ދުނިޔެ

ހައްޖު ހުތުބާ ދެއްވާނީ ކޮންބޭފުޅެއް؟

Aug 20, 2018

މިއަދަކީ އަރަފާތް ދުވަހެވެ. ހައްޖުގެ އެންމެ މުހިންމު އަޅުކަމަށް ދެ މިލިއަނެއްހާ މުސްލިމުން މިހާރު އަންނަނީ އަރަފާތު ބިމަށް ޖަމާވަމުން އެވެ. ހައްޖާޖީން މިއަދު އަރަފާތު ބިމުގައި އަޅުކަމާއި ދުއާ ކުރުމުގައި ހޭދަކުރާއިރު، މުސްލިމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭނީ އަރަފާތުގެ މައިދާނުގައި އިއްވާ ހުތުބާއަށެވެ. މެންދުރު ނަމާދާއި އަސުރު ނަމާދު އެކުގައި ކުރުމުގެ ކުރިން މުސްލިމުން އުއްމަތަށް ދޭ މުހިންމު މެސެޖްތަކާއި ނަސޭހަތްތައް މި ހުތުބާއިން އަޑުއިވިގެން ދާނެ އެވެ.

މިއަހަރުގެ ހައްޖު ހުތުބާ އިއްވާނެ އިމާމެއް މިހާރު ވަނީ ސައުދީ ރަސްގެފާނު ކަނޑައަޅުއްވާ އިއުލާން ކުރައްވައިފަ އެވެ. ސައުދީ ރަސްގެފާނުގެ ގަނޑުވަރުން އާންމު ކުރި ބަޔާނެއްގައި ބުނީ، މިއަހަރުގެ ހައްޖު ހުތުބާ ދެއްވާނީ، މަދީނާގެ ނަބަވީ މިސްކިތުގެ އިމާމް، ޝެއިހް ހުސެއިން ބިން އަބްދުލްއަޒީޒް އާލް އާލް ޝެއިހް ކަމަށެވެ.

އޭނާ އަކީ، ނަބަވީ މިސްކިތުގެ އިމާމުގެ އިތުރުން، މަދީނާގެ ކޯޓްގެ ފަނޑިޔާރެއް ވެސްމެ އެވެ. އަދި ފިގުހު އިލްމާއި ހަދީސް އިލްމްގެ ދާއިރާއިން ސައުދީގެ އެކި މިސްކިތްތަކުގައި އޭނާ ތަގުރީރު ކުރައްވައި ފިލާވަޅުތައް ނަންގައިދެއްވަ އެވެ.

މިދިޔަ އަހަރު، އަރަފާތް ދުވަހުގެ ހުތުބާ ދެއްވާފައި ވަނީ، ޝެއިހް ސާދް އާލް ޝެތްރީ އެވެ.

ގާތްގަނޑަކަށް 35 އަހަރަށް ފަހު ހައްޖު ހުތުބާ ދެއްވާ އިމާމް ބަދަލުވީ 2016 ވަނަ އަހަރު އެވެ. އޭގެ ކުރިން މުޅިން ވެސް ހައްޖު ހުތުބާ ދެއްވާނީ ސައޫދީ އަރަބިއްޔާގެ އިސް މުފްތީ، އަބްދުލް އަޒީޒް އާލް ޝައިޚް އެވެ. އެހެން ނަމަވެސް، ސިއްހީ ހާލުކޮޅު ހުރި ގޮތުން އޭނާ ވަނީ ހައްޖު ހުތުބާ ދެއްވުން 2016 ވަަނަ އަހަރުން ފެށިގެން ހުއްޓާލައްވައިފަ އެވެ.