ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ސައޫދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.
މިއީ ގަލްފަށް ކުރައްވާ ދެދުވަހުގެ ދަތުރެއްގައި މަޝްވަރާ އަށް މަޑުކުރެއްވި ފުރަތަމަ މަންޒިލް އެވެ.
ޝޯލްޒް ދެން ވަޑައިގަންނަވާނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށެވެ. އަދި ދަތުރު ނިންމަވާލައްވާނީ ގަތަރުންނެވެ.
ސައޫދީ އަށް ވަޑައިގެން ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއެކު މަޝްވަރާ ބައްދަލުވުމެއްގައި ޝޯލްޒް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެހެންނަމަވެސް މަޝްވަރާގެ އެއްވެސް ތަފްސީލެއް ރަސްމީ ސިފައިގައި ޚަބަރު އޭޖެންސީތަކަކަށް ނުދެއްވަ އެވެ.
ޝޯލްޒްގެ މި ދަތުރަކީ ކުރިން ވެސް އަޑުފެތުރިފައި އޮތް ގޮތަށް ޖަރުމަނަށް ބޭނުންވާ ތެލާއި ގޭސް ގަލްފު ގައުމުތަކުން ހޯއްދެވުމަށް ކުރައްވާ ދަތުރެކެވެ.
ރަޝިއާ ސިފައިން ޔުކްރޭން އަށް އަރައިގަނެ ހިންގަމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރިކުރުމުގައި ރަޝިއާ ވެސް އޮތީ ބައިވެރިވެފަ އެވެ.
ޔުކްރޭން ހަނގުރަމައާ ގުޅިގެން ރަޝިއާ އަށް އަދަބު ދިނުމަށް ހުޅަނގުން ރަޝިއާގެ ހަކަތަ -- ތެލާއި ގޭސް ގަތުން ވަނީ ހުއްޓާލާފަ އެވެ.
އެހެންކަމުން ޔޫރަޕްގެ ގައުމުތަކަށް ބޭނުންވާ ތެލާއި ގޭސް ކޮންމެވެސް އެހެން ގައުމަކުން ލިބޭތޯ ޔޫރަޕްގެ އެކި ގައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
އޯލަފް ޝޯލްޒް ސައޫދީ އަށް ދަތުރުކުރައްވަން ޖެހިވަޑައިގަތީ ވެސް މި ބޭނުމުގަ އެވެ. ޖަރުމަނަށް ބޭނުންވާ ތެލާއި ގުދުރަތީ ގޭސް ދާއިމަށް ލިބޭނެ އަލިމަގެއް ހޯއްދެވުމަށެވެ.
އެހެން ނަމަވެސް، ސިޔާސަތު ދަންނަ މީހުން ދެކޭ ގޮތުގައި ގަލްފުގެ އެއްވެސް ގައުމަކުން ޖަރުމަން އެދޭވަރުގެ ނަތީޖާއެއް ހާސިލް ނުކުރެވޭނެ އެވެ.
މަސްރަހު މިހާރު އޮތް ގޮތުން ޖަރުމަނަށް ބޭނުންވާ ތެލާއި ގޭސް ހޯދުމުގައި، ހަގީގަތުގައި ޖަރުމަަނަށް އެއްވެސް ހުރަހެއް ނެތެވެ.
ރަޝިއާ އަށް އަޅާފައި އޮތް ދަތިކުރުންތަކުން އަމިއްލައަށް ނުކުތުމުން ޖަރުމަނަށް ބޭނުންވާ ހަކަތަ -- ބޭނުން ވަރަކަށް ލިބެން އެބަ އޮތެވެ.
އަނެއްކޮޅުން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވެސް ވަނީ ޖަރުމަނަށް އަދި މުޅި ޔޫރަޕަށް ބޭނުންވާ ހަކަތަ ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޖަރުމަނުން ރަޝިއާގެ ހަކަތަ ބޭނުން ނަމަ ނޯޑް ސްޓްރީމް ދޭއް ހުޅުވުމުން ހުރިހާ ކަމެއް ހަމަޖެހޭނެ ކަމަށް ރަޝިއާ ބުނެ އެވެ.