އަރަބް ލީގު

ޓްރަމްޕްގެ ނިންމުމާ ދެކޮޅަށް އަރަބިން ތެދުވަނީ

ޣައްޒާގެ ރައްޔިތުން ވަޒަނުން ބޭރުކޮށް، އެ ބިން ފޭރިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ތަސައްވުރާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އިސްނަގައި، އަރަބި ގައުމުތަކުން މަސައްކަތް ފަށައިފި އެވެ.

ޓްރަމްޕް ހުށަހަޅުއްވާފައިވަނީ ޣައްޒާގެ ރައްޔިތުން ވަޒަނުން ބާލައި، އުރުދުންނާއި މިސްރަށް ބަދަލުކުރުމަށެވެ. އަދި ޣައްޒާއަށް އެމެރިކާއިން ވެރިވެގަނެ، ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އެ ތަން ތަރައްގީ ކުރުމަށެވެ.

ޓްރަމްޕްގެ މި ނިންމުމާ ދެކޮޅަށް ސައުދީގެ ވެރިރަށް ރިޔާޟުގައި އަރަބި ގައުމުތަކުގެ ބައްދަލުވުމެއް ބޭއްވުމަށް ސައުދީން މިހާރު ވަނީ ހުށަހަޅާފަ އެވެ. މި ބައްދަލުވުމުގައި މިސްރު، އުރުދުން އަދި އެކުވެރި އަރަބި އިމާރާތުގެ އިސްވެރިން ބައިވެރިވާނެ އެވެ.

އަރަބި ގައުމުތަކުން ގަސްދުކުރަނީ ޣައްޒާ އަލުން ބިނާކުރުމަށް ހާއްސަ ފަންޑެއް ގާއިމުކުރުމަށެވެ. އަދި ޓްރަމްޕްގެ ތަސައްވުރުގެ ބަދަލުގައި މުޅިން އާ ޕްލޭނެއް ހުށަހެޅުމަށެވެ.

"ޣައްޒާގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކުރުމަކީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރި މާދަމާއެއް ގެނެސްދިނުމަށް،" ސައުދީ އަރަބިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ އަރަބި ނިއުސް އެޖެންސީތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.

މިހާތަނަށް ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޣައްޒާގެ ހަނގުރާމައިގައި މިހާތަނަށް 61,700 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 111,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ހަނގުރާމަ ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އެވެ.