ދުނިޔެ

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ ސައުދީ އަރަބިއްޔާގައި

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ މެދުއިރުމައްޗަށް ކުރައްވާ ތިން ދުވަހުގެ ދަތުރެއްގައި، ހޮނިހިރު ދުވަހު ސައޫދީ އަރަބިއްޔާއަށް ވަޑައިގެންފި އެވެ.

މި ދަތުރުގައި ކިޝިދާ ދެން ވަޑައިގަންނަވާނީ ޔޫއޭއީއަށް އަދި އެއަށްފަހު ގަތަރަށް ވެސް ވަޑައިގަންނަވާނެ އެވެ.

ފުމިއޯ ކިޝިދާ ސައޫދީއަށް ވަޑައިގަތުމުން ޖިއްދާގެ އައްސަލާމް ގަނޑުވަރުން މަރުހަބާ ދެންނެވީ ސައޫދީގެ ވަލީއަހުދު -- ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އެވެ.

ސައޫދީ، ޖަޕާން މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގުޅުން ހަރުދަނާކުރުމާއި އިގްތިސާދީ ދޮތުން ދެ ގައުމަށް އެންމެ ފައިދާ ބޮޑު ދިމަދިމާއިން މަޝްރޫއުތައް ހިންގުމާ ބެހޭ ގޮތުން އެއްބަސްވުންތަކެއް ގާއިމުކުރާނެ ކަމަށް ބެލެވެ އެވެ.

ސައުދީ އަރަބިއްޔާއިން 2030 ލައިގަންނައިރު ހާސިލުކުރަން ކަނޑައަޅާފައިހުރި ލަނޑުދަނޑިތަކަށް ވާސިލުވުމުގައި ޖަޕާންވެސް މުހިންމު ދައުރެއް އަދާކުރާނެކަން ކިޝިދާގެ މި ދަތުރުން ވަނީ ހާމަވެފަ އެވެ.

ސައޫދީ ނޫސް އެޖޭންސީ ބުނާ ގޮތުން ސައޫދީ، ޖަޕާން މަޝްވަރާތަކުގެ މައިގަނޑަކީ ޖަޕާނަށް މެދުނުކެނޑި ހަކަތަ ލިބޭނެ ނިޒާމެއް ކަށަވަރުކުރުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށް ސައޫދީގައި އިގްތިސާދީ އެހެނިހެން ދާއިރާތަކުން އިންވެސްޓްކުރުމަށް ޖަޕާން ތައްޔާރު ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

މިގޮތުން ސިއްހަތާއި ޓެކްނޮލޮޖީގެ ދާއިރާއިން ސައޫދީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކިޝިދާގެ މި ދަތުރުގައި މަޝްވަރާކުރެވުނެވެ. މި މައުލޫގައި މަޝްވަރާކުރެވުނީ ސައޫދީގެ ސިއްހީ ދާއިރާއަށް ޒަމާނީ ޓެކްނޮލޮޖީ ތައާރުފުކޮށް ބޭސްވެރިކަން ކުރިއެރުވުމާ ބެހޭ ގޮތުންނެވެ.

ފުމިއޯ ކިޝިދާ މެދުއިރުމައްޗަށް ކުރައްވާ މި ދަތުރަކީ އިގްތިސާދީ މަޝްވަރާތަކަށް ހާއްސަ ދަތުރެއް ކަމަށްވާތީ މައިގަނޑު ގޮތެއްގައި މަޝްވަރާތައް އަމާޒުކޮށްފައިވަނީ ވެސް ވިޔަފާރީގައި ދެ ގައުމަށް ފައިދާ ހުރި މައުލޫތަކަށެވެ.

މީގެއިތުރުން ދޭދޭ ގުޅުން ހަރުދަނާކުރުމުގެ ގޮތުން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ސެކްރެޓަރީ ޖެނެރަލް ޖާސިމް މުހައްމަދު އަލްބަދުވީއާ ވެސް ބޮޑުވަޒީރު ކިޝިދާ ބައްދަލު ކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޖީސީސީ، ޖަޕާންއާ ގުޅިގެން މިނިސްޓަރުންގެ ފެންވަރުގައި -- ގުޅުން ހަރުދަނާކުރުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ނިންމެވި އެވެ. އަދި ގަލްފް ގައުމުތަކުގެ އިގްތިސާދީ އެޖެންޑާއިން ޖަޕާނަށް ފުރުސަތު ދިނުމާ މެދުވެސް މަޝްވަރާކުރެވުނެވެ.