ދުނިޔެ

ބިން ސަލްމާންގެ ލަންޑަން ދަތުރު ޕޫޓިއަށްޓަކައި ފަސްކުރެއްވި: ރިޕޯޓް

ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ލަންޑަނަށް ކުރައްވަން އޮތް ދަތުރު -- ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް މަރުހަބާ ދެންނެވުމަށް ޓަކައި -- ފަސްކުރެއްވި ކަމަށް ފައިނޭންޝަލް ޓައިމްސްއިން ބުނެފި އެވެ.

ފައިނޭންޝަލް ޓައިމްސް އިން ބުނި ގޮތުން ބިން ސަލްމާން އިނގިރޭސިވިލާތަށް ވަޑައިގަތުން އެޖެންޑާކުރެއްވުމަށް، އިނގިރޭސި އޮފިޝަލުންނާ އެކު މަޝްވަރާކުރައްވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ލަންޑަންގެ އޮފިޝަލުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން ބިން ސަލްމާން ލަންޑަނަށް ވަޑައިގަތުމަށް ޑިސެމްބަރު ތިނެއް އޮތީ އިނގިރޭސިވިލާތުން ހަމަޖައްސާފަ އެވެ. އަދި ބިން ސަލްމާނަށް މަރުހަބާ ދެންނެވުމަށް ގައުމު އޮތީ ތައްޔާރަށެވެ.

ނަމަވެސް ލަންޑަނަށް ކުރައްވަން އޮތް ދަތުރު ފަހަތަަށް ޖައްސަވައި ބިން ސަލްމަން ވަނީ ރަޝިއާގެ ރައީސް ޕޫޓިންއަށް އިސްކަން ދެއްވައި މަރުހަބާ ދަންނަވާފަ އެވެ.

މިކަމާ ގުޅިގެން އިނިގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ވަނީ ބަހުސެއް ހިނގާފަ އެވެ.

ބައެއް މެމްބަރުން ދެކޭ ގޮތުގައި ބިން ސަލްމާންގެ މި އަމަލުފުޅަކީ ސައުދީއާ އިނގިރޭސިވިލަތާ ދެމެދު އޮތް ގުޅުން ރަނގަޅަށް ދައްކުވައިދޭ މަންޒަރެކެވެ.

ދެ ގައުމުގެ ދެމެދުގައި ހަރުދަނާ ގުޅުމެއް ނެތް ކަމަށް ބައެއް މެމްބަރުން ވިދާޅުވާއިރު އިތުރު އެހެނިހެން ސުވާލުތައް ވެސް ވަނީ މެމްބަރުން އުފައްދާފަ އެވެ.

ސައޫދީން ބުނީ ވަލީއަހުދު އިނގިރޭސިވިލާތަށް ވަޑައިގަތުމުގައި، އިނގިރޭސިވިލާތުން ވެސް ތާވަލަށް ބަދަލުގެނައި ކަމަށެވެ. އަދި ވަލީއަހުދުގެ ދަތުރު ފަސްކުރެއްވީ ސައޫދީއަށް ޕޫޓިން ވަޑައިގަންނަވާތީ ނޫން ކަމަށްވެސް ސައޫދީ އޮފިޝަލުން ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާ އަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވަޑައިގަތުން ދުނިޔޭގައި މިހާރު ވަނީ ބޮޑުކަމަކަށް ވެފަ އެވެ.

ހުޅަނގުގެ ނުފޫޒަށް ގޮންޖައްސަވައި ސައޫދީއާ ޔޫއޭއީ އިން ޕޫޓިންއަށް ރަތްދޫލައިގެ މަރުހަބާއެއް ދެންނެވުމާ ގުޅިގެން އިނގިރޭސިލިވާތުން ވަނީ އެ ގައުމުގެ ހަރިޖީ އަދި ސިޔާސީ، ސިޔާސަތު އަލުން މުރާޖާކުރަން އަންގާފަ އެވެ.

ބައިނަލްއަގްވާމީ މަސްރަހުގައި އިނގިރޭސިވިލާތުގެ ސިޔާސަތުތައް އެކައްޗަކަށް ވެސް ނުވެ އިނގިރޭސިންގެ ވާދަވެރިން ކުރިހޯދަމުން އަންނައިރު ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް އިނގިރޭސި ހާރިޖީ ވުޒާރާއިން ބުންޏެވެ.

އަރަބި ގައުމުތަކާ އެކު އަމަލުކުރާނެ ސިޔާސަތެއްގެ މުހިންމު ކަމާ މެދުވެސް އިނގިރޭސި ހާރިޖީ ވުޒާރާގައި ވަނީ ބަހުސްކޮށްފަ އެވެ.