ދުނިޔެ

ސައޫދީގައި ހައްޖު މޫސުމާ ދިމާކޮށް އުދުހޭ ޓެކްސީ ތައާރަފްކޮށްފި

މިއަހަރުގެ ހައްޖު މޫސުމާ ދިމާކޮށް، ހައްޖުވެރިންނަށް ހިދުމަތް ދިނުމަށް ސައުދީ އަރަބިއްޔާގައި އުދުހޭ ޓެކްސީ ތައާރަފްކޮށްފި އެވެ.

އުދުހޭ ކަރަންޓް ޓެކްސީތަކުން ހައްޖުވެރިން މުގައްދަސް ސަހަރުތަކަށް، ބިނާތަކަށް އަދި ހޮޓާޓަކަށް އުފުލާނެ އެވެ.

އެމެޖެންސީތަކުގައި ބަލިމީހުން އުފުލުމާއި، ބޭސްފަރުވާގެ ހިދުމަތް ދިނުން އަދި ހާޖަތެއް އޮތް ނަމަ ކާބޯތަކެތި ސަޕްލައިކުރުމަކީ ވެސް މި ޓެކްސީތަކަށް އޮތް މަސައްކަތެކެވެ.

ސައޫދީގެ ޓްރާންސްޕޯޓް ވަޒީރު ސާލިހް ބިން ނާސިރު އަލްޖާސިރާ ހަވާލާދީ ދައުލަތުގެ ނޫސް އޭޖެންސީ -- ސައޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ބުނި ގޮތުން އޭވިއޭޝަން އިދާރާ އަކުން ލައިސަންސް ލިބިގެން އުދުހޭ ޓެކްސީގެ ހިދުމަތް އެންމެ ފުރަތަމަ ފެށި ގައުމަކީ ސައޫދީ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އުދުހޭ ޓެކްސީގެ ހިދުމަތް ދިނުމަށް ޖަރުމަނުން 100 ލިލިއަމް ޖެޓް ސައޫދީ ސަރުކާރުން ވަނީ ގަނެފަ އެވެ. މި ޖެޓްތައް ދަތުރުކުރާނީ ޖިއްދާ އެއާޕޯޓުން މައްކާއަށް ކަމަށް އެސްޕީއޭއިން ބުނެ އެވެ.

ހައްޖުވެރިން ތިބޭ ހޮޓަލުގައި ޖެޓްތައް ޖެއްސުމަށް ހާއްސަ އެއާސްޓްރިޕެއް އޮންނަނަމަ، އެއާޕޯޓުން ސީދާ ހޮޓަލަށް ގެންގޮސްދެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އުދުހޭ ޓެކްސީގެ ހިދުމަތް ދޭން ބޭނުންވާ ހޮޓާތައް ހިންގާ ފަރާތްތަކުން ހެލިޕެޑެއް ނުވަތަ އެއާސްޓްރިޕެއް ހޮޓަލުގެ ގޯތި ތެރޭގައި އަޅަން ސަރުކާރުން އެހީތެރިވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މި އުޅަނދުތަކުގެ ދުވެއްޔާ ބެހޭ ގޮތުން ބުނެވެނީ ޖިއްދާ އެއާޕޯޓުން 20 މިނެޓް ތެރޭގައި މައްކާއަށް ފޯރާނެ ކަމަށެވެ.

ސައޫދީގައި ދުއްވާ ދުވެލި އެންމެ ބާރު ރޭލުތައް ވެސް މައްކާއަށް ދިއުމަށް ތިރީހަކަށް މިނެޓް ނަގާ ކަމަށް ހަބަރުތައް ބުނެ އެވެ.

އަނެއްކޮޅުން ސައޫދީގެ މަގުތައް ތޮއްޖެހި ދަތުރު ނުކުރެވޭ ހާލަތަކުގައި، އުދުހޭ ޓެކްސީގެ ހިދުމަތް ހައްޖުވެރިންނަށް ވަރަށް މުހިއްމު ވާނެ އެވެ.

އުދުހޭ ޓެކްސީގެ ހިދުމަތް ސައޫދީގައި ފަށައިގަތް ނަމަވެސް ދަތުރުތައް ރާވާފައި އޮތް ގޮތް އަދި އަގުތަކާ ބެހޭ އެއްވެސް މައުލޫމާތެއް އާންމެއް ނުކުރެވެ.

ފަހަރެއްގައި މިއީ އުދުހޭ ޓެކްސީގެ ހިދުމަތް ހަމަ ފަށައިގަތީ ކަމަށް ވެދާނެ އެވެ. އަދި ތަޖުރިބާއަށް ބަލައި ހިދުމަތް ފުޅާކުރަން ސަރުކާރުން ގަސްދުކުރަނީ ކަމަށްވެސް ވެދާނެ އެވެ.