ވިޔަފާރި

މިހާރު ފެއާތައް ބާއްވާ ގޮތް ބަދަލުކޮށްލަން "އައިއައިއެކްސްޕޯ" ބާއްވަނީ

މިހާރު އެކި ފެއާތައް ބާއްވަމުންދާ ގޮތް ބަދަލުކޮށް، އޮންލައިންކޮށް ކުރިއަށް ގެންދާ، "އައިއައިއެކްސްޕޯ" އެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވަން، ދިވެހި ދެ ކުންފުނި ކަމަށްވާ ޕްރޯޑިޒައިނާސް އާއި މެކްސްވާނާ އިން ތައްޔާރު ވެއްޖެ އެވެ.

އައިއައިއެކްސްޕޯ- ދަ ޑިޖިޓަލް ވޯލްޑް އޮފް އެކްސްޕޯ ބޭއްވުމުގެ ގޮތުން ޕްރޯޑިޒައިނާސް އާއި މެކްސްވާނާ ކުންފުންޏާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި މެކްސްވާނާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިން ޑިރެކްޓަރު އިސްމާއިލް މަޒްހަމް އެވެ. އަދި ޕްރޯޑިޒައިނާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމްހީލް އެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޑިޖިޓަލް އެކްސްޕޯއާ ބެހޭ ގޮތުން، މަޒްހަމް ވިދާޅުވީ ޕްރޯޑިޒައިނާސްއާ ގުޅިގެން ބާއްވާ މި ފެއާގެ ސަބަބުން މިހާރު ފެއާތައް ބާއްވާ ގޮތް ބަދަލުވެގެންދާނެ ކަމަށެވެ.

އައިއައިއެކްސްޕޯގައި ލިސްޓު ކުރަން ހާއްސަ ޕޯޓަލް

"މިހާރު ފެއާ ބާއްވާ ގޮތަށް ވަރަށް ބޮޑު ބަދަލެއް މި އަންނަނީ. މި ފެއާގެ ސަބަބުން އޮންލައިންކޮށް ފެއާގައި ބައިވެރި، ފެއާ އަށް އަންނަ މީހުންނާއި ފެއާގައި ބައިވެރިވާ ފަރާތްތަކަށް އޮތް ފުރުސަތު ވެސް ހުޅުވިގެން ދާނެ. ފެއާގައި ޕްރޮޑަކްޓްތަކާއި ސާވިސަސްތައް ކްލައިންޓުންނާއެކު ޝެއާކޮށްލަން ފުރުސަތު ލިބޭނެ،" މަޒްހަމް ވިދާޅުވި އެވެ.

"އައިއައިއެކްސްޕޯ" ބޭއްވުމުގެ ގޮތުން އެކަމަށް ހާއްސަ ޕްލެޓްފޯމެއް ވެސް ވަނީ ފަރުމާކޮށްފަ އެވެ. މި ޕްލެޓްފޯމުގައި ފެއާގައި ބައިވެރިވާ ފަރާތްތަކަށް ހިލޭ ލިސްޓު ކުރެވޭނެ އެވެ. އަދި ފެއާގައި ބައިވެރިވާ ފަރާތްތަކުގެ ޕްރޮޑަކްޓްތަކާއި ސާވިސަސްތައް ދައްކައިލުމުގެ ފުރުސަތު ލިބޭނެ އެވެ.

"އައިއައިއެކްސްޕޯ" ފަރުމާކޮށްފައިވަނީ އެޑިއުކޭޝަން އަދި ލައިފް ސްޓައިލް އާއި ހެލްތް އަދި ކޮންސްޓަކްޝަންގެ އިތުރުން މެރިން އާއި އާޓް އެކްޒިބިޝަންތަކާއި ފެއާތައް ވެސް ބޭއްވޭ ގޮތަކަށެވެ. މި ފެއާތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްދާނެ އެވެ.އައިއައިއެކްސްޕޯ ރަސްމީކޮށް ލޯންޗް ކުރަން ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. މި ފެއާއަށް ހާއްސަ އެޕެއްވެސް ނެރޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.