އެވެ. އެންމެ ފުރަތަމަ މި އަވަށުގެ ވާހަކަ ދެކެވުނީ އަވަށުގެ މީހުން ޖީންސް ލުން އަވަށުގެ ޕަންޗާޔަތު (އަވަށް ބެލެހެއްޓުމާ ހަވާލުވެގެން އިސްކޮށް ތިބޭ މީހުން) މަނާ ކުރުމުންނެވެ.
ދެ ވަނަ ފަހަރު މަނާ ކުރީ އަންހެންކުދިން ކުރު ހެދުން ލުމާއި މޯބައިލް ފޯނު ގެންގުޅުމެވެ. މި ފަހަރު އަނެއްކާވެސް މި އަވަށުގެ ވާހަކަ ވަރަށް ގަދަޔަށް އެބަ ދެކެވެ އެވެ. މިފަހަރު މަނާ ކުރީ ފިރިހެނުން ސޯޓުބުރި ލުމެވެ.
އަވަށުގެ ކަމުވޮށިވެގެންވާ މީހުން މިހާރު ނިންމާފައިވަނީ އަވަށުގެ އެއްވެސް ފިރިހެނަކު އާންމު ތަންތަނުގައި އަދި މާރުކޭޓު ފަދަ ތަންތަނުގައި އުޅޭއިރު ސޯޓު ބުރި ލައިގެން އުޅުން މަނާ ކުރުމަށެވެ.
މުޒައްފަރްނަގަރްގެ ކަޕް ޕަންޗާޔަތު ލީޑަރު ނަރޭޝް ޓިކައިޓް ބުނި ގޮތުގައި ފިރިހެނުން ސޯޓު ލައިގެން އުޅުމަކީ ވަރަށް ހުތުރު ކަމެކެވެ. ނަމަވެސް މަނާ ކުރުމުގެ ބަދަލުގައި އެގޮތަށް ސޯޓު ލައިގެން ގެއިން ބޭރުގައި ނޫޅުމަށް ނަސޭހަތްތެރި ވަމުންދާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަންހެންކުދިންނަށް އަދިވެސް ފޯނު ގެންގުޅުމާއި ކުރުހެދުން އެޅުން މަނަލެވެ.