ދުނިޔެ

މަގާމުން ދުރުކޮށްފިނަމަ އިގުތިސާދު ރޫޅޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

Aug 24, 2018
2

ވޮޝިންގްޓަން (އޯގަސްޓް 23) - އިތުބާރުނެތްކަމަށް ފާސްކޮށް މަގާމުން ދުރުކޮށްފިނަމަ، އެމެރިކާގެ މާކެޓު ރޫޅި މުޅި އިގްތިސާދު ފުނޑުފުނޑުވާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ޓްރަމްޕް މިގޮތަށް ވިދާޅުވެފައިވަނީ، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ޓްރަމްޕާއެކު ނާޖާއިޒު ގުޅުން އޮތް ދެ އަންހެނަކަށް، އެ ވާހަކަ ނުދެއްކުމަށް ފައިސާދީފައިވާ ކަމަށް ޓްރަމްޕުގެ ކުރީގެ ވަކީލު ކޯޓުގައި އިއުތިރާފުވެފައިވަނިކޮށެވެ.

އެމެރިކާގެ "ފޮކްސް އެންޑް ފްރެންޑްސް" އަށް ދެއްވި އިންޓަވިއު އެއްގައި، ޓްރަމްޕް ވިދާޅުވީ އޭނާ މަގާމުން ދުރުކޮށްފިނަމަ މާކެޓު ރޫޅި "ހުރިހާ އެންމެން ފަގީރުވާނެ" ކަމަށެވެ.

އަދި ވަރަށް ރަނގަޅަށް ހިދުމަތްކޮށްދީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައިވާ މީހަކު މަގާމުން ދުރުކުރުމުގެ ބޭނުމެއް ފެނިވަޑައިނުގަންނަވާކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ކާމިޔާބު ކުރެއްވި އިންތިހާބުގެ ކުރިން، ކެމްޕޭނު ފައިސާ ހަރަދު ކުރުމުގެ ގަވާއިދާ ހިލާފަށް، ފައިސާ ހަރަދުކޮށްފައިވާކަމަށް ޓްރަމްޕުގެ ކުޜިގެ ވަކީލު މައިކަލް ކޯހެން ވަނީ އެއްބަސްވެފަ އެވެ. އަދި އެކަން ކުރީ ސީދާ "ކެންޑިޑޭޓުގެ އެންގުމަށް" ކަމަށް ވެސް ކޯހެން ވަނީ ޓްރަމްޕްގެ ސީދާ ނަންފުޅު ބޭނުންނުކޮށް ކޯޓުގައި ބުނެފަ އެވެ.

އަދަބު ލުއި ކޮށްދިނުމުގެ އެއްބަސްވުމެއްގެ ދަށުން، ކޯހެން 51، ވަނީ ޓެކްސްއާއި ބޭންކަށް މަކަރުހަދާ އޮޅުވާލުގެ ތަފާތުއަށް ދައުވާއަކަށް އިއުތިރާފުވެފަ އެވެ. އެ ދެ އަންހެނުންނަށް ދިން ފައިސާ ހަމަޖައްސާފައިވަނީ، ކެމްޕޭނު ދުވަސްވަރު، ފޭކު ބިލްތަކެއް ހުށަހަޅައިގެންކަމަށް ކޯހެން ވަނީ އެއްބަސްވެފަ އެވެ.

ކޯހެން މިގޮތަށް އިއުތިރާފުވެފައިވަނީ، ޓްރަމްޕުގެ ކެމްޕޭނު މެނޭޖަރު ޕޯލް މެނަފޯޓު ވެސް ޓެކްސަށް މަކަރުހެދި ކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ކޯހެންގެ އިއުތިރާފާއެކު، ޓްރަމްޕަށް ވެސް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް، ރައީސްގެ މަގާމުގައި ހުންނެވިހާ ދުވަހަކު ޓްރަމްޕަށް ޖިނާއީ ދައުވާ ކުރުން ވަރަށް ނާދިރު ކަމަށް ގާނޫނީ ތަކުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.

އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، ޓްރަމްޕް ވިދާޅުވީ އެ ދެ އަންހެނުންނަށް ދިން ފައިސާއަކީ އެއްވެސް ގަވާއިދަކާއި ހިލާފުވާގޮތަށް ދިން ފައިސާއެއް ނޫންކަމަށާއި، އެކަމަކީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގި އަމަލެއް ނޫން ކަމަށެވެ.

އަދި ކޯހެންގެ ވާހަކަތަކަކީ އަދަބު ލުއި ކުރުމުގެ ގޮތުން ދެއްކި ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ޓްރަމްޕަށް އިތުބާރުނެތް ކަމަށް ފާސް ކޮށްފިނަމަ، ޓްރަމްޕް މަގާމުން ދުރުކުރެވޭނެ އެވެ. ނަމަވެސް. އެކަމަށްޓަކައި، ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިހާބުގައި ކޮންގްރެސްގެ މެޖޯރިޓީ ހޯދިގެންނެވެ. އެވަރުންވެސް، އިތުބާރުނެތް ކަމަށް ފާސްކުރަން، ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންގެ ސަޕޯޓު ބޭނުންވާނެ އެވެ.

ކޯހެނަށް ހުކުމް ކުރުމުގެ ޝަރީއަތް ތާވަލު ކުރެވިފައިވަނީ ޑިސެމްބަރު 12 ދުވަހަށެވެ. އޭނާ މިހާރު 500،000 އެމެރިކާ ޑޮލަރު ދެއްކުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.