މިސްރު

ފަލަސްތީނުގެ ދައުލަތް ސައުދީގައި ގާއިމުކުރަން އެދުމުން މިސްރު ރުޅިގަދަވެއްޖެ

ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމުކުރާނީ ސައުދި އަރަބިއްޔާގައި ކަމަށް ދޭހަވާ ގޮތަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތަކާ ގުޅިގެން މިސްރުގެ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިޒުރޭލުގެ ޓީވީ ޗެނަލަކަށް ނަތަންޔާހޫ ބަސްދީގަތުމެއް ދެމުން ދަނިކޮށް އެ ޕްރޮގުރާމް ހުށަހެޅި ފަރާތަށް އަނގައޮޅި ފަލަސްތީނުގެ ދައުލަތޭ ބުނަން އުޅުމުގެ ތެރޭގައި ބުނެވުނީ ސައުދީ ދައުލަތުގެ ވާހަކައެވެ. މި ކުށް އިސްލާހުކުރަމުން ނަތަންޔާހޫ ވަނީ އޭނާވެސް ބުނަން އުޅުނީ ފަލަސްތީނުގެ ދައުލަތް ސައުދީގައި ގާއިމުކުރާ ވާހަކަ ކަމަށެވެ. ސައުދީ އަކީ ބިންބޮޑު ގައުމެއް ކަމަށްވާތީ އެ ތަނުގައި ފަލަސްތީނަށް ދައުލަތެއް ހަދައިދިނުން މާރަނގަޅު ވާނެ ކަމަށް ދޭހަވާ ގޮތަށް ނަތަންޔާހޫ ވާހަކަ ދެއްކެވި އެވެ.

މިސްރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ ދައުލަތް ސައުދި އަރަބިއްޔާގައި ގާއިމުކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ހުތުރު އަމަލެއް ކަމަށެވެ. އެފަދަ ހިޔާލެއް ދިނުމަކީވެސް ސީދާ ސައުދި އަރަބިއްޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށްވެސް ބުންޏެވެ. ސައުދި އަރަބިއްޔާގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ކުރުމަކީ މިސްރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.

މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފަލަސްތީނުގެ ޣައްޒާއިން ރައްޔިތުން ބާލައި، އެ ސަރަހައްދު ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުކުރުމަށް ހުށަހަޅާފަ އެވެ. އަދި ފަލަސްތީނުގެ ރައްޔިތުން މިސްރަށާއި އުރުދުންއަށް ބަދަލުކުރެވިދާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. މި ހުށަހެޅުމަށްވެސް ބައިނަލްއަގްވާމީ މުޖުތަމައުން ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.

ފަލަސްތީނަށް މިނިވަން ދައުލެއް ގާއިމުކުރެވެންދެން އިޒުރޭލާ އެކު އާދައިގެ ގުޅުމެއްވެސް ނުބޭއްވޭނެ ކަމަށް ސައުދި އަރަބިއްޔާ އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.