ދުނިޔެ

މިސްރުގައި ހައްޖު ދަތުރުތައް އޮޅުވާލި އެޖެންޓުނަށް ދައުވާކުރަނީ

މިއަހަރުގެ ހައްޖު މޫސުމުގައި ހޫނުގަދަވުމުގެ ސަބަބުން 1،100 މީހަކު ވަނީ މަރުވެފަ އެވެ. މިސްރުގެ އިދާރާތަކުން ބުނާ ގޮތުން އޭގެ ތެރެއިން 658 މީހުންނަކީ މިސްރުގެ ރައްޔިތުންނެވެ.

މިކަން މިގޮތަށް ހިނގަން މެދުވެރި ސަބަބަކީ ސައޫދީ އަރަބިއްޔާއަށް މީހުން ގެންދިއުމުގައި ޓްރެވެލް އެޖޭންޓުން މަކަރުހަދާފައިވާތީ ކަމަށް މިސްރުން ބުނެ އެވެ.

ހައްޖު ދަތުރުތައް އޮޅުވާލައި، ހައްޖުވެރިން ކުރި ހޭދައަށް ވުރެ ފަގީރު ހިދުމަތްތަކެއް ފޯރުކޮށްދިން ކަމުގެ ކުށުގައި މިސްރުން ވަނީ 16 ކުންފުންޏަކަށް ދައުވާކުރަން ފޮނުވާފަ އެވެ.

ޓްރެވެލް އޭޖެންޓުންނަށް އޮތް އަދަބުތަކުގެ ތެރޭގައި ކުންފުނިތަކުގެ ލައިސަންސް ބާތިލުކުރުމާއި ކުންފުނިތަކުގެ މެނޭޖަރުންނަށް ހަރުކަށި އަދަބު ދިނުމަށް ޕްރޮސެކިއުޓަރުގެ އޮފީހަށް ހުށަހެޅުން ހިމެނެ އެވެ. އަދި ކުންފުނިތައް ޖޫރިމަނާކުރުމަށްފަހު ލިބޭ ފައިސާ މަރުވި މީހުންގެ އާއިލާތަކަށް ބެހުމަށްވެސް ވަނީ ނިންމާފަ އެވެ.

މިސްރުގެ ހާރިޖީ ވަޒީރު މުސްތަފާ މަދުބޫލީ ވިދާޅުވި ގޮތުގައި ހައްޖު މޫސުމާ ދިމާކޮށް މައްކާއަށް ދަތުރުތައް ބައެއް ކުންފުނިތަކުން ރާވައި ހިންގާފައިވަނީ ސަރުކާރުގެ އިދާރާތަކުން ހުއްދަ ނުޙޯދަ އެވެ.

ހައްޖު ދުވަސްތަކުގައި މަރުވި މިސްރު މީހުންގެ ތެރެއިން 630 މީހުންނަކީ ހުއްދަ ނުހޯދާ ދަތުރުތައް ރޭވި ކުންފުނިތަކުން ގެންދިޔަ މީހުން ކަމަށް ހާރިޖީ ވުަޒާރާއިން ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިސްރުގެ ހުއްދަ ނެތް ކުންފުނިތަކުން ގެންދިޔަ ބައެއް މީހުންނަށް މައްކާއަށް ވަދެވޭ ގޮތް ވެސް ވަނީ ނުވެފަ އެވެ. ތިބޭނެ ތަނެއް ނެތި ގަދަހޫނުގައި އުޅެންޖެހުމުން ހާލުދެރަވެ އެތައް ބަޔަކު ވަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާވެސް ދީފަ އެވެ.

ސައޫދީ އޮފިޝަލުން ބުނި ގޮތުގައި މިއަހަރުގެ ހައްޖުގައި 1.8 މިލިއަން މިހުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރެއިން 1.6 މިލިއަނަކީ ބޭރު ގައުމުތަކުން ސައުދީއަށް ދަތުރުކުރި މީހުންނެވެ.