ލައިފްސްޓައިލް

ރާމާމަކުނަކާ ހެދި އަވަށެއްގެ މީހުން ދެ ހަފުތާ ވަންދެން ބިރުވެރިކަމުގައި

ގޭންގްސްޓާރެއް އަތުލައިގަންނަން މަސައްކަތް ކުރާ ގޮތަށް ކުޑަކުޑަ ރާމާމަކުނެއް އަތުލައިގަންނަން އިންޑިޔާ ފޮރެސްޓް އޮފިސަރުންގެ ޓީމެއް ބުރަ މަސައްކަތްތަކެއް ކޮށްފި އެވެ.

މި ސޮރު އަތުލައިގަންނަން ކަނޑައެޅި ޓީމުގެ އޮފިޝަލުން ވަނީ ޑްރޯން އުދުއްސައިގެން އެ ސޮރު ހޯދައި، އެސޮރު ފަހައި، ގިނަ އިރުތަކެއް ވަންދެން ދުވެފަ އެވެ.

މަދްޔަޕްރަދޭޝްގެ ރާއީގަޅް ޓައުނުގެ މީހުންނަށް ހަމަލަދޭ މި ރާމާމަކުނަކީ މީހުންނާއި ތަކެއްޗަށް ގެއްލުން ދިނުމުގައި އަރާހުރި މަކުނެކެވެ. އެހެންވެ އެސޮރުގެ ބޮލަށް 21،000 ރުޕީސްގެ އިނާމެއް ކަނޑައަޅާފައި އޮތެވެ. އެ ވަރުން ވެސް އެއްވެސް މީހަކަށް އެ ސޮރު ހިފޭ ގޮތް ނުވެ އެސޮރު ހިފުމުގެ މަސައްކަތް ފޮރެސްޓް އޮފިސަރުން ފެށީ އެވެ. އެންމެ ފަހުން މިދިޔަ ބުދަ ދުވަހު މި ރާމާމަކުނު ވަނީ ވަރަށް ބުރަ މަސައްކަތުން އަތުލައިގެންފަ އެވެ.

"މޯސްޓް ވޯންޓަޑް މަންކީ"ގެ ގޮތުގައި ހޯދަމުންދިޔަ މި ރާމާމަކުނު އަތުލައި ގަނެވުނުއިރު އެ ސޮރު ވަނީ 20 ވަރަކަށް މީހުންނަށް ހަމަލަދީ ޒަޚަމްކޮށްލާފަ އެވެ.

މި ސޮރު އުޅޭ ނޫޅޭ ތަންތަން ހޯދާފައިވަނީ ޑްރޯން ބޭނުން ކޮށްގެންނެވެ. އެގޮތުން އެސޮރު އުޅޭ ތަން ހޯދުމަށްފަހު ހޭނައްތާ ބޭސް އަޅާފައިވާ ޑާޓް އެ ސޮރާ އަމާޒުކޮށް ފޮނުވަމުން ގޮސް އެއް ޑާޓް އެސޮރުގެ ގަޔަށް ހެރުމުން އެސޮރު ހޭނެތުމުން އަތުލައިގަނެ ކޮއްޓަށް ލާ ބަންދުކުރީ އެވެ.

މިސޮރުގެ ހަމަލަތައް ފެށުނުފަހުން ފާއިތުވީ ދެ ހަފުތާގައި މިއަވަށުގެ އެންމެން އުޅުނީ ވަރަށް ބިރުވެރިކަމެއްގަ އެވެ. ސަބަބަކީ އެ ސޮރާ ދިމާވާ ކޮންމެ މީހަކަށް އެސޮރު ވަރަށް އަނިޔާވެރިކަމާއެކު ހަމަލަ ދޭތީ އެވެ. މި ސޮރުގެ އުނދަގޫ ބޮޑުވެ ބައެއް މީހުން ދަނޑިބުރިތައް ހިފައިގެން އެމީހުންގެ ގޭގޭގެ ހިމާޔަތުގައި ޑިއުޓީ ބަހައިގެން ތިބެފައި ވެއެވެ. އަދި އެމީހުންގެ ޅަ ދަރިން އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނުނެރި ގެންގުޅެފައި ވެއެވެ.

ބައެއް މީހުން ބަޑި ފަދަ އެއްޗެތި ހޯދައިގެން ވެސް އެމީހުންގެ ގެދޮރު މިސޮރުގެ ހަމަލައަކުން ރައްކާތެރިކުރަން ވަނީ މަސައްކަތް ކޮށްފަ އެވެ.

ފާއިތުވީ ދެ ހަފުތާ ތެރޭ މި ރާމާމަކުނު ހަމަލަ ދިން 20 މީހުންގެ ތެރޭގައި އަށް ކުޑަ ކުދިން ހިމެނެ އެވެ.

މިސޮރު ހަދާގޮތަކީ ގޭގޭގެ ފުރާޅަށް އަރައިގެން ގޮސް ފެންލައިޓާއި ކުޑަ ދޮރު ފަދަ ތަންތަނުން ލާފައި ކުއްލިއަކަށް ގޭތެރެއަށް ވަދެ އެންމެ ފުރަތަމަ ޖެހޭ މީހަކަށް ހަމަލަ ދެނީ އެވެ. މިގޮތަށް ހަމަލަ ދިން ބައެއް މީހުންގެ ގައިގެ ތަންތަނުގައި ބޮޑެތި ޒަޚަމްތައް ލައި ހޮސްޕިޓަލަށް ގެންގޮސް ފަހަން ވެސް ޖެހިފައި ވެއެވެ.

ސީސީޓީވީ ކެމެރާއަކަށް މިސޮރުގެ ހަމަލައެއް ރެކޯޑް ކުރެވިފައި ވެއެވެ. އެ ރެކޯޑިން އިން ފެންނަނީ އުމުރުން ވަރަށް ދުވަސްވީ މީހަކަށް މި ސޮރު ކުއްލިއަކަށް ހަމަލަދޭ މަންޒަރާއި އެމީހާ ބިންމައްޗަށް ވެއްޓުމުން އޭނާގެ ގައިގެ އެތަންމިތަނުގައި ވަކި އަޅާ ދަތް އަޅާ މަންޒަރެވެ.

ފޮރެސްޓް އޮފިޝަލުން ބުނި ގޮތުގައި މިސޮރު މަރާލާކަށް އެމީހުން ގަސްތެއް ނުކުރެ އެވެ. މިސޮރު ދޫކޮށްލާނީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ދެން ނާދެވޭހާ ދުރު ހިސާބެއްގެ ފުން ޖައްގަޔަކަށެވެ.