އިގުތިސާދީ ގޮތުން ދުނިޔޭގައި އެންމެ ބާރުގަދަ ހަތް ގައުމު މަޝްހޫރުވެފައި ވަނީ ޖީސެވަންގެ ގޮތުގަ އެވެ. މި ހަތް ގައުމުން ކޮންމެ އަހަރަކުވެސް -- އަހަރީ ސަމިޓެއް ބާއްވަ އެވެ.
މި އަހަރު ޖީސެވަން ސަމިޓް އޮންނަނީ އިޓަލީގައި ޖޫން 13 އިން 15 އަށެވެ.
ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން، ޖީސެވަން ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ދެއްވި ދައުވަތު ގަބޫލުކުރެވެން ނެތް ކަމަށް މިހާރު ވަނީ ދަންނަވާފަ އެވެ.
ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ދެއްވި ދައުވަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައި ބިން ސަލްމާން ވިދާޅުވީ ހައްޖު ބޯމަތިވެފައި އޮއްވައި ގައުމު ދޫކުރައްވައި އަދި ވާޖިބުތައް ދޫކުރައްވައި، އިތުރު އެހެން އެއްވެސް ކަމެއްގައި ބައިވެރިވެ ވަޑައިގަނެވެން ނެތް ކަމަށެވެ.
ހައްޖުވެރިންނަށް ހާއްސަ ތައްޔާރީތައް ވަރަށް ގާތުން ބައްލަވާ ކަމަށް ވިދާޅުވެ ބިން ސަލްމާން ވިދާޅުވީ ހައްޖުގެ ބައެއް މަސައްކަތްތަކަކީ އަމިއްލަ އަތްޕުޅުން ކުރައްވާ މަސައްކަތްތައް ކަމަށެވެ.
އިޓަލީ އަކީ ސައޫދީއާ ވަރަށް ގާތް އަދި އެކުވެރި ގައުމެއް ކަމަށް ވަލީއަހުދު ވިދާޅުވި އެވެ. ހައްޖު ބޯމަތިވެފައި ނެތް ނަމަ ދައުވަތު ގަބޫލުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ޖީސެވަން ސަމިޓް ބާއްވާ ގޮތަށް އެ އޮތީ މި އަހަރުގެ ހައްޖޫ މޫސުމާ ދިމާކޮށް ހައްޖުވެރިން އަޅުކަމުގައި އެންމެ ބުރަވާ ދުވަސްތަކުގަ އެވެ. މި އަހަރުގެ ހައްޖު ދުވަހަކީ ޖޫން 15 އެވެ.
ސައޫދީ އަރަބިއްޔާއަށް ހައްޖުގެ އަޅުކަން އަދާކުރުމަށް އެތައް މިލިއަން މީހުން ދަތުރުކުރާނެ އެވެ. މި އަހަރުގެ ހައްޖު މޫސުމުގައި، ސައޫދީ އިދާރާތަކަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ހޫނުގަދަވުމެވެ.
ހައްޖު މޫސުން އާދަޔާ ހިލާފަށް ހޫނުވާނެ ކަމަށް ލަފާކޮށް ސައޫދީން ވަނީ އިންޒާރީ މައުލޫމާތު -- ހައްޖުގެ އެތައް ދުވަހެއް ކުރިން އާންމުކޮށްފަ އެވެ.
ގަދަ ހޫނުގައި ސައޫދީގައި މަސައްކަތްކުރުން މަނާކޮށްފައި އޮތްއިރު، ހޫނުގެ ސަބަބުން ހައްޖުވެރިންނަށް ކުރިމަތިވެދާނެ ދަތިތަކުން ރައްކާތެރިކުރުމަށް ވަރަށް މުހިއްމު ފިޔަވަޅުތަކެއްވެސް މިހާރު ވަނީ އަޅާފަ އެވެ.
މީގެތެރޭގައި ފުރަތަމަ އެހީ ދިނުމަށް ހާއްސަ ޗެކް ޕޮއިންޓްތަކެއް ހެދުމާއި ސިއްހީ އޮފިޝަލުން މައްކާ މަދީނާގައި، އެހެން އަހަރުތަކާ ހިލާފަށް ހަރަކާތްތެރިވުން ހިމެނެ އެވެ.