ރިޕޯޓް

ކޯފީ އަނާން: މުޅި ދުނިޔޭގެ ހާރިޖީ ވަޒީރު!

Aug 19, 2018
1

ގާނާއަށް އުފަން ކޯފީ އަނާން، އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާނެ ހަމައެކަނި ކަޅު ނަސްލުގެ ބޭފުޅާއަށް ވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅު ބައްޓަންވީ ވަރަށް ޒުވާން އުމުރުފުޅުގަ އެވެ. އޭރު ވެސް ވިސްނުންފުޅު ގެންގުޅުއްވީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވޭނާ ކެކުޅުމުގައި ދިރިއުޅެން މަޖުބޫރުވެފައިވާ މީހުންގެ ހައްގުގައި އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމުގެ ދުރުވިސްނުންފުޅުގަ އެވެ.

އަނާންގެ މުޅި ހަޔާތް ބިނާ ކުރެއްވީ އެ ހިޔާލުފުޅުގެ މައްޗަށެވެ. ނުވަ އަހަރު އދ.ގެ އެންމެ އިސް މަގާމު ފުރުއްވި އިރު، 21 ގަރުނުގައި ދުނިޔެއަށް ކުރިމަތިވި އެންމެ ބޮޑެތި މައްސަލަތަކާއި ގޮންޖެހުތަކަށް ހައްލު ހޯއްދެވުމުގައި އަނާން ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. މުޅި ދުނިޔޭގެ ސިޔާސަތުތައް ބަދަލުކޮށްލަން މަޖުބޫރުވި، 9/11 ގައި އެމެރިކާއަށް ދިން ހަމަލާ އާއި 2003 ވަނަ އަހަރުގެ އިރާގު ހަނގުރާމައިގެ އިތުރުން އެއިޑްސް ބަލީގެ ވަބާ ކުރިމަތިވި އިރު، އެ ކަންކަމަށް ހައްލެއް ލިބޭތޯ ގައުމުތައް އެއްގަލަކަށް އެރުވުމުގައި މަސައްކަތް ކުރެއްވީ ދުނިޔޭގެ އިހުތިރާމް ލިބިފައިވާ އަނާން އެވެ.

ދުނިޔެއަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް އދ. ނުކުޅެދިފައިވާ ކަމަށް ގިނަ މީހުން ގަބޫލު ކުރި ނަމަވެސް، އެކި ކަންކޮޅުތަކުގައި ހާލުގައިޖެހިފައިތިބި ފަރާތްތަކުގެ ހައްގުގައި ވަރުބަލިކަމެއްނެތި އަނާން މަސައްކަތް ކުރެއްވި އެވެ. އުދަނގޫ ދަނޑިވަޅުތަކުގައި ހިތްވަރު ދެއްކެވި އެވެ. ގޯސްކަމަށް ގަބޫލުފުޅު ކުރެއްވުނު ކަންތައްތަކުގައި އެންމެ ބާރުގަދަ ގައުމުތަކަށްވެސް ނޫނެކޭ ވިދާޅުވެ އެކަމާ ދެކޮޅަށް ބަސްފުޅު ވިދާޅުވާން ކެރިވަޑައިގަތެވެ. އެމެރިކާ އިން އިރާގަށް އެރީ ބައިނަލްއަގުވާމީ މުއާހަދާތަކާއި ހިލާފަށްކަމަށް ވިދާޅުވާން ފަސްޖެހިވަޑައެއް ނުގެންނެވި އެވެ.

ކޯފީ އަނާންގެ ހަޔާތް ކުރުކޮށް:

  • 1938 - ގާނާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކުމަސީއަށް އުފަންވި.
  • 1962 - އދ. ގައި މަސައްކަތް ކުރަން ފެއްޓެވި.
  • 1965 - ޒަވާޖީ ހަޔާތް ފެއްޓެވި.
  • 1984 - ފުރަތަމަ ކައިވެނި ރޫޅުމުން ދެވަނަ ކައިވެނި ކުރެއްވި.
  • 1991 - އެންމާބަނޑު ކޮއްކޮ އަވަހާރަވުން.
  • 1993 - އދ. ގެ ޕީސްކީޕިންގް އޮޕަރޭޝަންގެ މަގާމަށް އައްޔަނުކުރުން.
  • 1997 - އދ. ގެ ހަތް ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ވަޑައިގެންނެވި.
  • 2001 - ސުލްހަޔަށް މަސައްކަތް ކުރުމުގެ ދާއިރާއިން ނޮބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންނެވި.
  • 2006 - ދިހަ އަހަރަށް ފަހު އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ދޫކޮށްލެއްވި.
  • 2012 - ސީރިއާގެ މައްސަލާގައި އދ./އަރަބި ލީގުގެ ހާއްސަ މަންދޫބަކަށް ހަމަޖެއްސުން.
  • 2016 - މިޔަންމާގެ ރާހައިން ސްޓޭޓުގެ މައްސަލައަށް އެކުލަވާލި ކޮމިޓީގެ މުގައްރިރަކަށް ހަމަޖެއްސުން

ދުނިޔޭގެ އެންމެ އުނދަގޫ ޑިޕްލޮމެޓްގެ މަގާމު 10 އަހަރު ފުރުއްވިއިރު، ހެއްދެވުނު ގޯސްތައްވެސް ގިނަ އެވެ. ފާޑުކިޔުންތައް އިންތިހާއަށް އެ މަނިކުފާނަށް ވެސް އަަމާޒުވި އެވެ. ރުވާންޑާ އަދި ބޮސްނިއާގެ ގަތުލުއާއްމުގައި ސީދާ އަނާންގެ އިހުމާލު ބޮޑު ކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރެ އެވެ. އެމެރިކާއިން އިރާގަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެކަން ހައްލުކުރަން އދ.ގެ ބެލުމުގެ ދަށުން އިރާގުން ތެޔޮ ވިއްކުމުގައި އަމިއްލަ ކުންފުނިތަކަކުން ނާޖާއިޒު ފައިދާނެގި މައްސަލައިގައި ވެސް އަނާން ޒިންމާވާން ޖެހޭނެ ކަމަށް ބުނެ އެވެ. ނަމަވެސް، އެކަންކަމާއި ވެސް ކެރިގެން ކުރިމަތިލައްވައި ޖަވާބުދެއްވަ އެވެ. އެ ވަގުތު ވިސްނުންފުޅު ހުރި މިންވަރުން ނިންމެވި ނިންމުތަކެއް ކަމަށް ވިދާޅުވެ ހެއްދެވުނު ގޯސްތަކުގެ ޒިންމާ ނަންގަވައި މައާފަށް އެދެން ޖެހޭ ވަގުތުތަކުގައި މައާފަށް އެދިވަޑައިގަތެވެ.

ސުލްހަޔަށް މަސައްކަތް ކުރުމުގެ ދާއިރާއިން 2001 ވަނަ އަހަރު ނޯބަލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ކޯފީ އަނާން މިއަދު އުމުރުފުޅުން 80 އަހަރުގައި އަވަހާރަވެފައިވާއިރު، ދުނިޔޭގެ ލީޑަރުން ވެސް އަންނަނީ އެ ހިތާމާގައި ބައިވެރިވަމުންނެވެ.

މިއަދު ގެއްލިގެން އެ ދިޔައީ ވަރަށް ވަރުގަދަ ސަހުސިއްޔަތަކެވެ. އިންސާނީ ހައްގުތަކަށް ހަރުއަޑުން ވަކާލާތު ކުރެއްވި ބާރުގަދަ އަޑެކެވެ. ބައިބައިވުންތައް ނައްތާލައި، އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމުގެ ބުރަ އުފުއްލެވި މުޅި ދުނިޔޭގެ ހާރިޖީ ވަޒީރެވެ. އެ އުނިކަން ފޫނުބެއްދޭނެކަން ޔަގީނެވެ.