ލައިފްސްޓައިލް

މަސްތުވެގެން ހުރެ ކާރާއި ލެޕްޓޮޕާއި އަގުހުރި އެއްޗެތި ނުދަންނަ މީހަކަށް ދީފި

އިންޑިއާގެ ދިއްލީގައި ދިރިއުޅޭ މީހަކު މަސްތުވެފައި ހުރި ވަރުން ކުރެވޭ ނުކުރެވޭ ކަމެއް ނޭނގި އޭނާގެ އަމިއްލަ ކާރާއި ލެޕްޓޮޕް އަދި ދެންވެސް އަތުގައި ހުރިނަމަ ހުރި އަގުހުރި އެއްޗެއް ނުވެސް ދަންނަ މީހަކަށް ދީފި އެވެ.

ދުވަހަކު ލޮލުން ނުދެކޭ އަދި އަލަށް ބައްދަލުވި މީހަކަށް މި މީހާ ދިން އެއްޗެތީގެ ތެރޭގައި އޭނާގެ މޯބައިލް ފޯނާއި އޭނާގެ އަތުގައި ހުރި ގިނަ އަދަދެއްގެ ފައިސާ ވެސް ހިމެނެ އެވެ.

މި ހުރިހާ އެއްޗެތި ދިނުމަށްފަހު އެމީހާ ގެޔަށް ދިޔައީ މެޓްރޯ ރޭލަކަށް އަރައިގެން ކަމަށްވެސް އިންޑިއާގެ ނޫހެއްގައިވާ މި ހަބަރުގައި ބުނެފައި ވެއެވެ.

އަމިތު ޕްރަކާޝް ކިޔާ މި މީހާއަށް ހޭވެރިކަންވެ މަސްތުން ފިލީ އަނެއް ދުވަހު ހެނދުނު އެވެ. ހަމަ ބުއްދި ލިބުމާއެކު އޭނާ ފުލުސް އޮފީހަށް ގޮސް މި ޝަކުވާ ކޮށްފައި ވެއެވެ.

އޭނާ ބުނި ގޮތުގައި އޮފީސް ނިންމާފައި ދަމުން އޭނާ ބަނގުރާ ވިއްކާ ތަނަކަށް ވަދެ ރާފުޅިއެއް ގަނެގެން ރާ ބޮވުނުލެއް ގިނަކަމުން އެ ފުޅީގެ އަގަށްވާ 2000 ރުޕީސްގެ ބަދަލުގައި 20،000 ރުޕީސް ސޭޓަށް ދެވުނު ކަމަށެވެ. ނަސީބަކުން އެ ތަނުގައި ސޭޓަކަށް ހުރި މީހާގެ ރަނގަޅުކަމުން ބާކީ 18000 ރުޕީސް އޭނާއަށް އަނބުރާ ރައްދުކުރި ކަމަށް ފުލުހުން ކައިރީ ޕްރަކާޝް ބުންޏެވެ.

ދެން އޭނާ އެ ތަނުން ނުކުމެގެން ގޮސް ކާރަށް އަރައި އިނދެ އަނެއްކާވެސް ރާ ބޯން އިންދާ ނުވެސް ދަންނަ މީހަކު އައިސް އޭނާ އާއެކު ރާ ބުއިމުގައި ބައިވެރިވާން އެދުމުން އެ މީހާ ގޮވައިގެން ސުބާޝް ޗޯކް ކިޔާ ތަނަކަށް ގޮސް ދެ މީހުން އެތަނުގައި ތިބެ ރަނގަޅަށް ރާ ބުއީ ކަމަށެވެ.

އެންމެ ފަހުން އެ މީހާއަށް ކާރާއި ލެޕްޓޮޕާއި ފޯނާ ހުރިހާ އެއްޗެތި ދީފައި ރޭލަކަށް އަރައިގެން ޕްރަކާޝް ގެއަށް ދިޔައީ އެވެ. އޭނާއަށް މި ކުރެވުނު ކަންތައް ޕްރަކާޝް އަށް ރޭކާލީ ހެނދުނުވީ ފަހުންނެވެ. ނަމަވެސް އޭރު ޕްރަކާޝް ދިން ހުރިހާ އެއްޗެތި ހިފައިގެން އެ މީހާ ފިލާ ރައްކާވެއްޖެ އެވެ.

ޕްރަކާޝް މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މީހުން މިހާރު މި މައްސަލަ ބަލަން ފަށާފައި ވެއެވެ. އަދި ޕްރަކާޝް އުޅުނު ސަރަހައްދުގެ ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވިފައިވާ މަންޒަރުތައް ބަލައި ޕްރަކާޝް އެ ތަކެތި ދިނީ ކާކަށްތޯ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޕްރަކާޝްގެ މި ހުރިހާ އެއްޗެތި ގެއްލުމުން އެކަމުގެ ޝަކުވާ ކުރުމުން އޭނާ އަމިއްލައަށް ބެދޭ ގޮތް ވެސް ވަނީ ވެފަ އެވެ. އެހެންވެ ފުލުހުން އޭނާއަށް ވެސް ދައުވާ ކުރާނެ އެވެ. މަސްތުގެ ހާލުގައި ވެހިކަލް ދުއްވިކަމަަށް އޭނާ އަމިއްލައަށް އިއުތިރާފު ވެފައި ވާތީ އެވެ. މިކަމުގެ އަދަބެއްގެ ގޮތުން 10،000 ރުޕީސްގެ ޖޫރިމަނާ އަކާއި ހަ މަހުގެ ޖަލު ހުކުމެއް ޕްރްކާޝް އަށް އަންނާނެ ކަމަށް ބެލެވެ އެވެ.