ދުނިޔެ

ސަލްމާން ރަސްގެފާނުގެ ހާލު އަންނަނީ ރަނގަޅުވަމުން: ބިން ސަލްމާން

ސައުދީ އަރަބިއްޔާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒަށް އާލާސްކަންފުޅެއް ޖެހިވަޑައިގެން ޝާހީ ކްލިނިކެއްގައި މިހާރު ފަރުވާދެނީ އެވެ.

ރަސްގެފާން މާބޮޑަށް ހުންގަދަވުމާއި ހުޅުތަކުގައި ރިއްސުމުގެ ހާލަތަކަށް ފަރުވާދިނުމަށް އެޑްމިޓްކުރަން ޖެހުނީ ކަމަށް ސައުދީ ޕްރެސް އެޖެންސީން ވެސް ވަނީ ބުނެފަ އެވެ.

ޑޮކްޓަރުންގެ ޓީމާ ހަވާލާދީ ސައޫދީ ހަބަރުތައް ބުނާ ގޮތުން ރަސްގެފާނަށް ފަރުވާދެނީ ފުއްޕާމޭގެ އާލަސްކަންފުޅަކަށެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ވަޒީރުންގެ މަޖިލީހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ރަސްގެފާނުގެ ހާލުކޮޅު އަންނަނީ ރަނގަޅުވަމުންނެވެ. ޑޮކްޓަރުންގެ އިރުޝާދަށް އެންޓިބަޔޮޓިކްސްގެ ޑޯޒްތަކެއް ފަށާފައިވާ ކަމަށްވެސް ބިން ސަލްމާން ވިދާޅުވި އެވެ.

ވަޒީރުންގެ ބައްދަލުވުމުގައި ބިން ސަލްމާން ވަނީ ސައޫދީ އަރަބިއްޔާގެ އިގުތިސާދަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. ތެލުގެ ވިޔަފާރި އާއި ތިމާވެއްޓާ ރައްޓެހި ހަކަތައިގެ ނިޒާމުތައް ތަރައްގީކޮށް ކުރިއަރުވަން ހުރި ވިސްނުންތަކާ ބެހޭ ގޮތުން ވެސް އެމްބީއެސް ވަޒީރުންނަށް މައުލޫމާތު ދެއްވި އެވެ.

ސަލްމާން ރަސްގެފާންގެ ސިއްހީ ހާލަތާ ގުޅިގެން ބިން ސަލްމާން ޖަޕާނަށް ކުރައްވަން އޮތް ހަތަރު ދުވަހުގެ ދަތުރު ވެސް ވަނީ މަޑުޖައްސާލާފަ އެވެ. ކުރިން ރާވާފައި އޮތް ގޮތަށް ހާލަތު އޮތް ނަމަ އެމްބީއެސް މިހާރު ހުންނަވާނީ ޖަޕާންގަ އެވެ.

މުހައްމަދު ބިން ސަލްމާން ޖަޕާނަށް ދަތުރުކުރައްވަން އޮތް ތާރީހަކީ މެއި 20-23 އެވެ.

ޖަޕާން ދަތުރު މި ވަގުތަށް ކެންސަލްކުރެއްވި ނަމަވެސް އެމްބީއެސް ވަނީ ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާއާ ވީޑިއޯ މެދުވެރިކޮށް ބައްދަލުކުރައްވާފަ އެވެ.

ދެ ލީޑަރުން ކުރެއްވި މަޝްވަރާތަކުގައި، ސައޫދީ އަރަބިއްޔާއިން ޖަޕާނަށް ސަޕްލައިކުރާ ތެލަށް ބުރޫއެރުމެއް ނެތި ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ޖަޕާންގެ ބޮޑުވަޒީރު އެދިވަޑައިގެންނެވި އެވެ.

ތެލުގެ ވިޔަފާރީގައި ސައުދީ މިހާރަށް ވުރެ ފުޅާ ދައުރެއް އަދާކުރުމަކީ އެދިވަޑައިގަންނަވާ ގޮތެއް ކަމަށްވެސް ޖަޕާންގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ބިން ސަލްމާން ވިދާޅުވި ގޮތުގައި ސައުދީން ޖަޕާންއާ އެކު ޚާއްސަ ގުޅުމެއް ބާއްވާނެ އެވެ. އަދި ތެލުގެ ސަޕްލައިތައް ދެމެހެއްޓެނިވި ގޮތުގައި ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އަޅުއްވާނެ އެވެ.