ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން (އެމްބީއެސް) ޖަޕާނަށް ވަޑައިގަންނަވަނީ އެވެ. ހަބަރުތައް ބުނާ ގޮތުން މި ދަތުރު އޮންނާނީ މި މަހު 20 އިން 23 އަށެވެ.
ޖަޕާނަށް ވަޑައިގެން އެމްބީއެސް އެ ގައުމުގެ އެމްޕެރާ ނަރުހީޓޯއާ ބައްދަލުކުރައްވާނެ އެވެ. އަދި ބޮޑުވަޒީރު ފުމިއޯ ކިޝިދާއާވެސް ބައްދަލުކުރައްވާނެ އެވެ.
ސައޫދީ އަކީ ޖަޕާނަށް ވަރަށް ގިނައިން ތެޔޮ ވިއްކާ ގައުމެކެވެ. އަދި ޖަޕާންގެ ބޮޑެތި ބައެއް ވިޔަފާރިތަކުގައި ވެސް ސައޫދީގެ ހިއްސާ އޮވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖަޕާންގެ ގޭމިން ކުންފުނި ނިންޓެންޑޯ އަކީ ސައޫދީގެ ބައެއް ކުންފުނިތަކުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.
އެމްބީއެސްގެ މި ދަތުރުގައި ޖަޕާންގެ ބޮޑުވަޒީރާ އެކު ރަސްމީ މަޝްވަރާތައް ބާއްވާނެ އެވެ. އަދި ދުނިޔޭގެ ސިޔާސަތާ ގުޅުން ހުރި މައުލޫތަކަށް މަޝްވަރާކުރައްވާނެ އެވެ.
ސައޫދީއާއި ޖަޕާންއާ ދެމެދު ވިޔަފާރި ފުޅާކުރުމާއި ޖީލުތައް އާ ޓެކްނޮލޮޖީއަށް ހުޅުވިގެން ދާއިރު ދެ ގައުމު އެކުގައި މަސައްކަތްތެރިން ކުރިއަރުވަން މަޝްވަރާކުރާނެ ކަމަށްވެސް ވަނީ ބެލެވިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމްބީއެސް، 38، އަކީ ގޭމް ކުޅުއްވާ ބޭފުޅެކެވެ. އުމުރުގެ ހަގުކަމާ އެކު އެމްބީއެސް ވެފައި ވަނީ ގޭމްތަކުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވަޑައިގެންފައި ކަމަށްވެސް ހަބަރުތައް ބުނެ އެވެ. އެހެންވެ ސައޫދީ އަރަބިއްޔާގެ ވަލީއަހުދަށް ވެފައި އަދި ކުރިއަށް އޮތް ތަނުގައި ސައޫދީގެ ރަސްކަން ވާރުތަވާ ބޭފުޅަކަށް ވާތީ މިކަހަލަ ބައެއް އާދަތައް ދޫކޮށްލެއްވުމަށް ލަފާއަރުވާފައި އޮތް ކަމަށްވެސް ވާކަތައް އޮތީ ފެތުރިފަ އެވެ.
ބިން ސަލްމާން ބޮޑުވަޒީރުގެ މަގާމަށް އައްޔަރުކުރެއްވި ހިސާބުން ސައޫދީ އަރަބިއްޔާ ޓެކްނޮލޮޖީއާ ގާތްކުރެއްވުމުގެ މަސައްކަތްތައް ވަނީ ފެށިފަ އެވެ. އަދި ހާއްސަކޮށް ގޭމްކުޅޭ ކުދިންނަށް ފުރުސަތު ހޯއްދަވައި ދެއްވުމަށް -- ގޭމް އުފައްދާ އެކްޓިވިޝަން، އިލެކްޓްރޯނިކް އާޓްސް، ކެޕްކޮމް އަދި ނިންޓެންޑޯ ފަދަ ނުފޫޒުގަދަ ކުންފުނިތަކާ އެކު އެއްބަސްވުންތައް ހައްދާފައިވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
އެމްބީއެސްގެ މި ދަތުރުގައި ޔުކްރޭން ހަނގުރާމަ އަދި ފަލަސްތީންގެ މައްސަލައާއި ބެހޭ ގޮތުން ޖަޕާންގެ ބޮޑުވަޒީރާ އެކު މަޝްވަރާކުރައްވާނެ އެވެ.