ދުނިޔެ

ފުރަތަމަ ފަހަރަށް އެމެރިކާގެ ކޮންގްރެސްއަށް މުސްލިމު އަންހެނެއް

Aug 9, 2018
1

އަންހެންނުނަށް ތާރީހީ އިންތިހާބެއްގައި، އެމެރިކާގެ ކޮންގްރެސް އަށް ފުރަތަމަ ފަހަރަށް މުސްލިމު އަންހެނެއް އިންތިހާބު ވެއްޖެ އެވެ.

އެމެރިކާއަށް ހިޖުރަކުރި ފަލަސްތީނު ދެމަފިރިންގެ 42 އަހަރުގެ އަންހެން ދަރިފުޅު، ރާޝިދާ ތާލީބު ވަނީ މިޝިގަން ސްޓޭޓުގައި ބޭއްވުނު ޑިމޮކްރެޓިކް ޕްރައިމަރީ ފަސޭހަކަމާއެކު ކާމިޔާބު ކުރައްވާފަ އެވެ. ރިޕަބްލިކަން ޕާޓީ ހިމެނޭގޮތަށް އެ ދާއިރާއަށް އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައިނުވާތީ، އަންނަ ނޮވެމްބަރު މަހު ކޮންގްރެސްގައި މިޝިގަން ސްޓޭޓް ތަމްސީލު ކުރައްވާނީ ރާޝިދާ އެވެ.

އެމެރިކާގެ ކޮންގްރެސަށް އިންތިހާބުވި ފުރަތަމަ އަންހެންނަށް ރާޝިދާ ވެފައިވާއިރު، މީގެ ކުރީގައި މުސްލިމު ދެ ފިރިހެނުން ވަނީ ކޮންގްރެސަށް އިންތިހާބުވެފަ އެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިހާބު ވެވަޑައިގެންނެވި ފަހުން، މުސްލިމުންނާއި ދެކޮޅަށް ދެވޭ ހަމަލާތައް އިތުރުވެފައިވުމަކީ، އިންތިހާބަށް ކުރިމަތިލައްވަން ނިންމެވި މައިގަނޑު ސަބަބު ކަމުގައި، ރާޝިދާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ރާޝިދާގެ އިތުރުން، ނޮވްމެބަރު މަހު ބޭއްވޭ މިޑް ޓާމް އިންތިހާބުގައި، ރެކޯޑު އަދަދަކަށް އަންހެނުން ވާދަ ކުރާނެ އެވެ. މިގޮތުން، އިއްޔެ ބޭއްވުނު ޕްރައިމަރީގެ ނަތީޖާތަކަށް ބަލާއިރު، ގަވަރުނަރުކަމަށް 11 އަންހެނުން ވާދަކުރާއިރު، ހައުސް އޮފް ރެޕްރެޒެންޓަޓިވްސަށް 185 އަންހެނުން ވާދަކުރާނެ އެވެ.

ނޮވެމްބަރުގައި ބޭއްވޭ އިންތިހާބަށް ފަހު، ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގައި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރާ މެމްބަރުންގެ ތެރޭގައި ފިރިހެނުންނަށް ވުރެ އަންހެނުން ގިނަވެދާނެކަމަށް ދާދި ފަހުން ކުރި ދިރާސާއެއްގައި ވަނީ ބުނެފަ އެވެ.

މި އިންތިހާބުގައި ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ 435 ގޮނޑި އާއި، ސެނެޓުގެ 100 ގޮނޑީގެ ތެރެއިން 35 ގޮނޑިއަށާއި، 50 ގަވަރުނަރުންގެ ތެރެއިން 36 ގަވަރުނަރުގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރާނެ އެވެ. ހައުސްގެ މެޖޯރިޓީ ހޯދަން އިދިކޮޅަށް 23 ގޮނޑި ބޭނުންވާއިރު، ސެނެޓުގެ ކޮންޓްރޯލް ހޯދަން ޑިމޮކްރެޓަނުންނަށް ބޭނުންވަނީ އެންމެ ދެ ގޮނޑި އެވެ. ނަމަވެސް، މިހާރު ވެރިކަމުގައި އޮތް ރިޕަބްލިކަން ޕާޓީން ސެނެޓުގެ ކޮންޓްރޯލް ދަމަހައްޓާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.