ރިޕޯޓް

ހަނގުރާމަ ނިމުނަސް އައިއެސްގެ ހިޔަނި ފުހެވޭނެ؟

Mar 24, 2019
1

ލޭއޮހޮރުވުމާއި ބިރުވެރިކަމުގެ ތެރޭގައި ސީރިއާގެ ބޮޑުބައެއް ކޮންޓްރޯލް ކުރި ދީނީ ހަރުކަށި ވިސްނުމުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިސް) ގެ މައްޗަށް ކާމިޔާބީ ލިބިފައިވާކަމަށް އެމެރިކާއިން ވާގިދޭ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ވަނީ އިއުލާނުކޮށްފަ އެވެ.

މީގެ ފަސް އަހަރު ކުރިން، އިސްލާމީ ދައުލަތެއް އިއުލާނުކޮށް ގާތްގަނޑަކަށް 88،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއްގައި އައިއެސް އިން ރަސްކަން ކުރި އެވެ. އެ ޖަމާއަތުގެ ހަރުކަށި ވިސްނުމުގެ ބިޔަ ހިޔަނި ސީރިއާގެ ހުޅަނގުން އިރާގުގެ އިރަށް ފެތުރިގެން ދިޔަ އެވެ. އެ މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް އަށް މިލިއަނަށް ވުރެ ގިނަ މީހުންގެ މައްޗަށް އައިއެސް އިން ވެރިކަންކުރި އިރު، ތެލާއި، ވައްކަން ކުރުމާއި މީހުން ރަހީނުކޮށްގެން އެތަކެއް ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި އެވެ.

އައިއެސްގެ ދައުލަތް ނިމުމަކަށް ގެނެވުނަސް، ލޭއޮހޮރުވުމުގެ ތަޖުރިބާ ލިބިގެންތިބި ހަނގުރާމަވެރިންނާއެކު، އެ ޖަމާއަތުގެ ފިކުރު ފުހެލަން ދަތިވާނެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އެމެރިކާގެ މިލިޓަރީ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ޖޯސެފް ވޮޓެލް ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެކި ސަރަހައްދުތަކުގައި ހާވިޔާވެފައިވާ ތިބި އައިއެސް ފިކުރުގެ ހަނގުރާމަވެރިންނާއި، އެ ޖަމާއަތުގެ ސަޕޯޓަރުންނަށް އިތުރަށް ފަރުވާތެރިވާންޖެހޭ ކަމަށެވެ. އަދި އައިއެސްއަށް ކުރަމުންދާ ޕްރެޝަރު ދަމަހައްޓަން ނާކާމިޔާބުވެއްޖެ ނަމަ، ހަ މަސް ދުވަހުގެ ތެރޭގައި އައިއެސް މޫތަކުން އެ ޖަމާއަތުގެ ކުރިތައް ސީރިއާގެ އެހެން ހިސާބެއްގައި ފެޅުމުގެ ފުރުސަތު ބޮޑުކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މިދިޔަ ޖެނުއަރީ މަހު އިންޒާރުދިނެވެ.

އެ އިންޒާރުތަކާއި ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސީރިއާގައި ހަރަކާތްތެރިވާ 2،000 އެއްހާ އެމެރިކާ ސިފައިން އަނބުރާ ނުގެނައުމަށް ނިންމަވައިފަ އެވެ.

އައިއެސްއަށް ދެން ވާނީ ކިހިނެއް؟

އިރާގު ސަރުކާރުން 2017 ވަނަ އަހަރު އައިއެސްގެ މައްޗަށް ކާމިޔާބީ އިއުލާނުކުރިއިރު، އެ ޖަމާއަތުގެ ސިއްރު ނެޓްވާކުތައް ގާއިމުކޮށް ނިންމާފައިވާކަމަށް މިދިޔަ ފެބްރުއަރީ މަހު އދ. ސެކިޔުރިޓީ ކައުންސިލަށް ހުށަހެޅުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ.

އަދި އައިއެސްގެ ހިންގުން މީހުން މަދު ދުރު ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އެ ގޮތުން، އައިއެސް ހަނގުރާމަވެރިން ވަނީ ޖަންގަލިތަކާއި، ފަރުބަދަތަކުގެ ތެރޭގައި ތިބެގެން، ކުއްލި ހަމަލާތައް ދިނުމަށް ރާވަން ފަށައިފަ އެވެ. އެ ހަމަލާތަކުގެ ބޭނުމަކީ، ސަރުކާރަށް ސަލަމާތީ ކަންކަން ކަށަވަރު ނުކުރެވޭކަން ދެއްކުމާއި، ގައުމު އަލުން ބިނާކުރުމަށް ހުރަސް އެޅުންކަމުގައި އެ ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ސިޔާސީ އަދި ސަރުކާރުގެ އޮފިޝަލުން މެރުމާއި، ރަހީނު ކުރުމުގެ އިތުރުން، ދައުލަތުގެ މައި އިދާރާތަކަށް ހަމަލާދިނުން ހިމެނެ އެވެ.

އިރާގުގައި އައިއެސް އިން ހަރަކާތްތެރިވާ އުސޫލުން ސީރިއާގައި ވެސް އެ ޖަމާއަތުގެ އެފަދަ ނެޓްވާކެއް ގާއިމުކުރުމުގެ ބިރު ބޮޑެވެ. އަދި މިހާރުވެސް އައިއެސް ހަނގުރާމަވެރިންގެ އަތުގައި ނުރައްކާތެރި ހަތިޔާރުތައް ހުރިއިރު، ކޮންމެ ވަގުތެއްގައި ވެސް ބޮމާއި ބަޑީގެ ހަމަލާތައް ދިނުމުގެ ގާބިލުކަން އަދިވެސް ލިބިގެންވާކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެ އެވެ.

ހާއްސަކޮށް، އެ ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣްދާދީ ހައްޔަރުކުރެވި ނޫނީ މަރާލެވިފައިނުވުމަކީ، އެ ޖަމާއަތަށް ލިބޭނެ ކުރިއެރުމެކެވެ. އަދި އެ ޖަމާއަތަށް ބޭރުން ލިބޭ އެހީތަކާއެކު ނަގުދު ފައިސާގެ ގޮތުގައި 50 މިލިއަނާއި 300 މިލިއަނާއި ދެމެދުގެ އަދަދެއް ހުންނާނެކަމަށް ކަމާބެހޭ އިދާރާތަކުން ލަފާކުރެ އެވެ.

ބާކީތިބީ ކިތައް ހަނގުރާމަވެރިން؟

އދ. އަންދާޒާކުރާ ގޮތުގައި، އިރާގާއި ސީރިއާގައި އަދިވެސް އައިއެސްގެ 18،000 އެއްހާ ހަނގުރާމަވެރިން ހަރަކާތްތެރިވެ އެވެ. އޭގެ ތެރޭގައި ބޭރުގެ އެކި ގައުމުތަކުގެ 3،000 އެއްހާ މީހުންވެސް ހިމެނެ އެވެ. އައިއެސް ބަލިކުރުމަށް އުފެއްދި ދުނިޔޭގެ ކޯލިޝަނުންވެސް އެ އަދަދުތަކަށް އިއްތިފާގުވެ އެވެ. އެ ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި، އައިއެސްގައި މިހާރު ބާކީތިބި ހަނގުރާމަވެރިން ތިބީ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސްލީޕާ ސެލްސްތަކުގަ އެވެ.

އެތަކެއް ހާސް ބައެއްގެ މަރު!

އައިއެސް އާ ދެކޮޅަށް ކުރި ހަނގުރާމާގައި މަރުވި މީހުންގެ ސީދާ އަދަދު ސާފެއްނުވެ އެވެ. ޔޫކޭ އިން ހަރަކާތްތެރިވާ އަމިއްލަ ޖަމާއަތެއް ކަމުގައި ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސް އިން ލަފާކުރާ ގޮތުގައި، 2011 ވަނަ ސީރިއާގައި ދާހިލީ ހަނގުރާމަ ފެށުނު ފަހުން 371،000 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 112،000 އަށް ވުރެ ގިނަ އާންމު ރައްޔިތުން ހިމެނެ އެވެ.

ހަނގުރާމައިގެ ތެރޭގައި މަރުވި މީހުންގެ އިތުރުން، 6.6 މިލިއަން މީހުން ސީރިއާގައި ގެދޮރު ގެއްލިފައިވާއިރު، އިތުރު 5.6 މިލިއަން މީހުން ވަނީ އެހެން ގައުމުތަކަށް ހިޖުރަކޮށްފަ އެވެ. އޭގެ ތެރެއިން 3.5 މިލިއަން މީހުން ތުރުކީން ހިމާޔަތް ހޯދާފައިވާއިރު، ލެބަނާނުގައި އެއް މިލިއަން އަދި ޖޯޑަންގައި 700،000 ސީރިއާ ރެފިއުޖީން ތިބި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.