މީހުން

ކެވިންގެ މި ކުޑަކުޑަ ގޮޅި: ލޯތްބާއިއެކު ރަށްޓެހިންނަށް

ބައިބޯވެފައިވާ މާލެއިން އެކުވެރިކަމުގެ ގާތް ގުޅުން ފިލައިގެން ގޮސްފައިވާކަމަށް ބުނާތީ އަޑު އަހަމެވެ. އެންމެން ބީރައްޓެހިވެފައިވާ ކަމަށް ބުނާ މި މާލެއިން މުޅިން އާދަޔާ ހިލާފު އެކުވެރިކަމެއް އާލާވެ، މޫލައި ހެދޭތަން މިހާރު އަހަންނަށް އެބަ ފެނެ އެވެ. ބޮޑު ފަތިހާ، ތެދުވެގެން އޮފީހަށް އަންނަ އިރުވެސް މި ބަޔަކު މި ތަނެއްގައި ސަކަރާތް ޖަހައި ހީސަމާސާކޮށް ސައިބޯލަން ތިބެ އެވެ. އަބަދުވެސް ހައެއްކަ މީހަކު އެތަނުގައި މަޑުކޮށްލައިގެން ނުތިބޭ އިރަކާ ދިމަލެއް ނުވެ އެވެ. ދުވާލު ކޮންމެ ވަގުތަކު މިތަނުން ހުރަސް ކަނޑާލިޔަސް މި ބަޔަކު ފެންނާނެ އެވެ. އަބަދުވެސް ފެންނަ އެއް މޫނުތަކެކެވެ. އެކި ވަގުތު ތަކުގައި އެކި މޫނުތަކެވެ. މި މީހުންގެ ކަމަކީ ކޮފީއެއް ބޯލުން، ނޫނީ ވިއްޔާ ކޮންމެވެސް ކަހަލަ ލުއި އެއްޗެއް ކާލައި ހެއްވާ މަޖާ ވާހަކަތަކުގެ ތެރޭގައި ސަމާސާ ކުރުމެވެ.

ބުރެވި މަގުން މާލޭގެ އިރަށް ރާޅުގަނޑާ ދިމާލަށް ހިނގައި ގަންނަ އިރު، ކުޑަކުޑަ "ކޮމްފުޑް" ލޮލުގައި އަޅައި ނުގަނެއެއް ނުދާނެ
އެވެ. އެކަމަކު އެއީ މާ ތަނަވަސް ބޮޑު ރެސްޓޯރަންޓެއް، ނޫނީ ކެފޭއެއް ނޫނެވެ. އެއީ ހަމަ ކުޑަކުޑަ ގޮޅިއެކެވެ. އެންމެ ވައްތަރު ވާނީ ކުޑަކުޑަ ޓޭކްއަވޭ ތަނަކާ އެވެ. އެކަމަކު ޒުވާނުންނަށް މި ގޮޅި ކިތަންމެހާ ވެސް ހިތްގައިމެވެ. އެތަނުގެ ކާ ތަކެތި މީރުވެ އެތަނަށް ކިތަންމެ ބައެއްގެ ހިތް ވަނީ މިހާރު ދޫވެފަ އެވެ. މިގޮޅީގެ ސަޅި ކެއުންތަކާއި ބުއިންތަކުގެ ރަހަ ބަލަން ޒުވާނުން ޖަމާވެފައި އޮންނާނީ ހަމަ ގައިމުވެސް ތަފާތުވީމަ އެވެ. ގޮޅި ކިތަންމެ ކުޑަ ނަމަވެސް، މިއީ 30 ހަކަށް އަހަރުގެ ޒުވާނެއްގެ ދިރިއުޅުމެވެ. ކޮމްފުޑްގެ ފަހަތުގައި އޮތީ، އެތަނުން ހިދުމަތް ހޯދާ އެންމެންނަށް މަޝްހޫރު، "ކެވިން" އެއްގެ ވާހަކަ އެވެ.

ގާތްގަނޑަށް ދިހަވަރަކަށް ފޫޓުވެސް ނުހުންނަ، މި ގޮޅި ގުދަނެއްގެ ގޮތުގައި ބޭނުންނުކޮށް ބާކީކޮށްލާފައި ވަނިކޮށް "ކޮމްފުޑް"ގެ ނަމުގައި އެތަން ރީތިކޮށް، ނަލަކޮށް ހުޅުވައި މީހުންގެ ހިތް ޖައްސައި ދިނީ، އަހްމަދު އަބްދުލް އަޒީޒް، ރަށްޓެހިންގެ ނަމުން ނަމަ، ކެވިން އެވެ. "ކޮމްފުޑް"ގެ އުފެދުމާއި އެތަނުގެ ތަފާތުގެ މެނޫގެ ސިއްރަކީ ކެވިންގެ، ހިޔާލީ ދުނިޔެެއިން އުފަންވެ، ފައްކާވި ވަރުގަދަވާ ހިޔާލުތަކެވެ. ކޮމްފުޑް އަކީ މިއަދު އޭނާގެ ހިޔާލީ ދުނިޔޭގައި ކުރެހި ތަސްވީރުގެ ކުޑަކުޑަ މިސާލެކެވެ. މި ޒުވާނާ ބުނާ ގޮތުގައި، ކޮންމެ ކަމެއް ވެސް ތަފާތު ހިޔާލާއި ވިސްނުމުގައި އާ ގޮތްގޮތަށް ކުރުމަކީ އޭނާގެ ޕެޝަން އެވެ. ކޮމްފުޑްގެ ތަފާތުކަން ފެށި ބޮޑުވެ ފައްކާވަމުން އަންނަނީ އެ ޕެޝަންގެ ތެރެއިން އެވެ.

"އަބަދުވެސް ތަފާތު އެއްޗިހި ކައްކާ ހިއްވޭ. ގޭގައި ކެއުންތައް ހަދައިގެން ރައްޓެހިންނަށް ކައި މަޖާކޮށްލާ ހަދަން ގުޅަން. ރަށްޓެހިން ވެސް ގުޅާނެ ކެވިން ހަދާ ތަފާތު ކާ އެއްޗިހިގެ ރަހަ ބަލަން. އެހެންވެ ހިތައް އެރީ، މުޅި އުމުރު ރަށްޓެހިންނަށް ވެސް ހިލެއެއް ކާން ނުދެވޭނެ ނޫންހޭ! މިކަހަލަ ތަނެއް ހުޅުވާލީމާ ހުރިހާ ރަށްޓެހިން ވެސް ކާން އަންނާނެ ނޫންހޭ. އެ ހިސާބުން ކޮމްފުޑް ކިޔާފައި ކުޑަކުޑަތަންކޮޅެއް ހުޅުވަން ހިޔާލު އައީ،" ކެވިންގެ ކޮމްފުޑް ހިޔާލު ފެށުނު ހިސާބު އޭނާ ކިޔައިދިނެވެ.

ކެވިންގެ ކޮމްފުޑްގެ ދުނިޔޭގެ ތެރެއަށް ވަދެގެން ދާއިރު އޭނާގެ ދިރިއުޅުން ވަރަށް ވެސް ތަފާތެވެ. ކެވިންއަކީ މޮޅު ކައްކާއެއް އެކަންޏެއް ނޫނެވެ. އޭނާގެ ކުޑަކުޑަ ދުނިޔޭގެ ތެރޭގައި ހިތް ދޫވެފައިވާ ކިތަންމެ ކަމެއް އެބަ ހުއްޓެވެ. ކޮމްފުޑްއަށް އިތުރު ހިތްގައިމު ކަމެއް ގެންނަ ގަސްތައް ހައްދައި ފެންދީ އެތަކެތި ބަލަހައްޓަނީ ސީދާ ކެވިންގެ މަސައްކަތުން އެވެ. ގަސްހެއްދުމާއި އެއަށް އަޅާލުމަކީ ކެވިން އަދި މާ ލޯބި ކުރާ ކަމެކެވެ.

"މިއަށް މިހާރު ހަ އަހަރު، މިއީ މަގޭގެ އޮލިވް ޓްރީ. ސަޅިދޯ،" ޕޮޓެއްގައި ހައްދާފައިވާ ޒައިތޫނި ގަހެއް އަތަށް ނަގައި އެއަށް ފެން ޖަހަމުން ކެވިން ބުންޏެވެ.

ކޮމްފުޑްއަކީ ކެވިންގެ މުޅިދުނިޔެއަށް މިއަދު ވެފައިވާ އިރު، އޭނާ ކޮންމެ ކަމެއް ކުރަނީ އެކަމަށް ހިތާއީ ރޫހުން ހިތް ދޫކޮށްލައިގެން އެވެ.ގިނަ ގަސްތަކެއް ކެވިން އިންދާފައި ހުރީވެސް ކޮފީ ދަޅުދަޅުގަ އާއި ކޮފީ ޖޯޑުތަކުގަ އެވެ. އޭނާ ބުނާ ގޮތުގައި، މިކަހަލަ ތަކެތީގައި ގަސް އިންދަން ފެށީ، އެއީ ކުނީގެ ގޮތުގައި ބަލައި ގޮނޑަށް އެއްލައި ލުމުގެ ބަދަލުގައި ސަޅި ބޭނުމެއް ކުރެވިދާނެކަމަށް ގަބޫލު ކުރެވިގެން އެވެ.

އެކަމަކު އަދި ކެވިންގެ ވާހަކަ މި ހިސާބަކުން ނިންމޭކަށް ނެތެވެ. އޭނާ އަކީ، ދުވުމާއި ފިޓްނެސްއަށް ވެސް އަދި މާވަކަށް ފޯރިއެއް ހުންނަ ޒުވާނެކެވެ. އޭނާގެ ދުވަސް ފަށަނީ ޖިމުން ނޫނީ، މާލެ ވަށައި ދުވެލުމަށް ފަހުގަ އެވެ. ފަތިހު ފަތިހާ ތެދުވެ ކަސްރަތުން ދުވަސް ފެށުމަށް ކެވިން ހުރީ މިހާރު އާދެވެފަ އެވެ. މެރަތަން ތަކުގައި އޭނާ ދުވެ އެވެ. ރަށްޓެހިންގެ އެދުމަށް ޖިމްތަކާއި ހިތް ފަސޭހައި ތަންތަނުގައި ފިޓްނަސް ކްލާސްތައް ވެސް އޭނާ ނަގައިދެ އެވެ. ކެވިން ދެކޭ ގޮތުގައި، ޓީޝާޓާއި ސޯޓްބުރީގައި އޭނާ ހުއްޓަކަސް، އެއީ އާވާރާވެފައިވާ ޒުވާނެއް ނޫނެވެ. އޭނާގެ ހަޔާތުގެ ދުވަސްތައް ތާޒާ ކުރަނީ އުފެއްދުންތެރި ހިޔާލުން އެވެ.

"މިތަނުގައި ވެސް އަހަރެން ބަލަނީ ތަފާތު ކާ އެއްޗިހި ތައްޔާރު ކުރެވޭތޯ. ހާއްސަކޮށް ގޭގައި ތައްޔާރު ކުރާ ގޮތަށް ކާ އެއްޗިހި ތައްޔާރު ކުރުމަށް. އެ ރަހަ އެ ޓޭސްޓް ކަސްޓަމަރުންނަށް ދޭން ވިސްނާފައި ހުންނާނީ،" ކެވިން ބުންޏެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި ކޮމްފުޑްއަށް ހިދުމަތް ހޯދަން އަންނަ ކޮންމެ މީހަކު އޭނާގެ ރަހުމަތްތެރި އެކެވެ. އެ ތަނުން ހިދުމަތް ދޭނީ އެ ލޯތްބާ އެކު އެވެ.

އެހެން ވީމާ، ކެވިން އޭނާގެ ރަށްޓެހިންނަށް މި ހުށަހަޅަނީ ވެސް ތަފާތު މެނޫ އެކެވެ. ކޮންމެ ދުވަހަކު ވެސް އޭނާގެ ކޮމްފުޑް އިން ކާލަން ލިބޭނީ ނުވަތަ، ބޯލަން ލިބޭނީ ތަފާތު އެއްޗަކަށް ހެދުމަށް ކެވިން ހުންނަނީ އަރާ އިރާއެކު ކެތް މަދުވެފަ އެވެ. ކެވިންގެ އަމިއްލަ ރެސިޕީ އަށް ތައްޔާރު ކުރާ، ބޯވަ ރޯލްސް އާއި ރިހާކުރު ޕިއްޒާ އާއި ރިހާކުރު ބޮޑި އާއި ބޯވަ ފަތަފޮޅި އާއި ކްރިސްޕީ ވަޅޯމަސް ކޮއްތު އަކީ ކެވިން ގެނެސްދޭ ސްޕެޝަލް ރަހަތަކެވެ. ކޮމްފުޑްގެ ހަވާދުލީ ބިހާއި، ކުޅިބޯކިބާ އަދި ގުޅަ ވެސް އެހާމެ ރަހަ މީރެވެ. އަދި ޑްރިންކްސް މެނޫ އޮތް ގޮތަށް އޮތީ އެވެ. ހަށިގަނޑަށް ފައިދާ ހުރި ފޭރު ޖޫހާއި ސުމޫތީ ތަކަކީ ހަމަ ޔަގީނުން ވެސް ކޮމްފުޑުން ލިބޭނެ ކެވިންގެ އަމިއްލަ ރަހަތަކެވެ.

ކެވިންގެ ނަން ރަށްޓެހިންގެ ތެރޭގައި މަޝްހޫރުވެގެން އައީ ވެސް ހިތާއި ހިތުގެ ގުޅުމެއްގެ ތެރެއިން އިން އެވެ. އޭނާ ބުނީ ކެވިން އެ ނަމަކީ، އެންމެ 17 އަހަރުގައި އޭނާގެ ހިތުގެ ލޯބި ހޯދި އަންހެން ކުއްޖަކު އޭނާއަށް ހާއްސަ ކުރި ނަމެއް ކަމަށެވެ. އެ ހިސާބުން އެ ނަން ހަރުވީ އެވެ. އޭނާގެ ހިތުގެ ލޯބި ހޯދި އަންހެން ކުއްޖާ މިހާރު ނެތަސް، ކެވިންގެ ނަން އަދިވެެސް ދެމި އެބަ އޮތެވެ. ހިނިގަނޑެއް ޖަހާލާފައި ކެވިން ބުނަނީ އޭނާ އަކީ ފަސް އެނބުރި ބަލާނެ މީހެއް ނޫން ކަމަށެވެ.

ކެވިންގެ ޅައިރުގެ ވާހަކަތަކަށް ގެނބިގެންދިޔައީ މި މަޖާ ވާހަކަތަކުގެ ތެރެއިންނެވެ. ސްކޫލް ދައުރުއްސުރެ އޭނާ ޝައުގުވެރިވީ އެތުލެޓިކްސްއަށެވެ. އެ ޝައުގު ވެރިކަން ބޮޑުކޮށް އޭނާ އަކީ ދުވުންތެރިއެކެވެ. ކޮންމެ ހިޔާލެއް ބޮޑުކޮށް ހަގީގަތަކަށް ހެދުމަކީ ކެވިންގެ ހާއްސަ ސިފަ އެކެވެ. ކެތްތެރިކަމާ އެކު ހިތްވަރު ކުރުމަކީ ހަޔާތުން އޭނާ އުގެނިގަތް އަމިއްލަ ފިލާވަޅުތަކެވެ.

ދުވެ ނިންމާލާފައި އައިސް، "ކޮމްފުޑް"ގެ ދޮރު އޭނާ ކޮންމެ ހެނދުނެއްގައި ހުޅުވަލަނީ ރަހުމަތްތެރިންނަށް ލޯބި ލޯބިން ހިދުމަތް ކޮށްދޭށެވެ. އޭނާގެ ކުޑަކުޑަ ކޮމްފުޑްގެ ދޮރު ހުޅުވިފައި ހުންނަނީ، ރައްޓެހިން ހިތްހަމަ ޖައްސައި ދީ އުފާކޮށްދޭށެވެ. ކޮފީ ބޯލަން އޭނާގެ ރަހުމަތްތެރިން އައިސްދޭ ކޮމްޕްލިމަންޓަކީ ކެވިންއަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ އެވެ. އެވަރުން އޭނާއަށް ފުދި، އިތުރު ވެސްވެ އެވެ. ކޮމްފުޑް އޭނާ ހާއްސަ ކުރަނީވެސް އެ ރަހުމަތްތެރިން އަށެވެ.

"ކުރިން ގޭގައި އެހެން ކާ އެއްޗެއް ތައްޔާރުކޮށްލީމަ ރައްޓެހިން ވަރަށް ގިނައިން އަންނަނާނެ ގެއަށް ކާން، މިސާލަކަށް ބޯވަ ކަހަލަ އެއްޗެއް ހަދާލީމާ، ދެން އެކަމަކު ކާށޭ ކިޔާފައި އަބަދަކު ގެޔަކަށް އެމީހުންނެއްވެސް ނުގެނެވޭނެތާ ދޯ، ދެން ގަސްތުކުރީ އެ މީހުންނަށްޓަކައި މިތަން ހުޅުވަން، ގެ ކައިރިން ރަނގަޅު ތަންކޮޅެއް ލިބޭތޯ ހުއްޓާ ދެ ތިން މަސް ދުވަސްކުރިން މި ތަންކޮޅު ލިބުނީ، ކުޑަކުޑަ ތަންކޮޅެއް، މި ތަން ލިބުނީމަ މިތަން ހަދާއި ރީތިކުރީ އަހަންނާއި އެކުވެރިންކޮޅެއް ވެގެން، އަސްލު މިތަން ހުޅުވީ ވަކި
ކްރައުޑަކަށް ހާއްސަކޮށްގެން، އެއީ އަހަރެންގެ އެކުވެރިންނާއި ދަންނަ މީހުންނަށް،" ކޮމްފުޑްގެ ވާހަކަތައް އޭނާ ކިޔައިދެމުން ދިޔަ އެވެ.

"ރެސްޓޯރެންޓަކަށްވުރެ ބޮޑަށް ވިސްނީ މިކަހަލަ ކުޑަ ތަނެއް ހުޅުވަން، ވާގޮތަކީ ރެސްޓޯރެންޓެއް ވިއްޔާ އޯޑާކޮށްގެން ގިނައިރު އިންނަޖެހޭ، ގިނަ މީހުންނަކީ ޖޮބެއްގައި ނޫނީ އެހެންވެސް ކަމެއްގައި ބިޒީކޮށް އުޅޭ މީހުން، އެހެންވީމަ ގިނައިރު އައިއްސަ އިންނަންވީމަ އެބަ އުނދަގޫވޭ އެމީހުނަށް، ދެން އަނެއްކާ މާލޭގައި މިހާރު ރެސްޓޯރެންޓުތަކުގައި ވަރަށް އަގުވެސް ބޮޑު ކާއެއްޗެހި، އަގުހެޔޮކޮށް ރަނގަޅު ސާވިސްއެއް ދެވޭނެ ގޮތެއް ވިސްނަނިކޮށް ކޮމްފުޑްގެ ހިޔާލު ބޮލަށް ވަނީ،"

"ކޮމްފުޑް" ގެ ކުރިންވެސް ކެވިން ކުރީ އޭނާގެ އަމިއްލަ ވިޔަފާރި އެވެ. ރިވެންޖް ބައި ކެވިން ކިޔާ ފިހާރައެއް ދަންނަން ހެއްޔެވެ؟ އަންހެންވެރިންގެ ތަފާތު އަންނައުނު ވިއްކި އެ ފިހާރަކީ އޭނާގެ ވިޔަފާރިއެކެވެ. ގާތްގަނޑަކަށް ފަސްވަރަކަށް އަހަރު އެ ފިހާރަ ހިންގުމަށްފަހު އެ ވިޔަފާރީ އަތް ދޫކޮށްލީ އޭގެން ލިބޭ މަންފާ ކުޑަވެގެން އެވެ. އެ ވިޔަފާރީއަށް ވުރެ މިހާރު މި ވިޔަފާރީން ލިބޭ އެއްޗަކާއި ހިތްހަމަ ޖެހުމުން އޭނާއަށް ފުދެ އެވެ.

"ކެއްކިއަސް ކައްކަނީ އަމިއްލަ މީހާ ކާން، އެވެސް ހެލްތީ ފުޑްސް އެކަނި، ފުރަތަމަ މި ތަން ހުޅުވީވެސް ހުސް ހެލްތީ ފުޑްސް ލިބޭ ތަނެއްގެ ގޮތުގައި، އެކަމަކު އެއަށްވުރެ ބޮޑަށް ރައްޓެހިންނަށް ކަމުދިޔައީ ކޮފީއާއި ޑްރިންކްސްއާއި ކޮންމެވެސް ކަހަލަ ލުއި މީރު ކާނާއެއް ތައްޔާރުކުރީމަ، އެހެންވެ ބަދަލުކޮށްލީ މިހާރު މި ހުރި ގޮތަށް، އެކަމަކު ބެލީ އެގޮތަށްވެސް ތަފާތުކޮށްލަން އާ އެއްޗެހި، އަމިއްލަ އެއްޗެހި ތައްޔާރުކޮށްލެވޭތޯ، އެކަން މިކުރަނީ! އެންމެނަށްވެސް ވަރަށް ކަމުދޭ،" ކެވިން ބުންޏެވެ.

ރައްޓެހިންނަށްޓަކައި ކެވިން ހުޅުވި "ކޮމްފުޑް" އާއެކު އެމީހުންގެ މެދުގައި އޮތް އެކުވެރިކަމުގައި އިތުރަށް މޫލާއި، ރަނގަޅަށް ފޯދި، މާވެސް އަޅައިފި އެވެ. ކެވިންގެ އުއްމީދަކީ މިހާރު މި އެކުވެރިކަމާއެކު "ކޮމްފުޑް" ހެދިބޮޑުވުމެވެ. މި އެކުވެރިކަމަށް ފެންދީ، ބޮޑުކުރުމުގައި ރައްޓެހިންގެ އިތުރުން އޭނާއަށް އެންމެ ބޮޑު އެހީއެއް ލިބެނީ އާއިލާ އާއި އެންމެ ގާތް ރަހުމްތެރިންގެ ފަރާތުން އެވެ. ކެވިން ލޯތްބާ އެކު ރަށްޓެހިންއަށް ދޭ ހެދިޔާ އަކީ "ކޮމްފުޑް" އެވެ.