ލައިފްސްޓައިލް

ބެންކްގައި ހުރި ނޫޓުތައް ކަތުރުފަނި ކައިގެން އާއްމުން ރަތަށް

ތަނެއްގައި ކަތުރުފަނި އަޅައިފިނަމަ އެ ތަނެއްގައި ހުރި ހުރިހާ އެއްޗެއް ކައި ހުސްކޮށްލަ އެވެ. އަލަމާރިއެއް ކަހަލަ އެއްޗެއްގައި ކަތުރުފަނި އަޅައިފިނަމަ އެ އަލަމާރީގެ ފިލާތަކުން ފެށިގެން އޭގައި ބަހައްޓާފައި ހުރިނަމަ ހުރި އެއްޗެއް ވެސް ކައި ހުސްކުރާނެ އެވެ.

އާއްމުކޮށް ކަތުރުފަނި އާލާވަނީ ކޮންމެވެސް ގޮތަކުން އަލަމާރި ފަދަ އެއްޗިއްސަށް ފެނުގެ އަސަރުކޮށްގެންނެވެ. އެއީ ފުރާޅުން ނުވަތަ ހޮޅިއަކުން ފެން ލީކުވުން ފަދަ ކަމެއް ދިމާވެގެންނެވެ.

ދޮރާއި ކުޑަދޮރުތަކަށް ވެސް ފެނުގެ އަސަރުކޮށްފައި ހުރި ނަމަ ވަރަށް ފަސޭހައިން ކަތުރުފަނި އަޅައި އެ ތަކެތި ކާން ފަށާނެ އެވެ.

ކަތުރުފަނި އެޅުމާއެކު އެކަށީގެންވާ ފިޔަވަޅު އަވަހަށް ނާޅައިފިނަމަ ވަރަށް ބޮޑެތި ގެއްލުންތައް ތަންތަނަށާއި މުދަލަށް ލިބޭނެ އެވެ.

އިންޑިއާގެ ޕަންޖާބު ނެޝަނަލް ބޭންކް (ޕީއެންބީ)ގެ ކަސްޓަމަރުންނަށް ވެސް މިހާރު ދިމާވެގެން އުޅެނީ މިފަދަ ގޮތެކެވެ. އެމީހުން ބޭންކްގައި ބަހައްޓާފައި ހުރި ފައިސާތައް ކަތުރުފަނި ވަނީ ކާލާފަ އެވެ. މިކަމެއް ހިނގާފައިވަނީ އުދައިޕޫރުގެ ކާލާޖީ ގޯރާޖީ ގައެވެ.

ކާލާޖީ ގޯރާޖީގެ ޕީއެންބީ ބޭންކްގެ ކަސްޓަމަރުންގެ ފައިސާތައް ކަތުރުފަނި ކެއުމުގެ ސަބަބުން އެމީހުންނަށް 2.15 ލައްކަ ރުޕީސްގެ ގެއްލުން ވެފައި ވެއެވެ. މި ފައިސާއަކީ އެމީހުން ބޭންކްގެ ލޮކަރުތަކުގައި ބަހައްޓާފައި ހުރި ފައިސާ އެވެ.

އިންޑިއާގެ ނޫހަކުން ބުނި ގޮތުގައި މިގޮތަށް ލޮކަރުގައި ފައިސާ ބަހައްޓައިގެން އުޅުނު ސުނީތާ މެހެތާ ކިޔާ އަންހެނެއްގެ ހުރިހާ ފައިސާއެއް ކަތުރުފަނި ވަނީ ކައިފަ އެވެ. އެންމެ ކުރިން އޭނާއަށް މިކަމެއް ނޭނގެ އެވެ. ލޮކަރުން ފައިސާ ބަންޑެލިތައް ނަގައިގެން އޭނާ ގެއަށް އައިސް އެ އެއްޗެތި ކަނޑާ ބެލިއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ފައިސާ ބަންޑެލިތަކުން އެންމެ މަތީގައި ހުރި ގިނަ އަދަދެއްގެ ނޫޓުތައް ވަނީ ވަރަށް ބޮޑަށް ކަތުރުފަނިކައި ހަލާކުވެފަ އެވެ.

އޭނާ ބެންކްގައި އެ މައްސަލަ ޖެއްސުމުން ކަތުރުފަނި ކައިފައިހުރި ފައިސާތަކަށް ބަދަލުދޭން ބެންކުން ވަނީ އެއްބަސްވެފަ އެވެ.

ސުނީތާ އޭނާގެ ފައިސާތައް ބޭންކްގެ ލޮކަރަށްލީ މިދިޔަ 2022ގެ މޭ މަހު އެވެ. އަދި ލޮކަރު ހުޅުވައިގެން ފައިސާތައް ނެގީ މިއަހަރުގެ ފެބްރުއަރީގަ އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާގެ ހުރިހާ ފައިސާތަކެއް ހުރީ ކަތުރުފަނި ކައިފަ އެވެ. ކަތުރުފަނީގެ ހަމަލަ ނާރާ އެންމެ ނޫޓެއް ވެސް ނެތެވެ. ނަސީބަކުން ބޭންކުން އެ ނޫޓުތައް ބަދަލުކޮށްދޭން އެއްބަސްވުމުން ސުނީތާ އަކަށް މާބޮޑު ގެއްލުމެއް ނުލިބުނެވެ.

މިފަހަރު ކަތުރުފަނި އަޅައިގެން ހަލާކުވި ނޫޓުތައް ހުރީ ބެންކްގެ ލޮކަރެއްގައި ކަމުން އޭގެ ބަދަލު ލިބުނަސް އިންޑިއާގެ ބައެއް މީހުން ގޭގޭގައި ދަގަނޑު ފޮށިފޮށީގައި ރައްކާކޮށްފައި ހުންނަ ފައިސާ ކަތުރުފަނި ކައިގެން ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައި އެބަހުއްޓެވެ. އެގޮތުން މީހެއްގެ ފަސް ލައްކަ އަށް ވުރެ ގިނަ ރުޕީސް ކަތުރުފަނި ކައިފައި ވެއެވެ. އޭނާ އެ ނޫޓުތައް ބަހައްޓާފައި ހުރީ އެނދު ތަންދޮށުގައި ހުރި ދަގަނޑު ފޮއްޓެއްގަ އެވެ.