ލައިފްސްޓައިލް

ޔޫޓިއުބު ވީޑިއޯ އުފައްދައިގެން ބޮޑު އާމްދަނީއެއް ހޯދާ އަވަށެއް!

އިންޑިއާގެ ޗައްތީސްގަޅް ސްޓޭޓްގައި އޮންނަ ތުލްސީ ނަމަކަށް ކިޔާ ކުޑަކުޑަ އަވަށެއް "ޔޫޓިއުބު އަވަށު"ގެ ގޮތުގައި މަޝްހޫރުވެފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އެ އަވަށުގެ ތިން ބައިކުޅަ އެއްބައި މީހުންނަކީ ޔޫޓިއުބު ވީޑީއޯ ހަދައިގެން އާމްދަނީ ހޯދާ ބައެކެވެ.

މި އަވަށުގައި އޮންލައިން ވީޑިއޯ އުފެއްދުމުގެ ޖޯޝާއި ފޯރި ވަރަށް ގަދަ އެވެ. ދުނިޔޭގެ އެހެން ގައުމުތަކުގެ އެތައް މިލިއަން ބަޔަކު ވީޑީއޯ ކްރިއޭޓަރުންގެ ގޮތުގައި ކެރިއަރެއް ބިނާކުރަން އެކަމާ ގުޅޭ ގޮތުން އިލްމު އުނގެނި ތަޖުރިބާ ހޯދައި، ބުރަ މަސައްކަތްތައް ކުރަމުންދާއިރު މި އަވަށުގައި އެކަން ކުރާ މީހުންނަކީ އެކަމާ ގުޅޭ އެއްވެސް ތައުލީމެއް ހުރި ބަޔެއް ނޫނެވެ. ނަމަވެސް އެމީހުން އުފައްދާ ވީޑިއޯ ޔޫޓިއުބަށް އަޕްލޯޑްކޮށްގެން އެމީހުން ގެންދަނީ ބޮޑު އާމްދަނީއެއް ހޯދަމުންނެވެ.

ތުލްސީ އަވަށުގެ މީހުންގެ ތެރެއިން ޔޫޓިއުބު ވީޑިއޯތައް އުފައްދާ ގިނަ މީހުންނަކީ ދަނޑުވެރިންނެވެ. ނަމަވެސް އެ އަވަށުގެ ބައެއް މީހުން ޔޫޓިއުބު ވީޑީއޯ އުފައްދައިގެން މާބޮޑު އާމްދަނީ ހޯދަމުންދާކަން އެނގުމުން ދަނޑުވެރިން އެމީހުންގެ ދަނޑުވެރިކަމުގެ މަސައްކަތް ދޫކޮށްލާފައި ޔޫޓިއުބު ވީޑީއޯ އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އިންޑިއާގެ ޔޫޓިއުބު ވިލެޖުގެ ވާހަކަ ފެށުނީ ދެ އެކުވެރިން ކަމަށްވާ ގަޔަނެންދުރަ ޝުކްލާ އާއި ޖެއި ވަރުމާ އެމީހުން އަދާކުރަމުން ދިޔަ ވަޒީފާތައް ދޫކޮށްލާފައި ޔޫޓިއުބު ކޮންޓެންޓް އުފައްދާ މީހުންނަށް ވެގެން އާމްދަނީ ހޯދަން ފެށި ހިސާބުންނެވެ.

މީގެ ތެރެއިން ގަޔަނެންދުރަ އަކީ ނެޓްވޯކް އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އަދި ޖެއި އަކީ ޓީޗަރެކެވެ. މި ވަޒީފާތައް އަދާކޮށްގެން އެމީހުންނަށް ލިބޭ އާމްދަނީ މަދުކަމުން ޔޫޓިއުބު ކޮންޓެންޓް އުފައްދަން ފެށުމާއެކު މިއީ މާ ރަނގަޅު އާމްދަނީ ލިބޭ ކަމެއް ކަން އެމީހުންނަށް ޔަގީންކުރެވި ވަޒީފާތައް ދޫކޮށްލާފައި ހަމައެކަނި މިކަމަށް ހާއްސަވީ އެވެ.

އެމީހުންގެ ކާމިޔާބީގެ ވާހަކަތައް އަވަށުގެ މީހުންނަށް އެނގި އޭގެ ތެރެއިން ގިނަ ބަޔަކު ވެސް މި މަސައްކަތަށް އެނބުރުނީ އެވެ.

"އަހަރެން ކުރިން މަސައްކަތްކުރީ އެސްބީއައިގައި. އެތަނުގެ އިންޓަނެޓު ވަރަށް ފާސްޓްވާނެ. އެހެންވެ އަހަރެން ހުސް ވަގުތު ޔޫޓިއުބު ވީޑީއޯތައް ބަލަން. ވަޒީފާ ދޫކޮށްލާފައި ޔޫޓިއުބު ކޮންޓެންޓް އުފެއްދުމުގެ ޚިޔާލު އައީ ހެނދުނު 9.00 އިން ހަވީރު 5.00 އަށް އަދާކުރަމުންދިޔަ ވަޒީފާއިން އެކަށީގެންވާ އާމްދަނީއެއް ނުލިބޭތީ،" ނެޓްވޯކް އިންޖިނިއަރު ބުންޏެވެ.

މިހާރު އެ އަވަށުގެ 40 ޕަސެންޓަށް ވުރެ ގިނަ މީހުންގެ މަސައްކަތަކީ ޔޫޓިއުބާއި އިންސްޓަގްރާމް އަދި ޓީކްޓޮކް އަށް ވީޑީއޯތައް އުފައްދައި އަޕްލޯޑް ކުރުމެވެ.

މިގޮތަށް ވީޑީއޯ އުފެއްދުމުގެ މަސައްކަތް 15 ވަރަކަށް އަހަރުގެ ކުޑަކުދިން ވެސް ކުރެ އެވެ. އަދި އުމުރުން ދުވަސްވެގެން ގޮސް 85 އަހަރުވީ މާމާއިން ވެސް އެ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުންދާ ކަމަށް ގަޔަނެންދުރަ ބުންޏެވެ.

ތުލްސީ އަވަށުގެ ޔޫޓިއުބު ޗެނަލްތަކުން އުފައްދާ ކޮންޓެންޓްގައި ހެއްވާ މަޖާ ވީޑީއޯތަކާއި ތައުލީމީ ވީޑީއޯތައް އަދި މިއުޒިކް ހިމެނެ އެވެ. އަދި އެމީހުންގެ ތެރެއިން މަޝްހޫރު ބައެއް މީހުންގެ ޔޫޓިއުބު ސަބްސްކްރައިބާޒްގެ އަދަދު 100،000 އަށް ވުރެ މައްޗަށް ގޮސްފައި ވެއެވެ.