ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު މޮޅު ގޮތްގޮތަށް ފަރުމާކޮށްފައިވާ ބްރިޖުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ އަޖައިބުކުރަނިވި ބްރިޖަކަށް މިހާރު ވާނީ ވިއެޓްނާމްގެ ގޯލްޑެން ބްރިޖެވެ. މި ބްރިޖު އޮންނަނީ ދެ އަތް މަތީގަ އެވެ. ނޫނީ އަތުގެ ތެރޭގައޭ ވެސް ބުނެވިދާނެ އެވެ.
ބާނާ ހިލްސްގައި ހުންނަ ވިއެޓްނާމްގެ ސެންޓްރަލް ފަރުބަދަތަކުގެ ދެމެދުގައި ރަށް ފަށަލައަކުން ދަމާފައި އޮންނަ މި ބްރިޖު ހިފަހައްޓައި ދެނީ މި ދެ އަތުންނެވެ. މި ދެ އަތަކީ މި ބްރިޖުގެ މައި ދެ ތަނބެވެ. އިންސާނެއްގެ އަތާއި އެއްގޮތަށް ފަރުމާކޮށްފައިވާ މި ދެ ތަނބު ހުންނަނީ އަޅި ކުލާގަ އެވެ. އަދި އެ ސަރަހައްދުގެ ވަށައިގެންވާ މާހައުލާއި ވީހާވެސް ގުޅޭނެ ގޮތަކަށް ފަރުމާކުރުމަށްޓަކައި މި ދެ ތަނބުގައި ވަނީ ފެހިޖަހާއި އަދި ގަސްފަޅާފައި ހުންނަ ގޮތަށް ފަރުމާކޮށްފަ އެވެ.
މިދިޔަ ޖޫން މަހު އާންމުކޮށް ހުޅުވާލި މި ބްރިޖަކީ މިހާރު ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. މި ބްރިޖުމަތީގައި ކައިވެނިކުރުމަކީވެސް މިހާރު ގިނަ ލޯބިވެރިންގެ ހުވަފެނެކެވެ. ކައިވެނި ނޫނަސް ތަފާތު އެކި މުނާސަބަތުތަކަށް މި ބްރިޖު ބޭނުންކުރާ މީހުން އަންނަނީ އިތުރުވަމުންނެވެ. ފަތުރުވެރިންނާއި އެއްވަރަށް ވިއެޓްނާމުގެ އެތައް ސަތޭކަ ރައްޔިތުންނެއްވެސް ކޮންމެ ދުވަހަކު މި ބްރިޖު ބަލާލުމަށް ޒިޔާރަތްކުރެ އެވެ.
މި ބްރިޖު ފަރުމާކުރީ ޓީއޭ ލޭންޑްސްކޭޕް އާކިޓެއްކްޗާއިންނެވެ. މި ބްރިޖު ހުންނަނީ ކަނޑުގެ ސަތަހައަށްވުރެ 1000 މީޓަރު މަތީގަ އެވެ. އެ ސަރަހައްދު ފަށައިގެން އޮތް ގަސްގަހާއި ގެއްސާއި ގުދުރަތީ ރީތިކަން މި ބްރިޖުމަތީގައި ހުންނައިރު ވަރަށް ފުރިހަމައަށް ފެނެ އެވެ.
"އަހަންނަށް ހީވަނީ ވިލާތަކުގެ މަތިން ހިންގާފައި ދެވޭހެން. މިއީ ވަރަށް ފުރިހަމަ އަދި ހައިރާންކުރަނިވި ތަނެއް،" މި ބްރިޖު ބަލާލުމަށް ގޮސްހުރި ފަތުރުވެރިއަކު ބުންޏެވެ.
ފަތުރުވެރިންގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ބާނާ ހިލްސް މަޝްހޫރުވެގެން ދިޔައީ ފަރަންސޭސީވިލާތުގެ އަތް ދަށުގައި ވިއެޓްނާމު އޮތްއިރު، ފްރާންސުގެ މީހުން ޗުއްޓީ ހޭދަކުރުމަށް އެ ރަށަށް ދާން ފެށުމާއެކު އެވެ. ވިއެޓްނާމުގެ ފަތުރުވެރިކަމާއި ބެހޭ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އަހަރު އެކަނިވެސް ބާނާ ހިލްސްއަށް 2.7 މިލިއަންވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.