މީދޫއަށް އީދު ބައްދަލުކުރީ ބޮޑު ނަވެއްގައި

އީދަށް ލިބުނު ފަސް ދުވަހުގެ ބޮޑު ބަންދެއް މިއަދު ނިމުމަކަށް އައިއިރު އެކި ރަށްރަށުގައި ތަފާތު ކުޅިވަރުތަކުގެ ފޯރި ނުހަނު ގަދަ އެވެ. އެއްބައި ރަށްރަށުގައި މަޝްހޫރު ތަރިންނާ އެކު ފޯރިގަދަ ސްޓޭޖް ޝޯތައް ބޭއްވިއިރު އަނެއް ބައި ރަށްރަށުގައި ފޯރި ހިއްޕާލީ ސަގާފީ ކުޅިވަރުތައް ކަމަށްވާ ކޯޑިއާއި ފެންކުޅި އަދި ޒަމާނަށް އައި ބަދަލުތަކާ އެކު ކުލަ ޖެހުމުގެ ފޯރިން އެވެ.

އެކަމަކު ރ. މީދޫ ރައްޔިތުންނަށް ބޮޑު އީދު ބައްދަލުކުރަނީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. އީދު ކުޅިމަޖާ އެ ރަށަށް އައި ކަމަށްވަނީ ބޭރު ކަރައެއްގެ ބޮޑު ނަވެއް ރަށު ބޭރުގައި ބަނދަރުކޮށް އެ ނަވުގެ ފަޅުވެރިންނަށް ރަށުގެ ރައްޔިތުން މަރުހަބާ ކީމަ އެވެ. ރަށުގެ ރައްޔިތުންގެ ކިޔާގޮތުން "ނަވު ކެނޑު"މުގެ ކުޅިވަރު އެ ރަށުގައި އޮންނަތާ ޒަމާން ގަނޑެއް ވެއްޖެ އެވެ. މިކަހަލަ ޕްލޭއެއް އީދާ ދިމާކޮށް އެހެން ރަށެއްގައި ކުޅޭތަނެއް ނުފެނެ އެވެ. މިއީ އާދައިގެ ޕްލޭއެއް ނޫނެވެ. މި ޕްލޭއަށް އެ ރަށު ރައްޔިތުން ވާ ތައްޔާރީތައް ބޮޑުވެފައި ނުހަނު ބުރަ އެވެ. ކުރީ ޒަމާނުގެ ހަނގުރާމަތީ ނައުތަކުގެ ނަމޫނާއަށް ބޮޑު ދެ ދޯންޏެއް ތައްޔާރު ކުރަނީ ނުހަނު ބުރަ މަސައްކަތުން އެވެ.

އެ ޕްލޭއާ ބެހޭ ތަފްސީލްތައް ދެއްވަމުން މީދޫ އެކުވެރި ކްލަބްގެ ރައީސް ހަސަން ޝަރީފް ބުނީ، އޭނާ ހަނދާން ހުންނަން ފެށީއްސުރެވެސް އެ ޕްލޭ އެ ރަށުގައި ކުޅެ އެވެ. އޭނާ ބުނިި ގޮތުގައި، އެ ޕްލޭ ތައްޔާރު ކުރުމުގައި ޒަމާނުއްސުރެ އުޅެނީ ހުޅަނގު އަވަށުގެ ކުދި ބޮޑު އެންމެން އެވެ. އެ ކުޅިވަރަށް ތައްޔާރުވުމުގެ އެންމެ ބުރަ މަސައްކަތަކީ، ތޮށަލިން ވިޔެގެން ކުރީ ޒަމާނުގެ ހަނގުރާމަމަތީ ނަވެއްގެ ބައްޓަމަށް ބޮޑު މަސްދޯންޏެއް ތައްޔާރު ކުރުމެވެ. އެ މަސައްކަތް ނިމޭ އިރު، ބަލާ ބެލުމަށް ކުރީ ޒަމާނުގެ ކަނޑުފޭރޭ މީހުން ބޭނުން ކުރާ ބޮޑު ނަވަކާ އެ މަސްދޯންޏާ އެއްވެސް ތަފާތެއް ނުހުރެ އެވެ. އެހާވެސް އެ މަސައްކަތް ފުރިހަމަ އެވެ. ދެން އޮންނަނީ އެ ނަވުގެ 20 އަކަށް ފަޅުވެރިންގެ ކޮސްޓިއުމް ތައްޔާރުކުރުމެވެ. އަދި ރަށު ތެރޭގައި ތިބޭ ސެކިއުރީޓިންނާއި އެހެން ވެސް ފަރާތްތަކުގެ ކޮސްޓިއުމްވެސް ތައްޔާރު ކުރަނީ ކުރީ ޒަމާނުގައި ނަވުތަކުގައި ތިބޭ ފަޅުވެރިން ބޭނުން ކުރާ ހެނދުންތައް ނަމޫނާއަކަށް ބަލައިގެން އެވެ. މިހާރު އުފެދޭނެ ސުވާލަކީ މި ނަވުގެ ފަޅުވެރިން ރަށަށް ފައިބާ ކުރަނީ ކީއްހެއްޔެވެ؟

މި ޕްލޭ ރާވާފައި އޮންނަ ގޮތުން މިނަވު ރަށުގައި ބަނދަރު ކުރުމުގެ ފުރުސަތު މީދޫ ރައްޔިތުން ދެނީ، ރަށުގެ ސަލާމަތީ ކަންކަން ބަލައި ސިފައިން ވަރަށް ރަނގަޅަށް ނަވުގެ ކަންކަން ބެލުމަށް ފަހު އެވެ. ރަށުގައި ތިބޭ ސިފައިންގެ މީހުން ވެސް ތިބެނީ ކުރީ ޒަމާނުގެ ހަނގުރާމަވެރިން ގޮތަށް ހެނދުން އަޅައިގެން އެވެ. ކޮންމެއަކަސް، އެ މީހުންގެ ހުއްދައާ އެކު ނަވު ރަށުގައި ބަނދަރު ކޮށް ކެޕްޓަން ނަވުން ފައިބަނީ ރަށުގެ ރައްޔިތުންނަށާއި ކުޑަކުދިންނަށް އީދު ހަނދިޔާ ހިފައިގެން އެވެ. މި ނަވުގެ ކެޕްޓަން މުޅި ރަށުގައި ހިނގައި ރަށު ރައްޔިތުންނާއި ކުޑަކުދިންނަށް އީދު ހަދިޔާ ބަހަ އެވެ.

"ކޭންޑީސް މެޓާ، ޗޮކްލެޓް ކަހަލަ އެއްޗިހި ކެޕްޓަން ރަށު ތެރެއަށް އައިސް ބަހާނެ،" ޕްލޭކުރިއަށް ދާ ގޮތް ކިޔައިދެމުން ޝަރީފް ބުންޏެވެ.

ދެން އޮތީ މި ޕްލޭގެ އެންމެ ފޯރިގަދަ ހިސާބެވެ. މިއީ އަންހެން ވެރިންގެ ރޫހު ފެންނަ ހިސާބެކެވެ. އީދުގެ ދެވަނަ ދުވަހު އޮންނަ މި ޕްލޭގައި މީދޫގެ ކޮންމެވެސް އަންހެނަކު ނަވަށް ފަތާފައި ގޮސް އެޔަށް އަރައި ނަވުން ފަތްގަނޑެއް ނައްޓާލަން ޖެހެ އެވެ. މި ހިސާބުން ރަށުގައި ރަަސްމީކޮށް އީދު ފެންކުޅި ފެށުނީ އެވެ. އެ ދުވަހަކީ އަންހެނުން ފިރިހެނުން ގަޔަށް ފެން ޖަހާ ދުވަހެވެ. ފިިރިހެނުންނަށް އަންހެނުން ގަޔަށް ފެން ޖަހަން ހުއްދަ ލިބޭނީ ދެވަނަ ދުވަހު އެވެ. އޭގެ ކުރިން އެއީ މަނާކަމެކެވެ.

"މިއީ މިރަށުގެ ރައްޔިތުން އީދު ކުޅިވަރުގައި އެންމެ އިންތިޒާރު ކުރާ ކަންތައްތައް، ނަވުކޮޅު ކެނޑުން. މިއީ ރަށުގެ އެންމެން ވަރަށް ފޯރި ނަގާ ކަމެއް. ޒަމާނާ އެއްގޮތަށް ޕްލޭއަށް އާ ކަންކަން ވެސް އިތުރު ކުރަން ޒުވާނުން ވިސްނާ،" ޝަރީފް ބުންޏެވެ.

އެ ހިސާބުން ނަވުކޮޅު ކެނޑުމުގެ ރަސްމީ ބައި ނިމުނީ އެވެ. އެކަމަކު މި ކުޅިވަރަކީ އެ ރަށުގެ ކައިރި ރިސޯޓްތަކުން ވެސް ސަމާލުކަން ދޭ ކަމެކެވެ. ރަށާ ކައިރި ރިސޯޓްތަކުގެ މެނޭޖްމަންޓުން އެދިގެން މި ޕްލޭއަށް ތައްޔާރުކުރި ނަވުކޮޅު ރިސޯޓްތަކުގެ ފަޅަށް ވަދެ އެ ޕްލޭ ޓޫރިސްޓުންނަށް ދައްކާލަ އެވެ. އެ މީހުންނަށް މިކަން ވަނީ ވަރަށް ހައިރާން ކުރުވަނިވި މަޖާކަމަކަށެވެ. މީދޫ ރައްޔިތުން ނަވުކޮޅު ކެނޑުމުގެ ފޯރި ކައިރި ރިސޯޓްތަކާ ހަމަޔަށް ވެސް ވަނީ ގޮސްފަ އެވެ. މިއީ އެ ރަށުގެ ރައްޔިތުންނާ އީދު ބައްދަލު ކުރާ ގޮތެވެ. އަޅެ ތަފާތެއް ނޫން ހެއްޔެވެ؟