ހައްޖުގެ އަޅުކަން

ހައްޖުގެ ނަމްބަރުތައް: ވަރަށް ޝައުގުވެރި

Aug 20, 2018
1

ހައްޖުގެ މަތިވެރި އަޅުކަމަށް ދެ މިލިއަނެއްހާ މުސްލިމުން އަރަފާތު ބިމަށް މިހާރު ޖަމާވަމުން އަންނަ އިރު މި ހުރިހާ އެންމެންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް ސައުދީ ސަރުކާރުން ހިންގަނީ ބޮޑު އޮޕަރޭޝަނެކެވެ. އެތައް ލައްކަ މުވައްޒަފުންނާއި ޒަމާނީ ވަސީލަތްތަކާއި ސަލާމަތީ ހިދުމަތްތައް ހައްޖުވެރިންގެ ހިދުމަތަށް ސައުދީ ސަރުކާރުން ހުސްކޮށްލާފައިވާއިރު އެ ނަމްބަރުތަކަށް ބަލައިލަމާ ހިނގާށެވެ. މިއީ ޝައުގުވެރި ނަމްބަރުތަކެކެވެ.

ހައްޖާޖީންނާއި ދަތުރުފަތުރު

ސައުދީގެ އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް، މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް 1.68 މިލިއަން މީހުން ވަނީ އެ ގައުމަށް އެތެރެވެފަ އެވެ. އޭގެ ތެރެއިން 1.58 މިލިއަން މީހުން އެތެރެވެފައި ވަނީ ވައިގެ މަގުން އެވެ. ޖުމްލަ 84،381 ހައްޖާޖީއަކު އެއްގަމު މަގުން އެތެރެވި އިރު، ކަނޑުމަގުން 16،163 ހައްޖާޖީއަކު އެތެރެވެފައިވެ އެވެ.

ހައްޖުވެރިން ގޮވައިގެން އެންމެ ގިނަ ފްލައިޓް އައިސްފައި ވަނީ، މިސްރާއި ޔޫއޭއީ އާއި ޕާކިސްތާން، ތުރުކީ އަދި އިންޑޮނޭޝިޔާއިން އެވެ. މިސްރުން އެކަނި 1،618 ފްލައިޓް އައިސްފައިވާ އިރު ޔޫއޭއީން 1،187 ފްލައިޓް އަދި ޕާކިސްތާނުން 1،134 ފްލައިޓް ވަނީ އައިސްފަ އެވެ. އަދި ތުރުކީއިން 1،076 ފްލައިޓްގައި ހައްޖީޖީ އިން ގެނައި އިރު، މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިޔާއިން ހައްޖާޖީ އިން ގެނެސްފައި ވަނީ، 424 ފްލައިޓްގަ އެވެ.

ހައްޖަށް މީހުން ގޮވައިގެން އެންމެ ގިނަ ފްލައިޓް އައިސްފައި ވަނީ، އޮގަސްޓް 13 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 524 ފްލައިޓް ވަނީ ހައްޖުވެރިން ގޮވައިގެން އައިސްފަ އެވެ. ވައިގެ މަގުން އައި ހައްޖުވެރިންގެ ތެރެއިން އެންމެ ދިގު ދަތުރެއް ކުރަން ޖެހެނީ އެމެރިކާގެ ލޮސްއެންޖަލިސްއިން އަންނަ ހައްޖުވެރިން އެވެ. އެ މީހުންގެ ދަތުރަށް 14 ގަޑިއިރާއި 51 މިނެޓް ހޭދަވެ އެވެ. އެއީ 13،409 ކިލޯމީޓަރުގެ ރާސްތާއެއް ކަނޑަތްކުރަންޖެހެ އެވެ.

މުވައްޒަފުންނާއި ވަސީލަތްތައް

ހައްޖުގެ ކަންކަން އޮމާންކަމާއި އަމާންކަމާ އެކު ގެންގޮސް ނިންމާލުމަށް ޓަކައި ސައުދީ ސަރުކާރުން ސިފައިންނާއި ފުލުހުންނާއި ސަރުކާރު މުވައްޒަފުން އަދި ސިއްހީ ހިދުމަތްތެރިންނާއި ވޮލަންޓިއަރުން ހައްޖުވެރިންގެ ހިދުމަތަށް ހުސްކޮށްފައިވާ އިރު، ޖުމްލަ 136 ހިދުމަތެއް ދިނުމަށް 192،000 މުވައްޒަފަކު ހައްޖުވެރިންނަށް ހިދުމަތުގައި ހަރަކާތްތެރިވާ ކަމަށް ސައުދީއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.

ސައުދީގެ 19 އިދާރާއަކުން މުވައްޒަފުން ބައިވެރިވާ އިރު، 189،113 ފިރިހެނުން މުވައްޒަފުން ހަރަކާތްތެރިވެ އެވެ. އަދި 3،141 އަންހެނަކު ވެސް އަންނަނީ ހައްޖުވެރިންނަށް ހިދުމަތް ކުރުމުގައި ހަރަކާތްތެރިވަމުން އެވެ. ބޯޑަރުތައް ބެލެހެއްޓުމަށް އެކަނި 5،000 އިމިގްރޭޝަން އޮފިސަރުން ހަރަކާތްތެރިވާއިރު، ހައްޖު ޕާމިޓްތައް ތައްޔާރުކޮށް އެކަމުގެ ކަންތައްތައް ބެލެހެއްޓުމަށް އެކަނިވެސް 1،355 ޓެކްނިކަލް މީހުންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުން އެވެ.

އެމެޖެންސީ ރެސްޕޮންސްގެ ގޮތުގައި، 18،000 އޮފިސަރުންނާއި މުވައްޒަފުން ވަނީ ހިދުމަތަށް ނެރެފަ އެވެ. އެ ހިދުމަތްތައް ދިނުމަށް 3،000 ވެހިކަލް ވަނީ ހާއްސަކޮށްފަ އެވެ. މީގެ އިތުރަށް، ސަލާާމަތީ ހިދުމަތްތަކަށް ނިސްބަތްވާ 4،500 ގާޑުން ވެސް މި ބޮޑު އޮޕަރޭޝަންގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ އެވެ. އަދި ސައުދީގެ 3،000 ސްކައުޓުން ވެސް ވަނީ ހައްޖު ވެރިންގެ ހިދުމަތަށް ނެރެފަ އެވެ.

ހައްޖުވެރިންނަށް ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވާ ނަރުހުންނާއި ޑޮކްޓަރުންގެ އަދަދުވެސް 30،000 އަށް އަރަ އެވެ. އަދި 25 ހޮސްޕިޓަލާއި 180 އެމްބިއުލަންސް ވެސް ވަނީ ހައްޖުވެރިންގެ ހިދުމަތަށް ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ހައްޖުވެރިންނަށް ހިދުމަތްތައް ދިނުމަށް، މުވައްޒަފުން ބޭނުން ކުރާ މެޝިނަރީ އާއި އެހެން ވެސް އާލާތްތަކުގެ އަދަދު ވަނީ، 59،741 އަރައިފަ އެވެ. މި ހިދުމަތްތައް ދިނުމުގައި 7995 ކާރާއި 1583 މޮޓޯސައިކަލާއި 13،349 ވައިފައި ޑިވައިސް އާއި 3،760 ކޮމްޕިޔުޓަރު އަންނަނީ ބޭނުން ކުރަމުން އެވެ.

މީގެ އިތުރަށް ވެސް މައްކާ އާއި އެހެން ވެސް ހައްޖުވެރިން ޒިޔާރަތް ކުރާ މުހިންމު ތަންތަނުގައި މުޅިން އަލަށް 52 ފުލުހުންގެ މަރުކަޒާއި 280 ޓްރެފިކް ޕޮއިންޓާއި 75 ސެކިއުރިޓީ ޗެކް ޕޯސްޓްތައް ވަނީ ގާއިމްކޮށް ހިދުމަތް ދޭން ފަށައިފަ އެވެ.

ހާއްސަ ހިދުމަތްތައް ނަމްބަރުން

އަހަރަކު އެއް ފަހަރު އަންނަ މުސްލިމުންގެ މި ބޮޑު އަޅުކަމުގެ މޫސުމަށް ސައުދީ އިން ކޮންމެ އަހަރަކު ވެސް އެތައް އާކަންތައްތަކެއް ތައާރަފް ކުރެ އެވެ. މީގެ އިތުރަށް ކެއިން ބުޔުމާއި ދަތުރު ފަތުރާއި މުވާސަލާތީ ހިދުމަތްތައް ވެސް ސައުދީ އިން އިންތިޒާމް ކުރެ އެވެ. އަދި ވީހާވެސް ފަސޭހައިން އަޅުކަމުގެ ކަންކަން ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރެ އެވެ. އެގޮތުން މިފަހަރު ސައުދީ އިން މުޅިން އަލަށް 15 ޕަސެންޓް ހައްޖާޖީންއަށް މުޅިން ހިލޭ ކެއުން ފޯރުކޮށް ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ހިލޭ ވައިފައިގެ ހިދުމަތްވެސް ދޭނެ އެވެ.

- އަށް މިލިއަން މުސްހަފު ބަހާފައިވޭ
- 16،000 ޓެލެކޮމް ޓަވަރު ގާއިމްކޮށް 3،000 ވައިފައި ސްޕޮޓް
- ހައްޖުވެރިން އުފުލުމަށް 21،000 ބަސް.
- 43 މިލިއަން ކޮންޓެއިނަރުގެ ފެން ފުޅި
- 35 މިލިއަން ފުޅި ޖޫހާއި ކިރު
- 13 މިލިއަން ޕާނާއި ޕޭސްޓްރީ
- ހަތަރު މިލިއަން މީލްސް
- ދެ މިލިއަން ކިއުބިކް މީޓަރުގެ ވޯޓާ ސަޕްލައި ފެން އުފައްދާނެ

ހަތް ދުވަހަށް ދެމިގެންދާ ހައްޖުގެ އަޅުކަން ނިމޭއިރު 765 ޓަނުގެ ކުނި އުކާލަން ޖެހޭނެ ކަމަށް ސައުދީގެ އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.