ދުނިޔެ

ތެލަށް ޔޫރޯއިން އަގު ދެއްކި ދާނެ: ޖަރުމަނު

ޖަރުމަނުން ގަންނަ ރަޝިއާގެ ތެލަށް ޔޫރޯއިން އަގު ދައްކަން އެއްބަސް ވެވިއްޖެ ކަމަށް ޖަރުމަނުގެ ސަރުކާރުން ބުނެފި އެވެ.

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ކުރެއްވި މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ކުރެވޭ ހަކަތައިގެ ވިޔަފާރިއަށް ޔޫރޯއިން އަގު ދެއްކުން އެންމެ ރަނގަޅު ކަމަށް ޕޫޓިން ވިދާޅުވި ކަމަށް ޖަރުމަނު ސަރުކާރުން ބުނެ އެވެ.

އޯލަފް ޝޯލްޒްއާ ހަވާލާދީ ޖަރުމަނުގެ މީޑިއާތަކުން ބުނާ ގޮތުން ޔޫރަޕަށް ބޭނުންވާ ހަކަތައަށް ޔޫރޯއިން އަގުމަގު ކުރުމަށް ފަސޭހަ ގޮތަކަށް ވަނީ އެއްބަސްވެވިފަ އެވެ. އެހެން ނަމަވެސް ރަޝިއާއާއެކު އެއްބަސްވެވުނު ގޮތެއް މީޑިއާތަކުން ތަފުސީލެއް ނުކުރެ އެވެ.

ޖަރުމަނު ސަރުކާރުގެ ތަރުޖަމާން ނޫސްތަކަށް ވިދާޅުވި ގޮތުގައި ޗާންސެލަރުގެ އެދިވަޑައި ގަތުމަށް ޔޫރޯއިން އަގު ދެއްކޭ ގޮތައް ވަނީ އެއްބަސް ވެވިފަ އެވެ.

ތަރުޖަމާން ވިދާޅުވީ ކުރިން ވެސް ފައިސާ ދައްކަމުން ގެންދިޔަ އުސޫލުން ރަޝިއާ ދައުލަތުގެ ގޭސް ކުންފުނި، ގޭސްޕްރޮމްގެ ބޭނުންކް އެކައުންޓަށް ފައިސާ ޖަމާ ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ޔޫރޯއިން ފައިސާ ދެއްކި ނަމަވެސް ގޭސްޕްރޮމްއާ ބޭންކާ ދެމެދު ހިންގާ މާލީ މުއާމަލާތްތައް އަގުމަގު ކުރާނީ ރަޝިއާގެ ފައިސާ، ރޫބަލް އިން ކަމަށް ވެސް ޖަރުމަނުން ބުނެ އެވެ.

ރަޝިއާ ކުރިން ހަމަޖައްސާފައި އޮތް ގޮތުން ރަޝިއާއަށް ދަތި ކުރަން އެމެރިކާ އަޅާފައި ހުރި ފިޔަވަޅުތަކަށް ވާގިވެރިވާ ގައުމުތަކުން ގަންނަ ހަކަތައަށް ފައިސާ ދައްކަން ޖެހޭނީ ރޫބަލް އިންނެވެ.

ފްރާންސާއި ޖަރުމަނުން މިކަމާ ގުޅޭ ގޮތުން ބުނީ ރޫަބަލް އިން އަގު ދެއްކުމަކީ ވަރަށް ދަތި ކަމަކަށް ވާނެ ކަމަށެވެ. އެހެންކަމުން ލުއި ގޮތަކަށް އެދި ރަޝިއާއަށް އޮތީ ހުށަހަޅާފަ އެވެ.

ސަރުކާރުގެ ވެރިންނާ ބައްދަލު ކުރެއްވުމަށް މޮސްކޯގައި ބޭއްވި ބައްދަލު ވުމެއްގައި ޕޫޓިން ވިދާޅުވީ ރަޝިއާއަށް ފައިސާ ވަންނަން ހުރި ދޮރުތައް އެމެރިކާ އާއި ވިލާތުން ބަންދުކޮށް އަދި އެ ގައުމުތަކުގެ ބޭންކުތަކުގައި ހުރި ރަޝިއާގެ ފައިސާ ހިފަހައްޓާފައި ހުރިއިރު ޑޮލަރާއި ޔޫރޯއިން އެ ގައުމުތަކާއެކު ވިޔަފާރި ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށެވެ.

އެހެންކަމުން އެ ގައުމުތަކަށް ވިއްކާ ހަކަތައިގެ ބާވަތްތައް ރަޝިއާގެ ފައިސާ ރޫބަލް އިން އަގުމަގު ކުރަން ޕޫޓިން ވަނީ އަމުރު ކުރައްވާފަ އެވެ.