އަވަށްޓެރިންގެ ޝަކުވާ ފުލުހުންނަށް ހުށަހެޅުމަކީ ވަރަށް ގިނަ ގައުމުތަކުގެ މީހުން ކުރާ ކަމެކެވެ. އަޑުގަދަކޮށް ލަވަ ޖަހާތީ އުނދަގޫ ވެގެންނާއި ގޭގައި ޕާޓީ ބާއްވައިގެން އަޑުގަދަ ކަމުން އުނދަގޫވެގެން ފުލުހުންނަށް ޝަކުވާ ހުށަހަޅާ އަވަށްޓެރިން ވެސް މީގެ ތެރޭގައި ހިމެނެ އެވެ.
ނަމަވެސް އަވަށްޓެރިޔަކު ގެންގުޅޭ ހާލެއް ފަތިސް ދަޅައިގައި ގޮވާތީ އުނދަގޫވެގެން ފުލުހުންނަށް ޝަކުވާ ހުށަހެޅި މީހެއްގެ ވާހަކަ އަޑުއެހެން ހެއްޔެވެ؟
އިންޑިޔާގެ މަދްޔަ ޕްރަދޭޝްގެ އިންދޯރުގައި ދިރިއުޅޭ މީހަކު ގެންގުޅޭ ހާ ކޮންމެ ދުވަހަކު ފަތިހު އެ ހިސާބުގަނޑުގެ އެންމެންނަށް "ވޭކް އަޕް ކޯލް" ދެއެވެ. ފަތިސް ވުމާއެކު އެ ސޮރުގެ ރީތި އަޑުން ގޮވައި އެންމެން ހޭލެއްވުމުގެ މަސައްކަތް ކުރެ އެވެ. ނަމަވެސް ހާ މި ދޭ "ވޭކްއަޕް ކޯލް" ހުރިހާ މީހުން ހިތްހަމަޖެހޭ އެއްޗަކަށް ނުވި އެވެ.
ހާ ގޮވާތީ ހިތްހަމަނުޖެހިގެން ފުލުސް އޮފީހަށް ގޮސް ޝަކުވާ ހުށަހަޅާފައިވަނީ އެ ހާ ގެންގުޅޭ މީހާގެ ގެޔާ ޖެހިގެން ހުންނަ ގޭގައި ދިރިއުޅޭ އަލޯކް މޯދީ ނަމަކަށް ކިޔާ ޑޮކްޓަރެކެވެ.
ޕައިލާސިއާ ކިޔާ އަވަށެއްގައި ޑޮކްޓަރު ދިރިއުޅެނީ އޭނާ މަސައްކަތްކުރާ ގްރޭޓާ ކައިލާޝް ހޮސްޕިޓަލާ ވަރަށް ކައިރީގައި ހުރި ގެއެއްގަ އެވެ.
ޕައިލާސިއާ ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަންޖޭ ސިންގް ބައިންސް ވިދާޅުވީ ޑރ. އަލޯކް އަށް އޭނާގެ އަވަށްޓެރިޔާގެ ހާ ފަތިސްގަޑީގައި ގޮވާވަރުން އުނދަގޫވެގެން ފުލުހުންނަށް ލިޔުމަކުން ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ގޮތުން ހާ ގެންގުޅޭ މީހާ އާއި ޑރ. އަލޯކް އާ ދެ މީހުންނާ ވާހަކަ ދައްކައި ސުލްހަވެރި ހައްލެއް ހޯދަން މަސައްކަތް ކުރާނެ ކަމަށެވެ.
ފުލުހުންނަށް ޑޮކްޓަރު ހުށަހަޅާފައިވާ ޝަކުވާގެ ލިޔުމުގައި ބުނެފައިވަނީ އޭނާގެ އަވަށްޓެރި އަންހެނަކު ކުއްތާ އާއި ކުކުޅަހާ އޮޅުކޮށްގެން ގޭގައި ގެންގުޅޭކަމަށެވެ. އަދި އެމީހާ އޮޅުކޮށްގެން ގެންގުޅޭ އެއްޗެހީގެ ތެރޭގައި ހިމެނޭ ހާލެއް ކޮންމެ ދުވަހަކު ފަތިހު 5.00ގައި ގޮވަން ފަށާ ކަމަށެވެ. އޭނާ ބަލި މީހުންނަށް ފަރުވާ ދޭން ހޮސްޕިޓަލުގައި އުޅެފައި އަންނަނީ ވަރަށް ދަންވާ ފަހުން ކަމަށާއި އެ އައިސް ނިދަން އޮށޯންނައިރަށް ހާ ގޮވަން ފަށާތީ ނިދަން ދަތިވާ ކަމަށެވެ.
"ނޯ ޔުއަ ޗިކަން" ވެބްސައިޓްގައިވާ މައުލޫމާތު ބުނާ ގޮތުން އެކި އެކި ހާލަތްތައް ދިމާވެގެން ހާ ގޮވަ އެވެ. އެގޮތުން އެންމެ ގިނައިން ހާ ގޮވަނީ ފަތިސް ގަޑީގައި ކަމަށާއި އެ ގޮވާ ފަހަރަކު 13-15 ފަހަރު އެ ސޮރު ގޮވާ ކަމަށް ވެސް މި ވެބްސައިޓްގައިވާ މައުލޫމާތުގައި ބުނެފައި ވެއެވެ.
ހާ ގޮވާ ސަބަބުތަކުގެ ތެރޭގައި ހެނދުނު މީހުން ހޭލައްވަން އެ ގޮވާ ގޮވުމާއި، އެސޮރު ނުދަންނަ މީހަކު އެ ތަނުގައި އުޅޭތަން ފެނިއްޖެނަމަ ގޮވާ ގޮވުން އަދި ނުރައްކަލެއް އުޅޭކަމަށް ހީވެއްޖެނަމަ ގޮވާ ގޮވުން ހިމެނެ އެވެ. އަދި ބައެއް ފަހަރަށް އެ ސޮރުގެ ބޮޑުކަން ދައްކަން ވެސް ހާ ގޮވާ ކަމަށް ވެއެވެ.