ހައްޖުވެރިންނަށް ޚިދުމަތް ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ފަރުވާތެރިވުމަށް ސަލްމާން ރަސްގެފާން އަމުރު ކުރައްވައިފި އެވެ.
ރަސްގެފާން އެދިވަޑައިގެންފައިވަނީ ފުލުހުންނާއި ސިފައިން، މަގުތައް ބަލަހައްޓާ އިދާރާތައް އަދި ސިއްހީ ފަރުވާދޭ މަރުކަޒުތައް ފަދަ ހައްޖުވެރިންނާ ސީދާ ގުޅިފައި ހުރި ހުރިހާ އިދާރާއެއްގައި ހުރި އެންމެ ފެންވަރު ރަނގަޅު ވަސީލަތްތަކުން ހައްޖުވެރިންނަށް ޚިދުމަތް ކުރުމަށެވެ.
ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ވަޒީރުންނާ މުޚާތަބު ކުރައްވައި ރަސްގެފާން އެދިވަޑައިގަތީ ހައްޖުވެރިންނަށް އެއްވެސް ކަމެއް އުނިވޭތޯ ބެއްލެވުމަށާއި ހައްޖު މޫސުމަކީ ޙައްޖުވެރިންނަށް ތަނަވަސް ދުވަސް ތަކަކަށް ހެއްދެވުމަށެވެ.
ހައްޖުވެރިންގެ ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތައް ފައްކާވެފައި ހުރިތޯ ބެއްލެވުމަށް ވެސް ރަސްގެފާން އަމުރު ކުރެއްވި އެވެ. އަދި މިއަހަރު ހައްޖު މޫސުމަށް ކަނޑައެޅި ލަނޑުދަޑިތައް ހާސިލު ކުރެވެމުން ދޭތޯ ބެއްލެވުމަށް ވެސް އެދި ވަޑައިގެންނެވި އެވެ.
ސަލްމާން ރަސްގެފާން ވިދާޅުވި ގޮގުގައި އެއްވެސް މުއައްސަސާއަކުން ހައްޖުވެރިންނާ މެދު ފަރުވާކުޑަ ކުރެވިގެން ނުވާނެ އެވެ. އެ އިދާރާއެއްގައި ހުރި އެންމެ ފެންވަރު ރަނގަޅު ވަސީލަތަކުން ޚިދުމަތް ކުރެއްވުމަށް ތަކުރާރު ކުރެއްވި އެވެ.
ހައްޖުވެރިންނާ މުއާމަލާތް ކުރުމަށް ތަމްރީން ކުރެވުނު އޮފިޝަލުން ހައްޖުވެރިނަށް އޯގާތެރިވުމަށާއި ދުވަސްވީ މީހުންނަށާއި ބަލިމީހުންނަށް ޚާއްސަ އެހީއެއް ބޭނުންވެދާނެ ކަމަށް ތައްޔާރަށް ތިބުމަށް ވެސް އެދި ވަޑައިގެންނެވި އެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ސައޫދީ ތަޅުލާފައި އޮތުމަށް ފަހު މި ފަހަރުގެ ހައްޖު މޫސުމަށް ޚާއްސަ ލުއިތަކެއް ސައޫދިން ވަނީ ދީފަ އެވެ. އެހެން ނަމަވެސް، ކޮވިޑަށް ވުރެ ކުރިން މީހުންނަށް ފުރުސަތުދިން ވަރާ ގާތަށް ވެސް މިފަހަރު ފުރުސަދު ނުދެ އެވެ.
ސައޫދީން ކުރިން ބުނީ ގައުމުން ބޭރު އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް މިފަހަރު ފުރުސަދު ދޭނެ ކަމަށެވެ. އާންމު ގޮތެއްގައި ހުއްދަދޭ ރަސްމީ އަދަދަށް ވުރެ ހައްކުކުރަން ފުރުސަތުދޭ އަދަދު އިތުރުވެ އެވެ.